ޚަބަރު

އިންޑިއާއިން ހަދިޔާކުރި 2 ވަނަ ހެލިކޮޕްޓަރު ރާއްޖެ ގެނެސްފި


އިންޑިއާ އަސްކަރިއްޔާގެ ފަރާތުން ރާއްޖެއަށް ހަދިޔާކުރި ދެވަނަ ހެލިކޮޕްޓަރ ރާއްޖެ ގެނެސްފިއެވެ. އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއާރޕޯޓުން މި ހެލިކޮޕްޓަރާ ހަވާލުވެވަޑައިގަތީ، ދިފާއީ ވަޒިރު އާދަމް ޝަރީފް އުމަރެވެ.

ރާއްޖޭގެ އަސްކަރިއްޔާ ވަރުގަދަ ކުރުމަށް ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އަސްކަރިއްޔާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ޚާއްސަކުރައްވައިގެން ރާއްޖެއިން ބޭރުގެ ތަމްރީނުގެ ފުރުސަތުތައްވެސް ދަނީ ހޯއްދަވައިދެއްވަމުންނެވެ. 

ރާއްޖޭގެ އަސްކަރިއްޔާ ވަރުގަދަ ކުރުމަށް އިންޑިއާ ސަރުކާރާއެކު ކުރެވުނު މަޝްވަރާތަކުގެ ދަށުން، އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރެއްވި، ދެވަނަ ހެލިކޮޕްޓަރު މިހާރުވަނީ މާލެ ގެންނަވާފައެވެ. 

އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއާރޕޯޓުން ހެލިކޮޕްޓަރާ ހަވާލުވެވަޑައިގަތުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ދިފާއީ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، މި ހެލިކޮޕްޓަރަކީ ވަސީލަތުގެ ގޮތުން ރަނގަޅު ހެލިކޮޕްޓަރެއްކަމަށެވެ. އަދި އިންޑިއާއަކީ އަސްކަރީ ގޮތުން އަބަދުވެސް ރާއްޖެއަށް އެހީތެރިވާ ޤައުމެއް ކަމަށާއި، ކައުންޓަރ ޓެރަރިޒަމް ގައިވެސް އިންޑިއާގެ އެހީތެރިކަން ރާއްޖެއަށް ލިބެމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

މި ހެލިކޮޕްޓަރުވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ލ.އަތޮޅުގައި ހުންނަ އަސްކަރީ މަރުކަޒުގައެވެ. މި ހެލިކޮޕްޓަރުވެސް ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ، މީހުން ހޯދުމަށް ހިންގާ ރެސްކިއު މިޝަންތަކުގަޔާއި، ބަލިމީހުން އެއްތަނުން އަނެއްތަނަށް އުފުލުމަށެވެ.