ކުޅިވަރު

ވީއޭއެމްގެ ރައީސްގެ މަގާމަށް އަނެއްކާވެސް ލަތީފް


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ހުސްވެފައިވާ ރައީސްގެ މަގާމަށް މުޙައްމަދު ލަތީފް އިންތިޚާބުކުރައްވައިފިއެވެ.

ވީއޭއެމުގެ ރައީސްގެ މަގާމު ހުސްވީ، 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވި މުޙައްމަދު ރަނޭޝް (ރަނޭ)، މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު މަގާމުން އިސްތިއުފާދެއްވުމުންނެވެ. އެއާއެކު ހުސްވެފައިވާ ހިންގާ ކޮމިޓީގެ މަގާމުތަކަށް މެންބަރުން އިންތިޚާބުކުރުމަށް ވީއޭއެމުން މަސައްކަތްކުރަމުން އަންނައިރު، އެންމެ ފުރަތަމަ އިންތިޚާބު ބާއްވަން ނިންމީ މި މަހުގެ 15 ވަނަ ދުވަހެވެ.

އޭގެ ފަހުން މި މަހުގެ 19 ވަނަ ދުވަހަށް އިންތިޚާބު ފަސްކުރަން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއްގައި ނިންމި ނަމަވެސް، އެ ކޮންގްރެސް ބަލައިނުގަންނަން ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ވަނީ ނިންމަވާފައެވެ. އެއާއެކު ވީއޭއެމުން ވަނީ ހިންގާ ކޮމިޓީގެ ބައްދަލުވުމުއް ބާއްވައި، މީގެ ކުރިން ބާއްވަން މަސައްކަތްކުރި އިންތިޚާބުގެ ކަންކަން ބާތިލުކުރުމަށް ނިންމާފައެވެ. އަދި އައު އިންތިޚާބެއް ވީއޭއެމުން ވަނީ މިރޭ ބާއްވާފައެވެ.

މީގެ ކުރިން އިއުލާންކުރި އިންތިޚާބުގައިވެސް ރައީސްގެ މަގާމަށް ލަތީފް އެކަނި ކުރިމަތިލެއްވިއިރު، މި ފަހަރުވެސް އިންތިޚާބުގައި ރައީސްގެ މަގާމަށް ކުރިމަތިލެއްވީ ލަތީފް އެކަންޏެވެ.

އޯޓީޕީ ބައި ސޮލައިޓް ރެސްޓޯރަންޓުގައި މިރޭ ބޭއްވި ވީއޭއެމުގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި މެންބަރު 10 ކުލަބުގެ ތެރެއިން އަށް ކުލަބެއްގެ މަންދޫބުން ވަނީ ބައިވެރިވެފައެވެ. އަދި މި ކޮންގްރެސްގައި ދުނިޔޭގެ ވޮލީބޯޅައިގެ މައި ޖަމުއިއްޔާ، އެފްއައިވީބިގެ މަންދޫބެއް ވަނީ އޮންލައިންކޮށް ބައިވެރިވެފައެވެ. މީގެ އިތުރުން ސްޕޯޓްސް ކޮމިޝަނާއި، ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ގެ ފަރާތުންވެސް އޮބްޒާވަރުން ވަނީ ބައިވެރިވެފައެވެ.

ވީއޭއެމުގެ ރައީސްގެ މަގާމަށް ލަތީފް އިންތިޚާބުވެވަޑައިގެންނެވިއިރު، ވީއޭއެމުގެ އަސާސީ ގަވާއިދު ބުނާ ގޮތުން މަގާމަކަށް އެއް ބޭފުޅަކު ކުރިމަތިލައްވައިފިނަމަ، ވޯޓަކާ ނުލައި އެ މަގާމަކަށް އެ ބޭފުޅަކު ހޮވިވަޑައިގަންނަވާނެއެވެ. އެހެންކަމުން ލަތީފް އާއެކު ހުސްވެފައިވާ ހިންގާ ކޮމިޓީގެ މަގާމުތަކަށް ކުރިމަތިލެއްވި މެންބަރުން ވަނީ ވޯޓަކާ ނުލައި އެ މަގާމުތަކަށް ހޮވިވަޑައިގެންފައެވެ.

ވީއޭއެމުގެ އިންތިޚާބުގައި މަގާމުތަކަށް ހޮވިވަޑައިގެންނެވި ބޭފުޅުން:

  • ރައީސް: މުޙައްމަދު ލަތީފް
  • ސީނިއަރ ނައިބު ރައީސް: މުޙައްމަދު ސާޖިދު
  • ނައިބު ރައީސް ވޮލީބޯލް: ޢަލީ ލަތީފް
  • ނައިބު ރައީސް އިދާރީ: ޢިއްޒަތު ވަޙީދު
  • ނައިބު ރައީސް އަންހެން: އާއިދާ ޢަބުދުލްޙަކީމް
  • ހިންގާ ކޮމިޓީ މެންބަރު: ފަތުޙުﷲ ވަޙީދު
  • ހިންގާ ކޮމިޓީ މެންބަރު: ސޮފްވާން އަޙްމަދު
  • ހިންގާ ކޮމިޓީ މެންބަރު: ޝިޔާމް ޢަލީ
  • ހިންގާ ކޮމިޓީ މެންބަރު/އަންހެން: ޢާއިޝަތު ފަތީނަތު

ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ގެ ރައީސްކަމުގެ ދެވަނަ ދައުރެއް ފުރުއްވަމުން އަންނަ ލަތީފް އަނެއްކާވެސް ވީއޭއެމުގެ ރައީސްގެ މަގާމަށް އިންތިޚާބުވެވަޑައިގެންނެވިއިރު، އޭނާ ވަނީ 2016 އިން 2019 އަށް ވީއޭއެމުގެ ރައީސްގެ މަގާމު ފުރުއްވާފައެވެ. އޭނާގެ މަގާމު އެ ފަހަރު ގެއްލުނީ ކުރީގެ ކޮމިޝަނަރ އޮފް ސްޕޯޓްސް ހީނާ އަޙްމަދު ސަލީމް، ވީއޭއެމުގެ މައްސަލައެއް ބަަލައި، އޭރު އޮތް ހިންގާ ކޮމިޓީ އުވާލައި، އެސޯސިއޭޝަން އިންޓަރިމް ހާލަތަކަށް ގެންނަން ނިންމުމުންނެވެ.

ވީއޭއެމުން ހުސްވެފައިވާ ހިންގާ ކޮމިޓީގެ މަގާމުތަކަށް ބޭފުޅުން އިންތިޚާބުކުރިއިރު، މިހާރު އޮތް ހިންގާ ކޮމިޓީގެ ދައުރު ހަމަވާނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ އެއްވަނަ ދުވަހެވެ.