ޚަބަރު

ސަރުކާރު ހިންގިޔަނުދޭން ކުރާ މަސައްކަތް ހުއްޓުވޭނީ ސަރުކާރަށް މަޖިލިސް ލިބިގެން: ނައިބު ރައީސް


  • އެމްޑީޕީން ދައުލަތުގެ ހުރިހާ މިނިވަން މުއައްސަސާތައް ސަރުކާރުގެ އަތްމައްޗަށް ގެންދިޔަ

  • މަޖިލީހުގެ ތެރެއިން އޭރު އިދިކޮޅުގައި ތިއްބެވި މެންބަރުންގެ އަޑު ކަނޑުވާލަން މަސައްކަތް ކުރި

  • ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ކުރީ ސަރުކާރަށް ޙައްލު ނުގެނުވުނުކަމަށް

  • ރައްޔިތުން އެދޭ ކުރިއެރުން ގެނެވޭނީ ސަރުކާރަށް މަޖިލިސް ލިބިގެންކަމަށް

ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ހިންގިޔަ ނުދިނުމަށް އިދިކޮޅު އެމްޑީޕީން ކުރަމުން އަންނަ މަސައްކަތްތައް ހުއްޓުވޭނީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބު ސަރުކާރަށް ކާމިޔާބުކޮށްދީގެން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުޙައްމަދު ލަތީފު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރޭ ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުޙައްމަދު ލަތީފު ވަނީ، މާޒީގައި މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ދިނުމުން، މަޖިލީހުގައި ކަން ހިނގައިދިޔަ ގޮތާ ދޭތެރޭ ރައްޔިތުން ވިސްނުމަށް އެދިވަޑައިގެންފައެވެ. ރައްޔިތުން އޭރު އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ދިނީ ސަރުކާރު ހިންގުމަށް މަޖިލީހުން ލިބެން ޖެހޭ ފުރިހަމަ އެއްބާރުލުން ލިބިއްޖެނަމަ ރައްޔިތުން ބޭނުންވާ އަސާސީ ޚިދުމަތްތަކާއި އިތުރު ކުރިއެރުންތައް ލިބިގެންދާނެ ކަމުގެ އުއްމީދުގައި ކަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް އެ ޕާޓީއަށް ސުޕަ މެޖޯރިޓީ ލިބުމުން އާރާއި ބާރު ބޭނުންކޮށްގެން ދައުލަތުގެ ހުރިހާ މިނިވަން މުއައްސަސާތައް ސަރުކާރުގެ އަތްމައްޗަށް ގެންދިޔަ ކަމަށާއި، ނަމަވެސް އެ ޕާޓީން އޭރު ދައްކަމުން އައި ޑިމޮކްރަސީގެ ރީތި އުސޫލުތަކުގެ ވާހަކަތަކާއެއްގޮތަށް ރައްޔިތުންނަށް ކުރިއެރުން ނުގެނެވުނުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ މިހާރުގެ މަޖިލީހުގެ ތެރެއިން ކުރީ ސަރުކާރަށް ބަޖެޓަށް ބޭނުން ބަދަލުތަކެއް ގެނައުމުގެ އާރާއި ބާރު އޮތް ނަމަވެސް ރައްޔިތުން އެންމެ ބޭނުންވެފައި އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ވެސް ހައްލެއް ހޯދައި ނުދެވުނުކަމަށެވެ.

މީގެ އިތުރުން މަޖިލީހުގެ ތެރެއިން އޭރު އިދިކޮޅުގައި ތިއްބެވި މެންބަރުންގެ އަޑު ކަނޑުވާލަން އެމްޑީޕީން މަސައްކަތްކުރިކަމަށް ތުހުމަތުކުރައްވާ ނައިބު ރައީސް ވަނީ، އެމްޑީޕީން ކޮށްފައިވަނީ ހުދުމުހުތާރު ވެރިކަމެއްކަމަށް ސިފަކުރައްވާފައެވެ. އެހެންކަމުން، މިއަދު އިދިކޮޅުގައި ތިއްބަވައިގެން ސަރުކާރު ޖަވާބުދާރީ ކުރުވާނެ ކަމަށް އެ ޕާޓީން ބުނި ނަމަވެސް އެކަން ރައްޔިތުން ގަބޫލުނުކުރާނެކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"މިއަދު އޮޕޮޒިޝަނުގައި ތިބެގެން ސަރުކާރު ޖަވާބުދާރީ ކުރުވާނެ ކަމަށް ކޮން ރައްޔިތެއްތޯ ގަބޫލުކުރާނީ. ސަރުކާރަށް ދުއްތުރާކުރުން ނޫންކަމެއް އެ ފަރާތްތަކުން ކުރާނެތޯ. މިދިޔަ ދުވަސްކޮޅުގައި ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރުން ނޫން ވާހަކައެއް ނުދައްކާ. މިއީ ރައްޔިތުންނަށް ދުއްތުރާ ކުރުމަށް ސަރުކާރު ހިންގިޔަ ނުދިނުމަށް ކުރާ ކަންކަން. މިކަންކަން ހުއްޓުވޭނީ މިފަހަރު މަޖިލިހުގެ ސުޕަ މެޖޯރިޓީ ސަރުކާރާ ގުޅިގެން ހިދުމަތްކުރަން ދަންނަ ބަޔަކަށް ފުރުސަތު ދީގެން،" ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ ޕީޕީއެމް/ޕީއެންސީ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ދީގެން ތަރައްގީ އަތްފޯރާ ފަށަށް ގެނެވޭނެ ކަމަށެވެ. އެކަން އެޕާޓީންނާއި، މިހާރުގެ ރައީސުލްޖުމްހުރިއްޔާ ވެސް މާޒީގައި ސާބިތުކޮށްދެއްވާފައިވާކަމަށާއި، އެހެންކަމުން މި ލިބިފައިވާ ފުރުސަތު ދޫކޮށްނުލުމަށް އެމަނިކުފާނު ރައްޔިތުންނަށް ގޮވާލެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހަގީގީ މަޤްޞަދު ހާސިލްކުރެވޭނީ ތައުލީމީ، ކެރިގެން ވާހަކަދައްކާ އަދި ކޮމިޓީގެ މަސައްކަތްތަކަށް އެއްބާރުލުން ދެވޭނެވަރުގެ ގާބިލު ޒުވާނުން އިންތިޚާބުކޮށްގެން ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުޙައްމަދު ލަތީފު ވިދާޅުވިއެވެ.