ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ދެވަނަ މުބާރާތް ކަމަށްވާ އޮފީސް ޓޭޕްބޯލްގައި އިއްޔެ ކުޅުނު މެޗުތަކުން ކަސްޓަމްސް ރެކްރިއޭޝަން ކުލަބާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ މޮޅުވެއްޖެއެވެ.
ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު ގްރޫޕް އޭގެ ފުރަތަމަ މެޗުން ކަސްޓަމްސް މޮޅުވީ ޓީމު ޚާރިޖީއާ ބައްދަލުކޮށް 89 ލަނޑުންނެވެ.
މި މެޗުގެ ގުރުދިމާވުމުން ކަސްޓަމްސް އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު އެއްވެސް ކުޅުންތެރިއަކު ނުބައިނުވެ ވަނީ 183 ލަނޑު ހަދާފައެވެ. އެ ޓީމުގެ މުޙައްމަދު އާމިރާއި ނާއިލް ނަސީރު 36 ލަނޑު ހެދިއިރު، ހައިކަލް ވަނީ އަށް ބޯޅައިން 32 ލަނޑު ހަމަކޮށްފައެވެ.
ޖަވާބުގައި ޓީމު ޚާރިޖީ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަތަރު ކުޅުންތެރިން ނުބައިވެގެން ހެދުނީ 94 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ ނުބައިނުވެ 21 ބޯޅައިން 20 ލަނޑު ހެއްދެވި ސީބީއެމްގެ ރައީސް މުޙައްމަދު ފައިސަލެވެ.
މީގެ އިތުރުން މި މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު ގްރޫޕް އޭގެ ދެވަނަ މެޗުން ކުޅިވަރާ ބެހޭ ވުޒާރާ މޮޅުވީ ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އާ ބައްދަލުކޮށް ފަސް ވިކެޓުންނެވެ.
މި މެޗުގެ ގުރުދިމާވުމުން ސިފައިންގެ ކުލަބު އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަތަރު ކުޅުންތެރިން ނުބައިވެގެން ހެދުނީ 81 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 11 ބޯޅައިން 19 ލަނޑު ހެދި މުޙައްމަދު ޝަރީފާއި، ނުވަ ބޯޅައިން 16 ލަނޑު އެއްކުރި އަޙްމަދު ތޮލާލެވެ.
ޖަވާބުގައި ކުޅިވަރާ ބެހޭ ވުޒާރާ ކުޅެން އަރައި ފަހު އޯވަރުގައި ވަނީ ދެ ކުޅުންތެރިން ނުބައިވެގެން 82 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ ނުވަ ބޯޅައިން 33 ލަނޑު ހެދި ސައިފުލް އިސްލާމެވެ. މި މެޗުގައި ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ކުޅުއްވިއިރު، ވަޒީރު ވަނީ ނުބައިނުވެ 13 ބޯޅައިން 11 ލަނޑު ހައްދަވާފައެވެ. އަދި ސްޓޭޓް މިނިސްޓަރ މުޙައްމަދު ރިޔާޟް ވަނީ ހަ ބޯޅައިން ހަތަރު ލަނޑު ހަމަކުރައްވާފައެވެ.
މި ފަހަރުގެ އޮފީސް މުބާރާތުގައި އަށް ޓީމެއް ބައިވެރިވެފައިވާއިރު، މުބާރާތުގެ ކުޅުން ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހެވެ.