ޚަބަރު

"ޝަހީދުކޮށްލާފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ޢަދަދު ބަލައިގަންނަން ދަތި"


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ބަލައިގަންނަން ދަތި ކަމުގައި އެމެރިކާގެ ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިން ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވެފައި ވަނީ, ޒަޔަނިސްޓު އިސްރާއީލުގެ ޖައްބާރު ދިފާޢީ ވަޒީރު ޔޮއަވް ގެލަންޓާ ބައްދަލުކޮށް, ވާހަކަފުޅު ދައްކަވަމުންނެވެ.

އޮސްޓިން ގެލަންޓާ ބައްދަލު ކުރައްވާފައި މި ވަނީ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާއި ގަތުލުއާންމު ވަގުތުން މެދުކަނޑައިލުމަށް ގޮވައިލާ އދގެ ސަލާމަތީ މަޖިލީހުން ޤަރާރެއް ފާސްކޮށްފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް, ޔަހޫދީން ވަނީ އެ ޤަރާރު ބޮލާލާޖަހައި, ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ދެމުންދާ ޙަމަލާތައް އިތުރަށް ވަރުގަކޮށް, ފުޅާ ކޮށްފައެވެ.

"ފަލަސްޠީނުގެ ރައްޔިތުން ތަޙައްމުލު ކުރަމުން އެ ދަނީ އިންސާނީ މުސީބާތެއް. އެ މީހުންގެ ހާލަތު ދުވަހެއް ދުވަހަކަށް ދަނީ ގޯސްވަމުން. އެ މީހުން ހައިހޫނު ކަމުން ސަލާމަތް ކުރަން, ޣައްޒާއަށް އިންސާނީ އެހީގެ ސާމާނު އެތެރެކުރުން އިތުރު ކުރަން ޖެހޭ،" ޣައްޒާއަށް އިންސާނީ އެހީ އެތެރެ ކުރުން އިތުރު ކުރުމަށް ޔަހޫދީންނަށް ބާރު އަޅައި އޮސްޓިން ވިދާޅުވިއެވެ.

"ކަނޑުމަގުން ޣައްޒާއަށް އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދޭން އަޅުގަނޑުމެން [އެމެރިކާއިން] ކުރަމުންދާ މަސައްކަތްތަކުން ކޮންމެ ވެސް ވަރެއްގެ ތަސައްލީއެއް ލިބޭނެ. ނަމަވެސް, އެއްގަމު މަގުން އެހީ ވެއްދުން އިތުރު ކުރަން ޖެހޭ."

އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީން ވަނީ ޣައްޒާއަށް ވަދެނިކުމެ ވާން އޮތް ހުރިހާ މަގެއް ބަންދު ކޮށްފައެވެ. މިއީ, ޣައްޒާގެ ރައްޔިތުން ބަނޑުފުރާނަ މުއްތި ކުރެވޭނެ ދޮރުތައް ބަންދުކޮށް, އެ މީހުންނަށް ހައިހޫނު ކަމާ ކުރިމަތި ކުރުވަން ޔަހޫދީން ހިންގާ ލާއިންސާނީ ޖަރީމާއެކެވެ. ހަނގުރާމައިގެ ކުށެކެވެ. ޣައްޒާގެ އާބާދީގެ ބޮޑު އިންސައްތައެއް މިހާރު ވެސް ހައިހޫނު ކަމާ ހަނގުރާމަ ކުރަމުންދާ ކަމުގައި އދއިން ވެސް ވަނީ ބުނެފައެވެ.

