ޚަބަރު

އާރުޑީސީގެ ޚިޔާނާތުގެ މައްސަލައިގައި ފައްޔާޒު ފުލުހަށް ހާޒިރުކުރަނީ


  • ފައްޔާޒު ފުލުހަށް ހާޒިރުވާން އަންގަވާފައިވަނީ މާދަމާ މެންދުރު 3:00 އަށް

  • ސުވާލު ކުރަނީ އާރުޑީސީން މާލީ މަންފާއެއް ލިބިފައިވާ ކަމަށް ތުހުމަތުކުރެވޭތީ

  • ތަހުގީގަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ ޚިޔާނާތުގެ މައްސަލައިގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

ފައްޔާޒު ވަނީ މިކަން ހާމަކުރައްވާ ފައްޔާޒަށް ފޮނުއްވާފައިވާ ޗިޓު ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވާފައެވެ. އެ ޗިޓުގައި ބުނެފައިވާ ގޮތުގައި ފައްޔާޒު ފުލުހަށް ހާޒިރުކުރަނީ އާރުޑީސީއަށް ލިބޭ ފައިސާ އެ ކުންފުނީގެ އިސްވެރިންނާއި ކުންފުންޏާ ގުޅުން އޮންނަ ފަރާތްތަކަށާއި ކުންފުނިތަކަށް ދޫކޮށް، ކުންފުނީގެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ މައްސަލައިގައެވެ.

މި މައްސަލައިގައި ފައްޔާޒުއާ ސުވާލުކުރަނީ މި މައްސަލައިގައި އާރުޑީސީން ކޮށްފައިވާ މުއާމަލާތްތަކުގެ ތެރެއިން ފައްޔާޒަށް މާލީ މަންފާއެއް ލބވަޑައިގެންފައިވާ ކަމަށް ތުހުމަތުކުރެވޭތީ ކަމަށް ފުލުހުން ފޮނުވާފައިވާ ޗިޓުގައި ވަނީ ބުނެފައެވެ. ފައްޔާޒު ފުލުހަށް ހާޒިރުވާން އަންގަވާފައިވަނީ މާދަމާ މެންދުރު 3:00 އަށެވެ.

ޗިޓު ހިއްސާކުރައްވައި ފައްޔާޒު ވިދާޅުވެފައިވަނީ މިއީ އަސާސެއް ނެތް ސިޔާސީ ތުހުމަތުތަކެއް ކަމަށެވެ. އަދި ތުހުމަތެއް ކުރެވޭނެ އެފަދަ އެއްވެސް ކަމެއް ކުރައްވާފައިނުވާނެ ކަމަށާއި ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.

ކުރީ ސަރުކާރުގައި އުފެއްދި ކުންފުންޏެއްކަމަށްވާ އާރުޑީސީގެ އެކައުންޓަކުން، އެ ކުންފުނީގެ ވެރިއެއްގެ އެކައުންޓަކަށް 14 މިލިއަން ރުފިޔާ ވަދެފައިވާ މައްސަލަ ފެންމަތިވެގެން އެ މައްސަލަ ތަހުގީގުކުރަން ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުއެވެ. ފުލުހުން ވިދާޅުވެފައިވާ ގޮތުގައި ޚިޔާނާތްތެރިވިކަމަށް ބެލެވޭ ފައިސާ ކުރީ ސަރުކާރުގެ ބައެއް ވެރިންނާއި އެމީހުންގެ މަސްލަހަތު އޮންނަ ކުންފުނިތަކަށްވެސް ވަދެފައިވާކަން ތަހުޤީޤަށް ހާމަވެއެވެ.