ޚަބަރު

މެތަޑޯން ފަރުވާ ފުރިހަމަކުރުމަށް ހުރި، ޤާނޫނީ ހުރަސްތަކަށް ހައްލު ހޯދައިދޭނަން: ރައީސް


  • ރައީސް މިހެން ވިދާޅުވީ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި

  • ފަރުވާ މެދުކަނޑާލުމަށްފަހު ޖަލަށްދާން ޖެހޭ ހާލަތްތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް

  • ކަމާއި ގުޅުން ހުރި ފަރާތްތަކާއެކު މަޝްވަރާކުރައްވާނެ ކަމަށް ވިދާޅުވި

މަސްތުވާތަކެތީގެ ނުރައްކަލުގައި ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމުގައި ބޭނުންކުރާ މެތަޑޯން މެއިންޓަނަންސް ތެރަޕީ ފުރިހަމަ ކުރަމުންދާ ފަރާތްތަކަށް ޤާނޫނީގޮތުން ކުރިމަތިވާ ހުރަސްތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގެ ތެރެއިން މއ. ސްނޯލައިޓް އާމިނަތު ނަތާޝާ ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ. ނަތާޝާ ވަނީ ނޭޝަނަލް ޑްރަގު އެޖެންސީން ދޭ މަސްތުވާތަކެތީގެ ފަރުވާއެއް ކަމަށްވާ މެތަޑޯން ފުރިހަމަކުރަމުންދާ ފަރާތްތަކަށް، މަސްތުވާތަކެތީގެ ކުރީގެ މައްސަލައެއްގައި ރިހެބަށް ދިޔުމަށް ހުކުމް ކުރާ ކަމަށެވެ. އަދި މިގޮތަށް ހުކުމް ކުރުމުން ވަޒީފާ ދޫކޮށްލުމަށްފަހު ރިހެބަށް ދާން ޖެހޭތީ މިކަމަށް ހައްލެއް ހޯދައި ދިނުމަށް ނަތާޝާވަނީ އެދިފައެވެ.

މި ސުވާލަށް ޖަވާބުދެއްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މެތަޑޯން ފަރުވާ ފުރިހަމަ ކުރެވޭގޮތްތައް ޤާނޫނީ އިމުގެތެރެއިން ހަމަޖައްސަވާދެއްވާނެ ކަމަށެވެ.

" މިކަމާއި ގުޅޭގޮތުން ކަމާއި ގުޅޭ ފަރާތްތަކާއެކު މަޝްވަރާކުރާނަން، އަދި ޓްރީމަންޓު އެއްކޮށް ފުރިހަމަ ކުރެވޭނެ ގޮތްތައް ހަމަޖެއްސުމަށް ޤާނޫނީ އިމުގެތެރެއިން ގެންނަން ޖެހޭ ބަދަލުތައް ގެންނާނަން،" ރައީސް ވިދާޅުވިއެވެ.

މެތަޑޯންއަކީ މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ ފަރާތްތަކަށް ދެވޭ ފަރުވާއެކެވެ. މިފަރުވާގެ އެހީގައި މިފަދަ ފަރާތްތައް އަނބުރާ މުޖުތަމަޢަށް ގެނެވިފައިވެއެވެ.

މިސަރުކާރުން ދަނީ މަސްތުވާ ތަކެއްޗާއި ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް މިކަމާ ދުރުކުރުމަށް ދޭ ފަރުވާގެ ޚިދުމަތް ފުޅާކޮށް ގިނަ ބަޔަކަށް ފަރުވާ ދެވޭނެ އިންތިޒާމްތައް ހަމަޖެއްސެވުމުގެ މަސައްކަތް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ.
އެގޮތުން، ސަރުކާރާއި ހަވާލުވިއިރު މަސްތުވާތަކެތީގެ ވަބާގައި ޖެހި ފަރުވާއަށް ޙުކުމްކޮށް ފަރުވާ ނުދެވި ތިބި ގާތްގަނޑަކަށް 700 އެއްހާ މީހުންގެ ތެރެއިން 300 އެއްހާ މީހުންނަށް ފަރުވާ ދޭން މިހާރުވަނީ ފަށާފައެވެ.

މީގެ އިތުރުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށްވެސް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.