ޚަބަރު

ޑޮކްޓަރ ކަލާމް އެވޯޑް ރައީސް ޔާމީނަށް ލިބިވަޑައިގެންފި


އިންޑިޔާގެ ކުރީގެ ރައީސް ޑރ. އަބްދުލް ކަލާމްގެ ހަނދާނުގައި ދެއްވާ ޑރ. ކަލާމް ސްމްރިތީ އިންޓަރނޭޝަނަލް އެކްސަލަންސް އެވޯޑު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށް އަރުއްވައިފިއެވެ.

ރައިސުލްޖުމްހޫރިއްޔާ މި އެވޯޑު ޙާސިލްކުރެއްވުމާއި ގުޅިގެން އެމަނިކުފާނު ވެވަޑައިގެންފައިވަނީ މި އެވޯޑު ޙާސިލްކުރެއްވި ދުނިޔޭގެ ފުރަތަމަ ލީޑަރަށެވެ. މި އެވޯޑު ރައީސުލްޖުމްހޫރިއްޔާ އަރުއްވާފައިވަނީ އިންޑިޔާގެ ޓްރިވެންޑްރަމްގައި ހުންނަ ޑޭލް އިންސްޓިޓިއުޓްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިއަދު ހެނދުނުއެވެ.

ޑރ. ކަލާމް ސްމްރިތީ އިންޓަރނޭޝަނަލް އެކްސެލަންސް އެވޯޑަކީ، ޤައުމުތަކުގެ އިސްވެރިންގެ ތެރެއިން އެޤައުމެއްގެ ދެމެހެއްޓެނެވި ތަރައްޤީއަށް މަސައްކަތްކުރައްވާ ބޭފުޅުންގެ އަގު ވަޒަންކޮށް މިއަހަރުން ފެށިގެން ކޮންމެ އަހަރަކު އެއްފަހަރު ދިނުމަށް ހަމަޖެހިފައިވާ އެވޯޑެކެވެ. އިންޑިޔާގެ ޑޭލް ވިއު ގްރޫޕްއިން ދެއްވި މި އެވޯޑު މިއަހަރު ޙާސިލްކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމެވެ.

އެވޯޑު ދެއްވުމަށް އިންޑިޔާގެ ޑޭލްވިއު އިންސްޓިޓިއުޓްގައި ބޭއްވި ރަސްމިއްޔާތުގައި އަވޯޑާ ޙަވާލުވެވަޑައިގަތުމަށްފަހު ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވީ، އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޝަރަފަކީ ދިވެހިރާއްޖެއަށް ލިބުނު މަތިވެރި ޝަރަފެއް ކަމަށެވެ. އަދި އެޝަރަފު ލިބިވަޑައިގަތުމުގައި އެމަނިކުފާނު މެދުވެރިވީ ދިވިހި ރައްޔިތުންގެ ކުރިމަގު ބައްޓަން ކުރުމަށް އެމަނިކުފާނު އިޚްތިޔާރުކުރެއްވީތީ ކަމަށެވެ.

ރައީސް ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނުގެ ސަރުކާރުގެ ޚާއްސަ އިޤްތިޞާދީ ސިޔާސަތުގެ ދަށުން ދިވެހި ރާއްޖެއަށް ހެޔޮ ބަދަލުތަކެއް އަންނަމަންދާ ކަން މިހާރު ފެންނަމުންދާ ކަމަށް ވިދާޅުވިއެވެ. އެގޮތުން ތަރައްޤީޤގެ މަޝްރޫޢުގެ ތެރެއިން  ހުޅުލެއާ މާލެއާ ދެމެދު އަޅުއްވާ ބްރިޖްގެ މަޝްރޫޢު ރައީސް ފާހަގަކުރެއްވިއެވެ.

މި ސަރުކާރުގެ މުހިންމު ވަޢުދުތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ސަރުކާރުން އިސްކަމެއް ދެއްވަނީ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމަށާ އަންހެނުން ބާރުވެރިކުރުވުން ކަމަށެވެ. މީގެ އިތުރުން، ރައްޔިތުންނަށް ދިމާފެވައިވާ ދަތިތައް ޙައްލުކޮށްދިނުމާ ކުރީގެ ސަރުކާރުތަކުގެ ސަބަބުން ޤައުމުގެ ތަރައްޤީއަށް އެޅިގެން ދިޔަ ހުރަސްތައް ގިރާކޮށް ޤައުމަށް އިތުރު ތަރައްޤީ ގެނައުމަށް މަސައްކަތް ކުރުމަކީ މި ސަރުކާރުން އެންމެ އިސްކަން ދެއްވާ ކަންތައް ކަމުގައި ވިދާޅުވިއެވެ. ރައީސްގެ ވާހަކަފުޅުގައި އިންޑިޔާގެ ކުރީގެ ރައީސް ޑރ. ކަލާމްގެ ޚިދުމަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދެއްކެވިއެވެ.

އެވޯޑާ ޙަވާލުވެވަޑައިގަތުމަށް ރައީސް ޔާމީން ވަނީ ޑޭލްވިއު އިންސްޓިޓިއުޓްގެ އިންޓަރނޭޝަނަލް އޮޑިޓޯރިއަމް ހުޅުއްވައިދެއްވާފައެވެ.

އެވޯޑުގެ ދިނުމުގެ ރަސްމިއްޔާތުގައ ޑޭލް އިންސްޓިޓިއުޓްގެ ގިނަ އަދަދެއްގެ ދަރިވަރުންނާއި، އިސްވެރިންނާއި، އިންޑިޔާއަށް ދިވިހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙުމަދު މުޙައްމަދާއި ތްރިވަނަންތަޕޫރަމްގައި ހުންނަވާ ދިވެހިރާއްޖޭގެ ކޮންސަލް އަލީ ޢާދަމްގެ ކޮންސިއުލޭޓް އޮފީހުގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.