ޔަހޫދީންނާ ދެކޮޅަށް އދގެ ސަލާމަތީ މަޖިލީހުން ދާދިފަހުން ފާސްކުރި ޤަރާރާ ގުޅިގެން އެމެރިކާއާއި ޒަޔަނިސްޓު އިސްރާއީލާ ދެމެދު ގުޅުންތައް ވަނީ ގޯސްވެފައެވެ. އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެ ޤަރާރު ފާސްވިޔަ ނުދިނުމަށް އެމެރިކާއަށް އަމުރު ކޮށްފައެވެ. ނަމަވެސް, އެމެރިކާއިން އެ ކަމާ ދެކޮޅު ހަދައި, ޤަރާރު ފާސް ކުރުމަށް ފުރުޞަތު ދިނެވެ. ޔަހޫދީން އަމުރު ކުރި ގޮތަށް ވީޓޯގެ ބާރު ބޭނުން ކުރުމުގެ ބަދަލުގައި އެމެރިކާއިން ވަކި ކޮޅަކަށް ވޯޓު ދީފައެއް ނުވެއެވެ.

މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ, ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ގަތުލުއާންމުތަކާ މެދު އެމެރިކާގެ ރައީސް ޖޯ ބައިޑަން ހިތްހަމަނުޖެހޭ މިންވަރު އެމެރިކާގެ މި އަމަލުން ސާފުވާ ކަމުގައެވެ. އަދި, ޖައްބާރު ނަތަންޔާހޫގެ އަމަލުތަކާ މެދު ބައިޑަން ހިތްހަމަނުޖެހޭ މިންވަރު ދޭހަވާ ކަމުގައެވެ. ޤަރާރާ ދެކޮޅަށް އެމެރިކާ ވޯޓު ނުދިނުމުން ޖައްބާރު ނަތަންޔާހޫ ވަނީ ބައިޑަންއަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.

ނަމަވެސް, ފާހަގަ ކޮށްލަން ޖެހޭ ކަމަކީ, ގެލަންޓް އެމެރިކާއަށް ގޮސްފައި މި ވަނީ ޔަހޫދީންގެ ޢުދުވާންތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިޔުމަށް ބޭނުންވާނެ އިތުރު ހަތިޔާރު ހޯދުމަށް ކަމެވެ. ޔަހޫދީންގެ ޢުދުވާނުގައި ބޭނުން ކުރަމުންދާ މިސައިލްތަކާއި, ބޮންތަކާއި, ބަރު ހަތިޔާރަކީ އެމެރިކާއިން ފޯރުކޮށްދީފައިވާ, އަދި މިހާރު ވެސް ފޯރުކޮށްދެމުންދާ ނުރައްކާތެރި ހަތިޔާރުތަކެކެވެ.

ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ބައިނަލްއަޤުވާމީ އިންސާނިއްޔަތާ ބެހޭ ޤާނޫނުތަކާ ޚިލާފު އެއްވެސް އަމަލެއް ހިންގާފައިވާ ކަމަށް އެމެރިކާއިން ގަބޫލެއް ނުކުރެއެވެ. އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މެތިއު މިލަރ ވިދާޅުވީ, ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ޔަހޫދީ ފައުޖުން ހިންގާފައިވާ އެއްވެސް އަމަލެއްގެ ހެއްކެއް ލިބިފައި ނުވާ ކަމުގައެވެ. މިއިން ވެސް ދޭހަ ކޮށްދެނީ, ދުނިޔޭގެ ކުރިމަތީގައި ފާޅުގައި އެމެރިކާއިން ޔަހޫދީންގެ ޢުދުވާނަށް ފާޑު ކިޔަމުން ދިޔަ ނަމަވެސް, ޔަހޫދީންގެ ޢުދުވާނަކީ އެމެރިކާގެ ފުރިހަމަ އެހީތެރި ކަމާއި އެއްބާރުލުމާ އެކުގައި ހިންގަމުންދާ ލާއިންސާނީ ޢުދުވާންތަކެއް ކަމެވެ.

އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ މި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 32,552އަށް އުފުލިފައެވެ. ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރެއިން 25,000އަކީ އަންހެނުންނާއި މައުސޫމު ކުޑަކުދިން ކަމުގައި އެމެރިކާގެ ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިން ދާދި ފަހުން ވިދާޅުވެފައިވެއެވެ. އަދި, މި ޢުދުވާނުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 74,980އަށް އުފުލިފައެވެ.