ޚަބަރު

ޔަހޫދީންގެ ޢުދުވާންތައް މެދުކަނޑައިލަން ގޮވައިލާ އދގެ ސަލާމަތީ މަޖިލީހުން ޤަރާރެއް ފާސްކޮށްފި


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާންތައް ވަގުތީ ގޮތުން މެދުކަނޑައިލުމަށާއި, ޙަމާސް ޖަމާޢަތުން ރަހީނު ކޮށްފައިވާ އަސީރުން މިނިވަން ކުރުމަށް ގޮވައިލާ އދގެ ސަލާމަތީ މަޖިލީހުން ޤަރާރެއް ފާސްކޮށްފިއެވެ. އެ މަޖިލީހުގެ 15 މެންބަރުންގެ ތެރެއިން 14 މެންބަރުން މި ޤަރާރާ އެއްކޮޅަށް ވޯޓު ދީފައިވާއިރު, އެމެރިކާއިން އެއްވެސް ކޮޅަކަށް ވޯޓުލާފައެއް ނުވެއެވެ.

"ފަލަސްޠީނުގެ ރައްޔިތުން ތަޙައްމުލު ކުރަމުން އެ ދަނީ ވަރަށް ނިކަމެތި ހާލަތެއް. އެ މީހުންގެ ލޭއޮހޮރުވުން މާ ގިނަ ދުވަހަށް ދެމިގެން ގޮސްފި. ވަގުތު ފާއިތުވުމުގެ ކުރިން މި ލޭއޮހޮރުވުމަށް ނިމުމެއް ގެނައުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް،" އަލްޖީރިޔާއިން އދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އާމަރް ބިންޖަމާ ވިދާޅުވިއެވެ. ޔަހޫދީންގެ ޢުދުވާންތައް ހުއްޓައިލުމަށް ގޮވައިލާ ސަލާމަތީ މަޖިލީހަށް ޤަރާރު ހުށަހަޅާފައި ވަނީ އެ މަޖިލީހަށް އިންތިޚާބު ކޮށްފައިވާ 10 މެންބަރު ޤައުމުން ގުޅިގެންނެވެ.

މި ޤަރާރަށް ވޯޓަށް އެހުމުގެ ކުރިން ޒަޔަނިސްޓު އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެމެރިކާއަށް ވަރުގަދަ އިންޒާރެއް ދެއްވާފައެވެ. އަދި, އެމެރިކާއިން އެ ޤަރާރު ވީޓޯކޮށް, ބޭރުކޮށް ނުލައިފި ނަމަ, އިސްރާއީލުގެ ވަފުދެއް އެމެރިކާއަށް ކުރަން ހަމަޖެހިފައި އޮތް ދަތުރު ކެންސަލް ކުރާނެ ކަމަށް ބުނެ, އޭނާ އެމެރިކާއަށް އިންޒާރު ދީފައިވެއެވެ. ޢުދުވާންތައް ހުއްޓުވަން ގޮވައިލުމަކީ އެމެރިކާއިން ވެސް ރުހޭ ކަމެއް ނޫނެވެ.

"އަޅުގަނޑުމެން ވެސް މި ޤަރާރުގައިވާ ކަންކަމަށް ތާޢީދު ކުރަން. މިއީ ހަމައެކަނި ދައްކާ ވާހަކައެއް ނޫން. އަޅުގަނޑުމެން މި ދަނީ މި މައްސަލައަށް ސިޔާސީ ހައްލެއް ހޯދަން ރެޔާއި ދުވާލު މެދުނުކެނޑި މަސައްކަތް ކުރަމުން. މި ކަމަށް އޮތް ހަމައެކަނި ހައްލަކީ ސިޔާސީ ހައްލެއް. ޙަމާސުން އަސީރުން މިިނިވަން ކުރަން ފަށާ ހިސާބުން ޢުދުވާންތައް ވެސް މެދުކަނޑައިލެވޭނެ،" އެމެރިކާއިން އދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލިންޑާ ތޮމަސް-ގްރީންފީލްޑް ވިދާޅުވިއެވެ.

މި ޤަރާރުގައި ގޮވައިލާފައި ވަނީ, ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާންތައް ރަމަޟާން މަހުގެ ބާކީ އޮތް ދުވަސްތަކުގައި މެދުކަނޑައިލުމަށެވެ. އަދި, ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ރަހީނު ކޮށްފައިވާ ޔަހޫދީ އަސީރުން, އެއްވެސް ޝަރުޠަކާ ނުލައި މިނިވަން ކުރުމަށް ވެސް ޤަރާރުގައި ގޮވައިލާފައިވެއެވެ.

މީގެ އިތުރުން ޣައްޒާގައި ހާލުގައި ޖެހި, ހައިހޫނު ކަމާ ހަނގުރާމަ ކުރަމުންދާ 2.3 މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމުގެ މަސައްކަތްތައް ހަލުވި ކުރުމަށް ވެސް ޤަރާރުގައި ބާރުއަޅާފައިވެއެވެ. އަދި, ޣައްޒާގައި ދިރިއުޅޭ ޢާންމު ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރަން އެޅެން ހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް ވެސް, ޤަރާރުގައި ޔަހޫދީ ފައުޖަށް ވަނީ ބާރު އަޅާފައެވެ.

ޔަހޫދީންގެ ލާއިންސާނީ ޢުދުވާނާއި ގަތުލުއާންމު ހުއްޓުމަކަށް ގެނައުމަށް ގޮވައިލާ އދގެ ސަލާމަތީ މަޖިލީހަށް މީގެ ކުރިން ހުށަހެޅި ތިން ޤަރާރެއް އެމެރިކާއިން ވަނީ ވީޓޯގެ ބާރު ބޭނުންކޮށް, ފޭލު ކޮށްލާފައެވެ. އަދި, އިތުރު ދެ ޤަރާރަކަށް އެހި ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ. އެމެރިކާއިން އަބަދު ވެސް މަސައްކަތް ކުރަމުން ދަނީ ޔަހޫދީން ހިމާޔަތް ކުރާށެވެ. މި ކަމާ ގުޅޭ ގޮތުން އެމެރިކާއިން ދާދި ފަހުން ހުށަހެޅި ޤަރާރެއް, ޗައިނާއާއި ރަޝިޔާއިން ވަނީ ވީޓޯކޮށް ބޭރު ކޮށްލާފައެވެ.

އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ މި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 32,333އަށް އުފުލިފައެވެ. ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރެއިން 25,000އަކީ އަންހެނުންނާއި މައުސޫމު ކުޑަކުދިން ކަމުގައި އެމެރިކާގެ ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިން ދާދި ފަހުން ވިދާޅުވެފައިވެއެވެ. އަދި, މި ޢުދުވާނުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 74,694އަށް އުފުލިފައެވެ.