ގައިން ގަޔަށް ނާރާ ބަލިތަކުގެ ތެރެއިން ރާއްޖެއިން އެންމެ ޢާންމުކޮށް ފެންނަ ބަލިތައް ފެތުރެމުންދާ ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ކުރުމަށް ތައްޔާރުވަމުންދާ ކަމަށް ޞިއްޙަތާ ބެހޭ ވަޒީރު ޑރ.އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
މަޖިލީހުގެ މެންބަރުންވަނީ ރާއްޖޭގައި ބޮޑެތި ބަލިތައް ފެތުރެމުންދާތާ ޒަމާންތަކެއް ވެފައިވާއިރު، މިކަމާއި ގުޅޭ ދިރާސާތައް، ޚާއްސަކޮށް ކެންސަރު ބަލި ޖެހޭ މީހުން ރާއްޖޭގައި އިތުރުވެފައިވާކަމަށް ވިދާޅުވެފައެވެ. މިކަމަށް ޚާއްސަ ދިރާސާއެއް ކުރުމަށް ސިއްްޙަތާ ބެހޭ ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ސުވާލުކުރެއްވިއެވެ.
މިކަމާއި ގުޅޭގޮތުން ޞިއްޙަތާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލް ވިދާޅުވީ ރާއްޖޭގައި ގައިން ގަޔަށް ނާރާ ބަލިތައް އިތުރުވަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ. މިކަމުގެ ސަބަބުތައް ދެނެގަތުމަށް ބޭރުގެ ޖަމުޢިއްޔާތަކާއި ގުޅިގެން މިކަމާއި ގުޅޭ ދިރާސާތައް ކުރުމަށް މަސައްކަތްކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
"ރާއްޖޭގެ ހެލްތް ބާޑަންގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ ގައިން ގަޔަށް ނުފެތުރޭ ބަލިތައް، އެހެންކަމުން މި ބަލިތަށް ފެތުރެމުންދަނީ ކޮން ކަމަކާއި ގުޅިގެން ތޯ، ރިސާރޗެއް ހެދުމަށް ޑަބްލިއުއެޗްއޯ އާއި ބޭރުގެ އެހެން ޖަމުޢިއްޔާތަކާވެސް ވާހަކަދައްކަމުން މިދަނީ،" ޞިއްޙަތާ ބެހޭ ވަޒީރު ޑރ.އަބްދުﷲ ޚަލީލް ވިދާޅުވިއެވެ.
ޑރ. ޚަލީލު ވިދާޅުވީ ރާއްޖޭގައި ކެންސަރު ބަލިވެސް ވަރަށް ބޮޑަށް އިތުރުވަމުން އަންނަކަމަށެވެ. އަދި ބައެއް ރަށްތަކުގައިވެސް މި ބަލި ފެތުރޭ މިންވަރު އެހެން ރަށްތަކަށްވުރެއް އިތުރުކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ބައެއް ރަށްތައްވެސް އެބަހުރި، ތަންކޮޅެއް އާދަޔާ ހިލާފަށް ފެތުރެމުންދާކަން ފާހަގަކުރެވޭ،" ޞިއްޙަތާ ބެހޭ ވަޒީރު ޑރ.އަބްދުﷲ ޚަލީލް ވިދާޅުވިއެވެ.
ރާއްޖޭގެ ސިއްޙީ ދާއިރާގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި ގައިން ގަޔަށް ނާރާ ބޮޑެތި ބަލިތައް ރާއްޖޭގައިވެސް އަންނަނީ އިތުރުވަމުންނެވެ. ރާއްޖޭގައި މަރުވާ މީހުންގެ ނިސްބަތުން %84 މީހުންނަކީ ގައިންގަޔަށް ނާރާ ބަލިތަކުގައި މަރުވާ މީހުންކަން ތަފާސް ހިސާބުތަކުން ދައްކައެވެ. ދުނިޔޭގެ އެހެން ޤައުމުތަކޭ އެއްގޮތަށް ކެންސަރު ބަލި ޖެހޭ މީހުން ރާއްޖޭގައިވެސް އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.