ކުޅިވަރު

އޮފީސް ޓޭޕްބޯލް: ޓްރާންސްޕޯޓް މިނިސްޓްރީ އާއި މީރާއަށް ރަނގަޅު ފެށުމެއް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ދެވަނަ މުބާރާތް ކަމަށްވާ އޮފީސް ޓޭޕްބޯލްގެ ފެށުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓްސް އެންޑް ސިވިލް އޭވިއޭޝަނާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ރަނގަޅުކޮށްފިއެވެ.

ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް ބީގެ ފުރަތަމަ މެޗުން ޓްރާންސްޕޯޓް މިނިސްޓްރީ މޮޅުވީ މޯލްޑިވްސް އިމިގްރޭޝަނާ ބައްދަލުކޮށް ހަތް ވިކެޓުންނެވެ.

މި މެޗުގެ ގުރުދިމާވުމުން އިމިގްރޭޝަން އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ތިން ކުޅުންތެރިން ނުބައިވެގެން ހެދުނީ 123 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 13 ބޯޅައިން 36 ލަނޑު ހެދި މުޙައްމަދު ޒަކީ އާއި، 23 ބޯޅައިން 26 ލަނޑު އެއްކުރި ސައިސް މުޙައްމަދެވެ.

ޖަވާބުގައި ޓްރާންސްޕޯޓް މިނިސްޓްރީ ކުޅެން އަރައި 7.4 އޯވަރުގެ ތެރޭގައި ވަނީ އެއްވެސް ކުޅުންތެރިއަކު ނުބައިނުވެ 125 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުގެ މުޙައްމަދު އަފްލާހް ވަނީ 13 ބޯޅައިން 32 ލަނޑު ހަދާފައެވެ. އަދި އެ ޓީމުގެ އިބްރާހީމް ޔާސިރު ނުބައިނުވެ 17 ބޯޅައިން 28 ލަނޑު ހެދިއިރު، އާރިފް އަލީ ވަނީ ނުބައިނުވެ 16 ބޯޅައިން 25 ލަނޑު ހަމަކޮށްފައެވެ.

މީގެ އިތުރުން މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް ބީގެ ދެވަނަ މެޗުން މީރާ މޮޅުވީ ރައީސް އޮފީހާ ބައްދަލުކޮށް 56 ލަނޑުންނެވެ.

މި މެޗުގެ ގުރުދިމާވުމުން މީރާ އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު އެންމެ ކުޅުންތެރިއަކު ނުބައިވެގެން ވަނީ 138 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 15 ބޯޅައިން 33 ލަނޑު ހެދި މުޙައްމަދު ޖިނާހް އިބްރާހީމާއި، ނުވަ ބޯޅައިން 31 ލަނޑު ހެދި އެމްޑީ ޔާސިން އަލީގެ އިތުރުން 15 ބޯޅައިން 28 ލަނޑު އެއްކުރި ކަމްރުލް މީރާއެވެ. ޖަވާބުގައި ރައީސް އޮފީސް ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަތަރު ކުޅުންތެރިން ނުބައިވެގެން ހެދުނީ 82 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ ނުބައިނުވެ 22 ބޯޅައިން 27 ލަނޑު ހެދި ހުސެއިން ސާބިގެވެ.

މި ފަހަރުގެ އޮފީސް މުބާރާތުގައި އަށް ޓީމެއް ބައިވެރިވެފައިވާއިރު، މުބާރާތުގެ ކުޅުން ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހެވެ.