ޚަބަރު

"ޣައްޒާއަށް އެއްގަމު މަގުން ކާބޯތަކެތި ވެއްދުން ނޫން ގޮތެއް ނެތް"


ޣައްޒާގައި ހާލުގައި ޖެހިފައިވާ 2.3 މިލިޔަން މީހުން ހައިހޫނު ކަމުން ސަލާމަތް ކުރެވޭނީ އެ ސަހަރަށް އެއްގަމު މަގުން ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރަން ހުރަސް އެޅުން ހުއްޓައިލައިގެން ކަމުގައި އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވިދާޅުވެއްޖެއެވެ. ޣައްޒާއަށް އިންސާނީ އެހީގެ ސާމާނު ވައްދަން ފުރުޞަތު ދިނުމަށް ގުތެރޭޝް ގޮވައިލައްވާފައި ވަނީ, މިޞްރާއި ޣައްޒާ ގުޅޭ ސަރަޙައްދީ ރޮނގު ކައިރިއަށް ކުރެއްވި ދަތުރުފުޅެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހައިހޫނު ކަމަކީ ހަތިޔާރަކަށް ހަދައި, ޣައްޒާގެ މުސްލިމުން ބަނޑަށް ޖައްސައި, ނިކަމެތިކޮށް, ޝަހީދު ކުރަމުން ދަނީ ޒަޔަނިސްޓު އިސްރާއީލުގެ ޖައްބާރު ސަރުކާރާއި ޔަހޫދީ ފައުޖުންނެވެ. މިއީ, ހަނގުރާމައިގެ ކުށެއް ކަމަށް ބުނެ, އދއިން އެ ތަކެއް ފަހަރެއް މަތިން ވަނީ އިންޒާރު ކޮށްފައެވެ. ނަމަވެސް, ޣައްޒާގެ ރައްޔިތުން ހައިހޫނު ކަމުގައި ޝަހީދު ކުރުމުގެ ގޮތުން ޔަހޫދީން ދަނީ އެ ސަހަރަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ވައްދަން ހުރަސް އެޅުމުގެ ގޮތުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންނެވެ.

ރަފަޙުގެ ސަރަޙައްދީ ރޮނގު ކައިރީގައި ހުންނަވައި ވާހަކަފުޅު ދައްކަވަމުން ގުތެރޭޝް ވިދާޅުވީ, ޣައްޒާގެ ރައްޔިތުން ބަނޑަށް މަރުވުމުން ސަލާމަތް ކުރެވޭނީ އެއްގަމު މަގުން އެ ސަހަރަށް އެތެރެ ކުރާ ކާބޯތަކެތީގެ ޢަދަދު އިތުރު ކޮށްގެން ކަމުގައެވެ. އަދި, ޣައްޒާގެ އުތުރުގައިވާ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދެވޭނެ މަގުތައް ހުޅުވައިލައިގެން ކަމުގައެވެ. ނަމަވެސް, ޔަހޫދީ ފައުުޖުން ވަނީ އެހީގެ ސާމާނާ އެކު ދަތުރުކުރާ އުޅަނދުފަހަރާއި, އެހީއަށް މަޑުކޮށްގެން ތިބޭ ޣައްޒާގެ ރައްޔިތުންނަށް ވެސް ޙަމަލާތައް އަމާޒު ކުރަމުންނެވެ.

"[ޔަހޫދީ ފައުޖުން] ފަލަސްޠީނުގެ ރައްޔިތުންގެ އިންސާނީ ކަރާމާތް ނަގައިލުމުގެ ސަބަބުން މުޅި ބައިނަލްއަޤުވާމީ މުޖުތަމަޢުގެ އަގު ވެއްޓިއްޖެ. ފަލަސްޠީނުގެ އަންހެނުންނާއި ކުޑަކުދިންނާއި ފިރިހެނުން ދިރިހުރުމަށް ޓަކައި ކުރަމުންދާ ހަނގުރާމައަކީ ބިރުވެރި ހުވަފެނެއް ފަދަ ކަމެއް. ޣައްޒާގައި ބަޑީގެ ޙަމަލާތައް ހުއްޓައިލައި, އިންސާނީ އެހީތެރިކަމަށް ޓަކައި ޢުދުވާން ހުއްޓައިލަން މަޖުބޫރުވެފައިވާ ކަން މުޅި ދުނިޔެ ވެސް ގަބޫލު ކުރޭ،" ގުތެރޭޝް ވިދާޅުވިއެވެ.

ޣައްޒާގެ 2.3 މިލިޔަން ރައްޔިތުން ހައިހޫނު ކަމާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ބުނެ, އދއިން އެތަކެއް ފަހަރެއް މަތިން ވަނީ އިންޒާރުގެ ރަނގަބީލު ޖަހާފައެވެ. ނަމަވެސް, ޔަހޫދީ ފައުޖަށް, އަދި ޒަޔަނިސްޓު އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކަންފަތަށް އެ އަޑު އިވޭ ކަމަކަށް ނުހަދައެވެ. "ކުދިކުދި އެތިއެތިކޮޅުން [ކާބޯތަކެތި] ޣައްޒާއަށް ފޯރުކޮށްދިނުމަކީ ހައްލެއް ނޫން. އެ މީހުންނަށް ވަޢުދުވެފައިވާ ތަކެތި ފޯރުކޮށްދޭން ޖެހޭނެ،" ގުތެރޭޝް ވިދާޅުވިއެވެ.

ނަމަވެސް, ޣައްޒާގެ ޢުދުވާންތައް މެދުކަނޑައިލާ, އިންސާނީ އެހީ ވެއްދުމުގެ ބަދަލުގައި ޔަހޫދީ ފައުޖުން ދަނީ ޙަމަލާތަކާއި ގަތުލުއާންމު އިތުރަށް ވަރުގަދަ ކުރަމުންނެވެ. ޔަހޫދީ ފައުޖުން މިހާރު ދަނީ, ޣައްޒާގެ އެންމެ ދެކުނުން އޮތް ރަފަޙަށް އެއްގަމު މަގުން އަރައި ޢުދުވާންތައް ފުޅާ ކުރަން ތައްޔާރު ވަމުންނެވެ. ފަލަސްޠީނުގެ 1.5 މިލިޔަނެއްހާ މީހުން މި ވަގުތު ތިބި ރަފަޙަށް އެރުމާ ދެކޮޅަށް މުޅި ބައިނަލްއަޤުވާމީ މުޖުތަމަޢުން ދަނީ އަޑުއުފުލައި, ބާރު އަޅަމުންނެވެ.

އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ މި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 32,226އަށް އުފުލިފައެވެ. ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރެއިން 25,000އަކީ އަންހެނުންނާއި މައުސޫމު ކުޑަކުދިން ކަމުގައި އެމެރިކާގެ ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިން ދާދި ފަހުން ވިދާޅުވެފައިވެއެވެ. އަދި, މި ޢުދުވާނުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 74,518އަށް އުފުލިފައެވެ.