ޚަބަރު

ޙިޒްބުاللهން ރޮކެޓް ޙަމަލާތަކެއްދީ ޔަހޫދީންގެ އެކަކު މަރައިލައިފި


ލުބްނާނުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް, ޙިޒްބުاللهން ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކަށް އަމާޒުކޮށް ވަރުގަދަ ރޮކެޓް ޙަމަލާތަކެއް ދީފިއެވެ. ޙިޒްބުاللهގެ ގިނަ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ލުބްނާނާއި އިސްރާއީލް ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ޒަޔަނިސްޓުންގެ ރަށެއް ކަމުގައިވާ ކިރިޔަތް ޝްމޮނޭއަށެވެ.

މިއީ, ލުބްނާނުުގެ ދެކުނުގައި އޮންނަ އަލް-ހައްބާރިއްޔާއަށް ޔަހޫދީ ފައުޖުން ދާދިފަހުން ދީފައިވާ ވައިގެ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ދީފައިވާ ޙަމަލާތަކެއް ކަމުގައި ޙިޒްބުاللهން ބުނެއެވެ. އޮކްޓޫބަރު 7ވަނަ ދުވަހު ޔަހޫދީ ފައުޖުން ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ އުދުވާންތައް ހިންގަން ފެށި ފަހުން, ޙިޒްބުاللهއާއި ޔަހޫދީ ފައުޖާ ދެމެދު ކޮންމެ ދުވަހަކު ވެސް ދަނީ ޙަމަލާ ބަދަލު ކުރަމުންނެވެ.

ކިރިޔަތް ޝްމޮނޭއަށް ޙިޒްބުاللهން ދިން ވަރުގަދަ ރޮކެޓް ޙަމަލާތަކުގައި ޔަހޫދީ ޢާންމުންގެ އެކަކު ވަނީ މަރައިލާފައެވެ. ޒަޔަނިސްޓު އިސްރާއީލުގެ ކުއްލި ހާލަތްތަކާ ބެހޭ އިދާރާއިން ވަނީ އެ ކަން ކަށަވަރު ކޮށްދީފައެވެ. އެ އިދާރާއިން ބުނީ, ޙިޒްބުاللهގެ ޙަމަލާގައި މަރުވެފައި ވަނީ ކާރުޚާނާއެއްގައި މަސައްކަތް ކުރާ މުވައްޒަފެއް ކަމުގައެވެ.

އަލް-ހައްބާރިއްޔާއަށް ޔަހޫދީ ފައުޖުން ދިން ރަޙުމު ކުޑަ ޙަމަލާތަކުގައި ލުބްނާނުގެ ހަތް މީހުން ޝަހީދު ކޮށްލިއެވެ. އޭގެ ތެރޭގައި ލުބްނާނުގެ ސަލާމަތީ ބާރުގެ ދެ މެންބަރުން ހިމެނެއެވެ. ޔަހޫދީންގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އިންސާނީ އެހީގެ ޚިދުމަތްތައް ފޯރުކޮށްދޭ މަރުކަޒަކަށެވެ. މީގެ ކުރިން ވެސް ޔަހޫދީ ފައުޖުން ވަނީ ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދޭ މަރުކަޒުތަކަށް ޙަމަލާދީ, ޞިއްޙީ ޚިދުމަތްތެރިންގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު ޝަހީދު ކޮށްލާފައެވެ.

މިއީ, 2006 ވަނަ އަހަރު ޔަހޫދީ ފައުޖާއި ޙިޒްބުاللهއާ ދެމެދު ކުރި ހަނގުރާމައަށް ފަހު, ދެ ފަރާތުގެ ދެމެދުގައި މަސްރަޙު އެންމެ ހޫނުވެފައިވާ ދަނޑިވަޅެވެ. ދެ ފަރާތުން ވެސް ބުނަމުން ދަނީ އަލުން ހަނގުރާމައެއް ފަށަށް ބޭނުން ނުވާ ކަމުގައެވެ. ނަމަވެސް, ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލަން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނެތެވެ. އަދި, ޣައްޒާގެ މުސްލިމުންގެ ދިފާޢުގައި ދެމިއޮންނާނެ ކަމުގައި ޙިޒްބުاللهން ދަނީ ބުނަމުންނެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާންތައް ފެށުމާ އެކު, ޙިޒްބުاللهގެ އިތުރުން ޔަމަނުގައި ހަރަކާތްތެރިވާ ޙޫޘީ ޖަމާޢަތުގެ ހަނގުރާމަވެރިން ވެސް ވަނީ ޔަހޫދީންނާ ދެކޮޅަށް ތެދުވެފައެވެ. ޙޫޘީންގެ ޙަމަލާތައް އަމާޒު ކުރަމުން ދަނީ ރަތް ކަނޑު ހުރަސްކޮށް އިސްރާއީލަށް މުދާ އުފުލާ އުޅަނދުފަހަރަށެވެ. އަދި, ޔަމަނަށް ބޮން އަޅަމުންދާ އެމެރިކާއާއި އިނގިރޭސިވިލާތުގެ އަސްކަރީ މަނަވަރުތަކާއި, އެ ޤައުމުތަކާ ގުޅުން އޮތް އާގުބޯޓުފަހަރަށެވެ.