ކުޅިވަރު

ވީއޭއެމްގެ ރައީސްގެ މަގާމަށް މި ފަހަރުވެސް ކުރިމަތިލެއްވީ ލަތީފް އެކަނި


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ އިންތިޚާބުގައި ހުސްވެފައިވާ ރައީސްގެ މަގާމަށް މި ފަހަރުވެސް ކުރިމަތިލެއްވި ހަމައެކަނި ބޭފުޅަކީ ކުރީގެ ރައީސް މުޙައްމަދު ލަތީފް ކަމަށް އެ އެސޯސިއޭޝަނުން ބުނެފިއެވެ.

ވީއޭއެމުގެ ރައީސްގެ މަގާމަށް 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އިންތިޚާބުވެވަޑައިގެންނެވި މުޙައްމަދު ރަނޭޝް (ރަނޭ) ވަނީ މިދިޔަ މަހުގެ ފަހުކޮޅު މަގާމުން އިސްތިއުފާދެއްވާފައެވެ. އެއާއެކު ހުސްވެފައިވާ ހިންގާ ކޮމިޓީގެ މަގާމުތަކަށް މެންބަރުން އިންތިޚާބުކުރުމަށް ވީއޭއެމުން މަސައްކަތްކުރަމުން އަންނައިރު، އެންމެ ފުރަތަމަ އިންތިޚާބު ބާއްވަން ނިންމީ މި މަހުގެ 15 ވަނަ ދުވަހެވެ.

އޭގެ ފަހުން މި މަހުގެ 19 ވަނަ ދުވަހަށް އިންތިޚާބު ފަސްކުރަން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއްގައި ނިންމި ނަމަވެސް، އެ ކޮންގްރެސް ބަލައިނުގަންނަން ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ވަނީ ނިންމަވާފައެވެ. އެއާއެކު ވީއޭއެމުން ވަނީ ހިންގާ ކޮމިޓީގެ ބައްދަލުވުމުއް ބާއްވައި، މީގެ ކުރިން ބާއްވަން މަސައްކަތްކުރި އިންތިޚާބުގެ ކަންކަން ބާތިލުކުރުމަށް ނިންމާފައެވެ. އަދި އައު އިންތިޚާބެއް އަންނަ އަންގާރަ ދުވަހުގެރޭ ބޭއްވުމަށްވެސް ނިންމާފައެވެ.

މީގެ ކުރިން އިއުލާންކުރި އިންތިޚާބުގައިވެސް ރައީސްގެ މަގާމަށް ކުރިމަތިލެއްވީ ލަތީފް އެކަންޏެވެ. އަދި މި ފަހަރުގެ އިންތިޚާބުގައިވެސް ރައީސްގެ މަގާމަށް ލަތީފް އެކަނި ކުރިމަތިލެއްވިއިރު، މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުގެ މެންދުރުފަހު 14:00 ގެ ނިޔަލަށް ވަނީ ހަމަވެފައެވެ.

ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ގެ ރައީސްކަމުގެ ދެވަނަ ދައުރެއް ފުރުއްވަމުން އަންނަ ލަތީފް ވަނީ 2016 އިން 2019 އަށް ވީއޭއެމުގެ ރައީސްގެ މަގާމު ފުރުއްވާފައެވެ. އޭނާގެ މަގާމު އެ ފަހަރު ގެއްލުނީ ކުރީގެ ކޮމިޝަނަރ އޮފް ސްޕޯޓްސް ހީނާ އަޙްމަދު ސަލީމް، ވީއޭއެމުގެ މައްސަލައެއް ބަަލައި، އޭރު އޮތް ހިންގާ ކޮމިޓީ އުވާލައި، އެސޯސިއޭޝަން އިންޓަރިމް ހާލަތަކަށް ގެންނަން ނިންމުމުންނެވެ.

ވީއޭއެމުގެ އިންތިޚާބުގައި މަގާމުތަކަށް ކުރިމަތިލެއްވި ބޭފުޅުން:

  • ރައީސް: މުޙައްމަދު ލަތީފް
  • ސީނިއަރ ނައިބު ރައީސް: މުޙައްމަދު ސާޖިދު
  • ނައިބު ރައީސް ވޮލީބޯލް: ޢަލީ ލަތީފް
  • ނައިބު ރައީސް އިދާރީ: ޢިއްޒަތު ވަޙީދު
  • ނައިބު ރައީސް އަންހެން: އާއިދާ ޢަބުދުލްޙަކީމް
  • ހިންގާ ކޮމިޓީ މެންބަރު: ފަތުޙުﷲ ވަޙީދު
  • ހިންގާ ކޮމިޓީ މެންބަރު: ސޮފްވާން އަޙްމަދު
  • ހިންގާ ކޮމިޓީ މެންބަރު: ޝިޔާމް ޢަލީ
  • ހިންގާ ކޮމިޓީ މެންބަރު/އަންހެން: ޢާއިޝަތު ފަތީނަތު

ވީއޭއެމުން އިންތިޚާބެއް ބާއްވަން މަސައްކަތްކުރަމުން އަންނައިރު، ސްޕޯޓްސް ކޮމިޝަނަރު މީގެ ކުރިން ވަނީ އިންތިޚާބުގެ ކަންކަން މަޑުޖައްސާލުމަށް އަންގާފައެވެ. އެކަމަކު އޭގެ ފަހުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއި ސްޕޯޓްސް ކައުންސިލް ހިމެނޭ ގޮތަށް ބޭއްވި ބައްދަލުވުމެއްގައި ވަނީ ވީއޭއެމުގެ އޮޑިޓުގެ މަސައްކަތް ކުރަަން މުހުލަތެއްދިނުމަށްފަހު، ގާނޫނީ ގޮތުން ދެން ފުރިހަމަވާން ޖެހޭ ކަންކަންވެސް ފުރިހަމަކޮށް، ހުސްވެފައިވާ ހިންގާ ކޮމިޓީގެ މަގާމުތަކަށް މެންބަރުން އިންތިޚާބުކުރުމުގެ ފުރުސަތު ދީފައެވެ.