ޚަބަރު

ހިޔާ ފްލެޓް ސަރަހައްދުގެ ޓްރާންސްފޯމަރެއްގައި ކަރަންޓުގައި ޖެހިގެން މީހަކު މަރުވެއްޖެ


ހިޔާ ފްލެޓް ސަރަހައްދުގެ ޓްރާންސްފޯމަރެއްގައި ކަރަންޓުގައި ޖެހިގެން މީހަކު މަރުވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އެ މީހާ މަރުވެފައި އޮއްވާ ފެނިފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންތަކަކަށް ކަމަށެވެ. އެގޮތުން، ހިޔާ ޓަވަރު 3 ކައިރީގައި ހުންނަ ޓްރާންސްފޯމަރު ތެރޭގައި ކަރަންޓު ޖެހި، އަނިޔާތަކާއެކު ވެއްޓިފައި އޮތް މީހަކު ފެނިފައިވަނީ ރޭ ފަތިހު 4:07 ހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.

ޓްރާންސްފޯމަރު ތެރެއިން މަރުވެފައި އޮއްވާ ފެނުނީ 27 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ. ފުލުހުން ވިދާޅުވީ އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާކަމަށެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ސަރަހައްދުގެ ޓްރާންސްފޯމަރެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިފައިވާއިރު، ޓްރާންސް ފޯމަރުތަކުން ވައްކަންކުރާ މައްސަލަ ބޮޑުވެ އެކަން ސްޓެލްކޯއިންވަނީ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައެވެ.

އަދި ސްޓެލްކޯއިން ވަނީ ރޭ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބަހައްޓާފައިވާ ޓްރާންސްފޯމަރެއްގައި މީހަކު ކަރަންޓުގައިޖެހި ހިނގި ހާދިސާއަކީވެސް އެފަދަ ކަމެއްކުރަން އުޅެނިކޮށް ހިނގާފައިވާ ހާދިސާއެއްކަމަށް ތުހުމަތުކޮށްފައެވެ.