ކުޅިވަރު

އޮފީސް ޓޭޕްބޯލް: ތިން މެޗުންވެސް މޮޅުވެ ކަސްޓަމްސް ފައިނަލަށް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ދެވަނަ މުބާރާތް ކަމަށްވާ އޮފީސް ޓޭޕްބޯލްގައި ކުޅުނު ތިން މެޗުންވެސް މޮޅުވެ، ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ކަސްޓަމްސް ރެކްރިއޭޝަން ކުލަބު ފައިނަލަށް ދަތުރުކޮށްފިއެވެ.

މި ފަހަރުގެ އޮފީސް މުބާރާތުގައި އަށް ޓީމެއް ބައިވެރިވެފައިވާއިރު، މުބާރާތުގެ ކުޅުން ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕަކުންވެސް އެއްވަނަ ހޯދާ ޓީމެއް ފައިނަލަށް ދަތުރުކުރާއިރު، ކަސްޓަމްސްއިން ވަނީ ކުޅުނު ތިން މެޗުންވެސް މޮޅުވެ ގްރޫޕް އޭގެ އެއްވަނަ ހޯދާފައެވެ. ދެވަނައިގައި ނިންމި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއަށް ހަ ޕޮއިންޓް ލިބުނުއިރު، ތިންވަނައަށް ދިޔަ ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އަށް ލިބުނީ ތިން ޕޮއިންޓެވެ. އަދި ފުލުގައި ނިންމި ޓީމު ޚާރިޖީއަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި އިއްޔެ ހަވީރު ގްރޫޕް އޭގެ ފަހު މެޗުތައް ކުޅުނުއިރު، ކަސްޓަމްސްއިން ވަނީ ސިފައިންގެ ކުލަބާ ބައްދަލުކޮށް 34 ލަނޑުން މޮޅުވެފައެވެ.

މި މެޗުގެ ގުރުދިމާވުމުން ކަސްޓަމްސް އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު އެއްވެސް ކުޅުންތެރިއަކު ނުބައިނުވެ ވަނީ 117 ލަނޑު ހަދާފައެވެ. މި އިނިންގްސްގައި އެ ޓީމުގެ ނާއިލް އިސްމާޢީލް ނަސީރު ވަނީ 18 ބޯޅައިން 31 ލަނޑު ހަދާފައެވެ. އަދި އެ ޓީމުގެ ހައިކަލް 11 ބޯޅައިން 24 ލަނޑު ހެދިއިރު، މުޙައްމަދު އާމިރު ވަނީ 19 ބޯޅައިން 21 ލަނޑު ހަމަކޮށްފައެވެ. ޖަވާބުގައި ސިފައިންގެ ކުލަބު ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 83 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 15 ބޯޅައިން 26 ލަނޑު ހެދި އަޙްމަދު ތޮލާލެވެ.

އިއްޔެ ކުޅުނު އަނެއް މެޗުން ކުޅިވަރާ ބެހޭ ވުޒާރާ މޮޅުވީ ޓީމު ޚާރިޖީ އަތުން ހަ ވިކެޓުންނެވެ.

މި މެޗުގެ ގުރުދިމާވުމުން ޓީމު ޚާރިޖީ އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު އެއް ކުޅުންތެރިއަކު ނުބައިވެގެން ހެދުނީ 104 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 21 ބޯޅައިން 26 ލަނޑު ހެދި ސީބީއެމްގެ ރައީސް މުޙައްމަދު ފައިސަލާއި، ނުބައިނުވެ 24 ބޯޅައިން 17 ލަނޑު އެއްކުރި އަޙްމަދު ސަލްމާން ޒަކީއެވެ. ޖަވާބުގައި ކުޅިވަރާ ބެހޭ ވުޒާރާ ކުޅެން އަރައި ފަހު އޯވަރުގައި ވަނީ އެއް ކުޅުންތެރިއަކު ނުބައިވެގެން 105 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ އަށް ބޯޅައިން 34 ލަނޑު ހެދި ސައިފުލް އިސްލާމެވެ.