ޚަބަރު

އދ. ގެ ގަރާރާ އެއްގޮތަށް އަމަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިސްރާއީލަށް ގޮވާލައްވައިފި


  • ހަމަލާތައް ވަގުތުން ހުއްޓާލުމަށް އދ. ގެ ސަލާމަތީ މަޖިލީހުން ވަނީ ގަރާރެއް ފާސްކޮށްފައި

  • ހަމަލާތައް ދާއިމަށް ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައު މަސައްކަތް ކުރަން ޖެހޭ

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ވަގުތުން ހުއްޓާލުމަށް އދ. ގެ ސަލާމަތީ މަޖިލީހުން އިއްޔެ ފާސްކުރި ގަރާރާ އެއްގޮތަށް އަމަލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްރާއީލަށް ގޮވާލައްވައިފިއެވެ.

އދ. ގެ ސަލާމަތީ މަޖިލީހުން މި ގަރާރު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރި 15 ގައުމުގެ ތެރެއިން 14 ޤައުމުގެ ތާއީދާއެކުގައެވެ. ކުރިން މި ގަރާރު ފާސްކުރުމަށް ނެގި ވޯޓުތައް ވީޓޯކުރި އެމެރިކާއިން ވަނީ އިއްޔެގެ ވޯޓުގައި އެއްވެސް ކޮޅަކަށް ވޯޓު ނުދޭން ނިންމާފައެވެ.

ރަމަޟާން މަހު ހަމަލާތައް ހުއްޓާލުމަށް އދ. އިން ފާސްކުރި ގަރާރަށް މަރުހަބާ ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް އެފަދަ ގަރާރެއް ބޭނުންވެފައިވާތާ ގިނަ ދުވަސްވެފައިވާ ކަމަށެވެ. އަދި މި ގަރާރަށް ފުރިހަމައަށް ތަބާވުމަށް އެމަނިކުފާނު ވަނީ އިސްރާޢީލަށް ގޮވާލައްވާފައެވެ.

ރައީސް ވިދާޅުވީ ހަމަލާތައް ހުއްޓާލާނެ ކަމުގެ އުއްމީދަކީ އިސްރާއީލުން މެދުނުކެނޑި ދެމުން އަންނަ ހަމަލާތަކުގެ ތެރޭގައި ރަމަޟާން މަހުގެ ހަގީގީ ރޫހު ދައްކުވައިދެމުން އަންނަ ޣައްޒާގެ ރައްޔިތުންނަށް ލިނބިގެންދާނެ ލުޔެއް ކަމަށެވެ.

މި ހަމަލާތައް ދާއިމަށް ހުއްޓުވައި، އިސްރާއީލުން ނަސްލު ނައްތާލުމަށް ކުރަމުންދާ އަމަލުތައް ހުއްޓާލުމަށް ބައިނަލްއަގުވާމީ މުޖުތަމައު ގުޅިގެން މެދުނުކެނޑި މަސައްކަތް ކުރަން ޖެހޭކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ. އަދި ފަލަސްތީނަށްޓަކައި މުޅި ދުނިޔެވެސް އިތުރު ކަންކަން ކުރަން ޖެހޭކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ހަމަލާތައް ހުއްޓާލުމަށް ފާސްކުރި ގަރާރުގައި ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުން އެއްވެސް ޝަތުތަކާ ނުލައި ދޫކޮށްލުމަށް ވެސް ވަނީ ގޮވާލާފައެވެ.

އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ މި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 32,333އަށް އުފުލިފައެވެ. ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރެއިން 25,000އަކީ އަންހެނުންނާއި މައުސޫމު ކުޑަކުދިން ކަމުގައި އެމެރިކާގެ ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިން ދާދި ފަހުން ވިދާޅުވެފައިވެއެވެ. އަދި, މި ޢުދުވާނުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 74,694އަށް އުފުލިފައެވެ.