ކުޅިވަރު

މި ރަމަޟާން މަހުވެސް ދުންތަރީގެ ވިދުން ގަދަ


ދުންތަރިއަކީ ޓޭބަލް ޓެނިހުގެ ވިދުން ގަދަ ބްރޭންޑެކެވެ. ޓީޓީ ކުޅުންތެރިން އެ މުބާރާތެއްގައި ކުޅެން އެންމެ ބޭނުންވާ އެއް މުބާރާތެވެ. މި އަހަރުގެ ރަމަޟާން މަހުވެސް ދުންތަރި އާއިލާގެ ފަރާތުން ވަނީ މާލޭ ޓީޓީ ހޯލުގައި ދުންތަރި މެމޯރިއަލް ޓީޓީ މުބާރާތް ކާމިޔާބުކަމާއެކު ބާއްވާފައެވެ.

ބޮޑެތި މީހުންނަށް އަމާޒުކޮށްގެން މީގެ ކުރިން މުބާރާތް ބޭއްވި ނަމަވެސް، މިހާރު ޖޫނިއަރ ކުޅުންތެރިންގެ ޑިމާންޑް ބޮޑުވެ، މުބާރާތް މިވަނީ ދުވަހެއް ދުވަހަކަށް ފޯރިގަދަވެފައެވެ. މި އަހަރުގެ މުބާރާތް ހުޅުވާލީ ހުރިހާ އުމުރުފުރައަކަށް ބައިވެރިވެވޭ ގޮތަށެވެ. އެ ގޮތަށް މުބާރާތް ހުޅުވާލީ މުބާރާތްތުގައި ބައިވެރިވާން ގިނަ ކުޅުންތެރިން އެދުމާއެކު، ވީހާވެސް ގިނަ ބަޔަކު މުބާރާތުގައި ބައިވެރިކުމުގެ މަގުސަދުގައި ކަމަށް ދުންތަރި މުބާރާތް އިންތިޒާމުކުރުމުގައި އެންމެ އިސްކޮށް ހަރަކާތެރިވާ އައިޝަތު އަލީފާ ވަނީ ބުނެފައެވެ.

މި އަހަރުގެ މުބާރާތުގައި އަށް ޓީމަކުން 72 ކުޅުންތެރިން ވާދަކުރިއިރު، މުބާރާތުގައި ވަނީ 165 މެޗު ކުޅެފައެވެ. މި ފަހަރު މުބާރާތުގައި އެންމެ ބޮޑަށް ވިސްނީ ވައިޑީޕީގައި ހަރަކާތްތެރިވާ ކުޅުންތެރިންނަށް ފުރުސަތު ދިނުމާއެކު، އެ ކުޅުންތެރިންނަށް ޓީމެއްގައި މަސައްކަތްކުރާނެ ގޮތް ދަސްކޮސްދިނުމަށް ކަމަށް އަލީފާ ބުންޏެވެ.

އަލީފާ ބުނީ މި ފަހަރު ބޮޑު ތަރުހީބެއް މުބާރާތަށް ލިބިގެން ދިޔައިރު، ހުސްވި އަހަރުތަކުގެ ދުންތަރި ކަޕާ އަޅާބަލާއިރު، މި އަހަރުގެ މުބާރާތުގައި ޖޫނިއަރ ކުޅުންތެރިން ގިނަ ކަމަށެވެ. އަދި މުބާރާތުގައި ބައިވެރިވި ޖޫނިއަރ ކުޅުންތެރިންގެ ހުނަރު ވަރަށް ރަނގަޅު ކަމަށް އަލީފާ ވަނީ ބުނެފައެވެ. އަލީފާ ބުނީ އެންމެ ބޮޑު ދައްޗަކީ މިކަހަލަ މުބާރާތަކަށް ރޯދަ މަހު ލިބިގެންދާ ވަގުތު ކަމަށެވެ.

"
އަޅުގަނޑުމެންނަށް ވަގުތު ކުޑައީ. ތަރާވީސް ނަމާދަށްފަހު މި ފެށެނީ. އަނެއްހެން ސްކޫލް ކުދިން ބައިވެރިވާތީ އެހާ ދަން ވަންދެންވެސް ނޯވޭ ކުޅެވޭކަށް. އަނެއްހެން މުބާރާތަށް މި ފަހަރުވެސް ވަރަށް ބޮޑު ތަރުހީބެއް ލިބުނު.
އައިޝަތު އަލީފާ

މުބާރާތް ފޯރިގަދަވުމުން މިހާރަށް ވުރެން އިތުރަށް ކުޅުންތެރިން ޓީމުތަކުގައި ހިމަނައިގެން މުސްތަގުބަލުގައި މުބާރާތް ފުޅާކުރުމަކީ ދުންތަރި އާއިލާގެ ވިސްނުމެކެވެ. އެގޮތުން ފާހަގަކޮށްލެވޭ ކުޅުންތެރިންތައް ޓީމުތަކުގައި ހިމަނައިގެން ކުރިއަށް ދިޔުމަކީ ދުރު ރާސްތާގައި ދުންތަރިން ގެންގުޅޭ ވިސްނުމެކެވެ.

ރަމަޟާން މަހާއެކު ޓީޓީގެ ކުޅަވަރުގެ ތެރެއިން ދުންތަރީގެ ވިދުންގަދެވެ، މި ވަނީ ޓީޓީގެ އައު ޖީލެއް އުފަންކުރުމުގެ ހަމައިގައެވެ.