ޚަބަރު

ރަޝިޔާގައި ޓެރެރިސްޓު ޙަމަލާ ދިން މީހުންނަށް ހަރުކަށި އަދަބު ދޭނެ ކަމުގެ އިންޒާރު


ރަޝިޔާގެ ވެރިރަށް މޮސްކޯގެ ރަށްބޭރުގައި ހުންނަ ކޮންސަރޓް ހޯލަކަށް އަމާޒުކޮށް ދިން ޓެރެރިސްޓު ޙަމަލާގައި ޒިންމާވާ މީހުން ހޯދައި, އެ މީހުންނަށް ހަރުކަށި އަަދަބު ދޭނެ ކަމަށް ވިދާޅުވެ, ރައީސް ވްލަޑިމިޔަރ ޕުޓިން އިންޒާރު ދެއްވައިފިއެވެ. ކްރޯކޮސް ސިޓީ ހޯލުގައި ދީފައިވާ ޙަމަލާގައި ޢާންމުންގެ 133 މީހުން މަރުވިއެވެ. އަދި, ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމުވިއެވެ.

ޓެރެރިސްޓު ޖަމާޢަތް, އައިއެސުން ވަނީ މި ޙަމަލާގެ ޒިންމާ އުފުލާ ކަމަށް ބުނެފައެވެ. ނަމަވެސް, ރަޝިޔާއިން ގަބޫލު ކުރާ ގޮތުގައި, މި ޙަމަލާ ރާވައި ހިންގާފައި ވަނީ ޔޫކްރެއިންގެ ބައިވެރިވުމާ އެކުގައެވެ. ޔޫކްރެއިނުން ވަނީ އެ ތުހުމަތުތައް ދޮގު ކޮށްފައެވެ. މި ޙަމަލާގައި ޢާންމުންގެ 133 މީހުން މަރައިލާފައިވާ ކަމުގައި ރަޝިޔާގެ ދަޢުލަތުގެ ތަޙުޤީޤީ ކޮމިޓީން ބުނި ނަމަވެސް, ރަޝިޔާގެ ބައެއް މީޑިޔާތަކުން ވަނީ މަރުވި މީހުންގެ ޢަދަދު 143އަށް އުފުލިފައިވާ ކަމަށް ބުނެފައެވެ.

މި ޙަމަލާއާ ގުޅިގެން ވާހަކަފުޅު ދައްކަވަމުން ޕުޓިން ވަނީ, ޙަމަލާ ދިނުމުގައި ބައިވެރިވި 11 މީހުން ހައްޔަރު ކޮށްފައިވާ ކަން ހާމަ ކުރައްވާފައެވެ. އޭގެ ތެރޭގައި, ކޮންސަރޓް ހޯލް ތެރެއަށް ވަދެ, ޢާންމުންނަށް ބަޑިން ޙަމަލާދިން ހަތަރު މީހުން ހިމެނެއެވެ. "ޓެރެރިސްޓު ޙަމަލާ ދިނުމަށް ފަހު އެ މީހުން ވަނީ ފިލައިގެން ޔޫކްރެއިނަށް ދާން މަސައްކަތް ކޮށްފައި. އެ މީހުންނަށް ޔޫކްރެއިނަށް އެތެރެވެވޭނެ އިންތިޒާމުތައް އޮތީ ކުރީބައިގައި ހަމަޖައްސާފައި،" ޕުޓިން ވިދާޅުވިއެވެ. ޓެރެރިސްޓުން ހައްޔަރު ކޮށްފައި ވަނީ ޔޫކްރެއިންގެ ސަރަޙައްދީ ރޮނގު ކައިރިންނެވެ.

"ޓެރެރިސްޓު ޙަމަލާ ދިނުމުގައި ބައިވެރިވި މީހުންނާއި, މި ޙަމަލާ ރޭވި މީހުންނާއި, މި ޙަމަލާ ދިނުމަށް އަމުރު ކުރި ފަރާތްތައް ހޯދައި, އެ މީހުންނަށް އަދަބު ދޭނަން. ޓެރެރިސްޓުންގެ ފަހަތުގައި ފިލައި ތިބެ, ރަޝިޔާއާއި, ރަޝިޔާގެ ރައްޔިތުންނާ ދެކޮޅަށް ޙަމަލާ ދިނުމުގައި ބައިވެރިވި އެންމެން ހޯދައި އަދަބު ދޭނަން،" ޕުޓިން އިންޒާރު ދެއްވިއެވެ. ރަޝިޔާގެ ސަލާމަތީ ބާރު, އެފްއެސްބީން ވެސް ވަނީ, މި ޙަމަލާގައި ޔޫކްރެއިންގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކޮށްފައެވެ. ނަމަވެސް, އެ ކަމަށް ބާރުދޭ އެއްވެސް ހެއްކެއް ދައްކާފައެއް ނުވެއެވެ.

