ކުޅިވަރު

އޮފީސް ޓޭޕްބޯލް: ރައީސް އޮފީހާއި މީރާއަށް މޮޅެއް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ދެވަނަ މުބާރާތް ކަމަށްވާ އޮފީސް ޓޭޕްބޯލްގައި މިއަދު ކުޅުނު މެޗުތަކުން ރައީސް އޮފީހާއި، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މޮޅުވެއްޖެއެވެ.

ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް ބީގެ ފުރަތަމަ މެޗުން ރައީސް އޮފީސް މޮޅުވީ މޯލްޑިވްސް އިމިގްރޭޝަނާ ބައްދަލުކޮށް 41 ލަނޑުންނެވެ.

މި މެޗުގެ ގުރުދިމާވުމުން ރައީސް އޮފީސް އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ތިން ކުޅުންތެރިން ނުބައިވެގެން ވަނީ 125 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ އަށް ބޯޅައިން 32 ލަނޑު ހެދި މުޙައްމަދު ޝަހީލާއި، 17 ބޯޅައިން 32 ލަނޑު އެއްކުރި މެހެންދްރަން ރާޖޫއެވެ. ޖަވާބުގައި އިމިގްރޭޝަން ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ތިން ކުޅުންތެރިން ނުބައިވެގެން ހެދުނީ 84 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ ނުބައިނުވެ 21 ބޯޅައިން 23 ލަނޑު ހެދި މުޙައްމަދު ޒަކީއެވެ.

މީގެ އިތުރުން މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް ބީގެ ދެވަނަ މެޗުން މީރާ މޮޅުވީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓްސް އެންޑް ސިވިލް އޭވިއޭޝަނާ ބައްދަލުކޮށް 73 ލަނޑުންނެވެ.

މި މެޗުގެ ގުރުދިމާވުމުން މީރާ އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު އެންމެ ކުޅުންތެރިއަކު ނުބައިވެގެން ވަނީ 135 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 15 ބޯޅައިން 34 ލަނޑު ހެދި މުޙައްމަދު ޖިނާހް އިބްރާހީމާއި، 17 ބޯޅައިން 32 ލަނޑު އެއްކުރި ކަމްރުލް މީރާއެވެ. ޖަވާބުގައި ޓްރާންސްޕޯޓްސް މިނިސްޓްރީ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 62 ލަނޑެވެ.

މި ފަހަރުގެ އޮފީސް މުބާރާތުގައި އަށް ޓީމެއް ބައިވެރިވެފައިވާއިރު، މުބާރާތުގެ ކުޅުން ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހެވެ.