ކުޅިވަރު

ވެޓެރަންސް ލީގު: ހުއްރިއްޔާ ބަލިކޮށް ހުޅުމާލެ ވެޓެރަންސް ސެމީއަށް


އެފްއޭއެމް ވެޓެރަންސް ލީގު 2024 ގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ފަހަތުން އަރައި ހުއްރިއްޔާ ސްޕޯޓްސް ކުލަބު ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން ހުޅުމާލެ ވެޓެރަންސް ކުލަބުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ހެންވޭރު ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި އިއްޔެ ކުޅުނު ގްރޫޕް އޭގެ މެޗު ނިމެން ގާތްވެފައި ވަނިކޮށް، ހުއްރިއްޔާގެ އާދަމް ލަރީފް (ރޮނާ)، މެޗުގެ ރެފުރީއަށް ހަމަލާދިނުމާ ގުޅިގެން މެޗު ވަނީ މެދުކަނޑާލާފައެވެ. ރޮނާ ރެފުރީއަށް ހަމަލާދީފައިވަނީ އޭނާއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމުންނެވެ.

މެޗުގެ ކުޅުން މެދުކަނޑާލިއިރު 2-1 ގެ ނަތީޖާއަކުން ކުރީގައި އޮތީ ހުޅުމާލެ ވެޓެރަންސްއެވެ. އޭގެ ފަހުން މުބާރާތުގެ އިންތިޒާމު ކޮމިޓީން ވަނީ މެޗު މެދުކަނޑާލިއިރު އޮތް ނަތީޖާއިން މެޗު ނިމުނީ ކަމަށް ނިންމާފައެވެ.

އިއްޔެ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ހުއްރިއްޔާއިންނެވެ. މެޗުގެ 21 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން މައުސޫމް އަބްދުލް ގަފޫރެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ހުޅުމާލެ ވެޓެރަންސްއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު މުޙައްމަދު (އައްމަޑޭ) އެވެ.

މި މެޗުގެ ދެވަނަ ހާފުގައިވެސް ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފަހުކޮޅު ހުޅުމާލެ ވެޓެރަންސްއަށް ވަނީ ޕެނަލްޓީއެއް ދީފައެވެ. މިއީ އޭރިއާ ތެރެއިން އައްމަޑޭއަށް ހުއްރިއްޔާގެ ނަދީމް ކުރި ފައުލަކާ ގުޅިގެން ރެފުރީ ދިން ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ހުޅުމާލެ ވެޓެރަންސްއަށް ކާމިޔާބުކޮށްދިނީ ހުސެއިން ޝިމާޒް (ކޮކީ) އެވެ. މި ޕެނަލްޓީއާ ގުޅިހެން ހުއްރިއްޔާގެ ކުޅުންތެރިން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރިއިރު، މެޗުގެ ރެފުރީއަށް ރޮނާ ހަމަލާދިނުމާ ގުޅިގެން މެޗުގެ ކުޅުން މެދުކަނޑާލަން ޖެހުނީއެވެ.

މި މެޗުން ހުޅުމާލެ ވެޓެރަންސް މޮޅުވިއިރު، އެ ޓީމުން ވަނީ މިހާތަނަށް ކުޅުނު ތިން މެޗުންވެސް މޮޅުވެ ސެމީގެ ޖާގައެއް ހޯދާފައެވެ.

40 އަހަރުން މަތީގެ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ބާއްވާ ވެޓެރަންސް ލީގު މި ފަހަރު ކުރިއަށްދަނީ 10 ޓީމުގެ މެދުގައެވެ. ދެ ގްރޫޕަކަށް ބަހާލައިގެން މުބާރާތުގެ ކުޅުން ކުރިއަށްދާއިރު، ހުޅުމާލެ ވެޓެރަންސް އާއި ހުއްރިއްޔާގެ އިތުރުން ގްރޫޕް އޭގައި ހިމެނެނީ ޕޮލިސް ކުލަބާއި، ވިިލިމާލެ ޔުނައިޓެޑް އަދި ދިވެހި ސިފައިންގެ ކުލަބެވެ. ގްރޫޕް ބީގައި ހިމެނެނީ އެންމެ ފަހުގެ ރަނަރަޕް ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާއި، މޯލްޑިވްސް ސޮކަރ މޭޓްސް އާއި، މުއިވެޔޮ އާއި، ލެގޫންސް ސްޕޯޓްސް ކުލަބު އަދި ކުލަބު ސްޓެލްކޯއެވެ.