"[ރަޝިޔާއަށް އަމާޒުކޮށް ދިން] ޓެރެރިސްޓު ޙަމަލާގައި ޔޫކްރެއިންގެ އެއްވެސް ބައިވެރިވުމެއް ނެތް. ޔޫކްރެއިނުން ހަނގުރާމަ ކުރަމުން މި ދަނީ, ރަޝިޔާގެ އިސްތިޢުމާރީ ބާރުގެ އަތްދަށުން ޔޫކްރެއިންގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތް ކުރަން. ޔޫކްރެއިންގެ އަމިއްލަ ބިން ދިފާޢު ކުރަން. ރަޝިޔާގެ ޢާންމުންނާ މެދު އެއްވެސް ކޯޅުމެއް ނެތް،" ޔޫކްރެއިންގެ ޖާސޫސީ އިދާރާގެ ތަރުޖަމާނު އަންދްރީ ޔޫސޮވް ވިދާޅުވިއެވެ.

ކްރޯކޮސް ސިޓީ ހޯލަށް ދީފައިވާ ޓެރެރިސްޓު ޙަމަލާއަކީ އައިއެސުން ދީފައިވާ ޙަމަލާއެއް ކަމަށް ބެލުމުގެ ފުރުޞަތު އެބައޮތެވެ. ސޫރިޔާގައި ދާޚިލީ ހަނގުރާމައިގައި ރަޝިޔާއިން ވަނީ 2015 ވަނަ އަހަރުން ފެށިގެން ބައިވެރިވެ, ސޫރިޔާގެ ސަރުކާރުގެ ފައުޖުތަކާ އެކު އައިއެސާ ދެކޮޅަށް ހަނގުރާމަ ކޮށްފައެވެ. ސަލާމަތީ ދާއިރާގެ މާހިރުން ވެސް ބުނީ, ކްރޯކޮސްގައި ދީފައިވާ ޙަމަލާގައި އައިއެސްގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމުގައެވެ.

ކްރޯކޮސް ސިޓީ ހޯލަށް އަމާޒުކޮށް ދިން ޓެރެރިސްޓު ޙަމަލާ, ބައިނަލްއަޤުވާމީ މުޖުތަމަޢުން ދަނީ ކުށްވެރި ކުރަމުންނެވެ. އޭގެ ތެރޭގައި ހުޅަނގުގެ ބާރުތަކާއި އެމެރިކާ ވެސް ހިމެނެއެވެ. އަދި, ޢަރަބި ޤައުމުތަކާއި ކުރީގެ ރޫސީ ވިލާތުން ވަކިވި ޤައުމުތައް ވެސް ހިމެނެއެވެ. ދިވެހި ޚާރިޖިއްޔާއިން ވެސް ވަނީ މި ޙަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ.

"އަޅުގަނޑުމެން ޓެރެރިޒަމްގެ ހުރިހާ އަމަލެއް ކުށްވެރި ކުރަން. އަޅުގަނޑުމެން މި ވަގުތު މި ތިބީ ރަޝިޔާގެ ރައްޔިތުންނާ އެކު. ރަޝިޔާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ހިތާމައިގެ މި ދަނޑިވަޅުގައި އަޅުގަނޑުމެން ބައިވެރިވަން،" އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ވިދާޅުވިއެވެ.

ކްރޯކޮސް ސިޓީ ހޯލަށް ވަން ހަތިޔާރު އެޅި މީހުން ތިބީ ކެމޯފްލާޖް ޔުނީފޯމުގައެވެ. ހޯލަށް ވަނުމަށްފަހު, އެ ތަނުގެ ތެރޭގައި ތިބި މީހުންނަށް ޓެރެރިސްޓުން ވަނީ 'އޮޓޮމެޓިކް' ހަތިޔާރުން ޙަމަލާދީފައެވެ. ޙަމަލާ ދިން ވަގުތުގެ ވީޑިޔޯތައް ޢާންމު ކޮށްފައިވާއިރު, ވީޑިޔޯއިން ފެންނަނީ ހޯލުގައި ތިބި މީހުން އެ ތަން ދޫކޮށް ނިކުންނަން މަސައްކަތް ކުރާ މަންޒަރެވެ.

މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ގިނައީ ހަށިގަނޑަށް އުންޑަ އަރައިގެން މަރުވި މީހުންނެވެ. އަދި, ޓެރެރިސްޓުން ޢިމާރާތުގައި ހުޅު ޖެހުމާ ގުޅިގެން, ފިހިގެން ވެސް ބައެއް މީހުން މަރުވި ކަމުގައި ރަޝިޔާގެ ތަޙުޤީޤީ އިދާރާއިން ބުނެއެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ގިނަ ޢަދަދެއްގެ ކުޑަކުދިން ވެސް ހިމެނެއެވެ.