ކޮރަޕްޝަންގެ ތުޙުމަތުތަކާ ގުޅިގެން ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދާއި ގުޅުންހުރި ބައެއް ތަންތަން ބަލައި ފާސްކުރަމުންދާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭ.ސީ.ސީއިން ވިދާޅުވެއްޖެއެވެ.
ކޮރަޕްޝަނުގެ ބޮޑެތި ތުޙުމަތުތަކެއް ބެޑްމިންޓަން އެސޯސިއޭޝަނުގެ ވެރިންގެ މައްޗަށް އަމާޒުވެފައިވާއިރު، އޭ.ސީ.ސީގެ ތަޙްޤީޤު ޓީމެއް މިމަހުގެ 19 ވަނަ ދުވަހު ވަނީ ބެޑްމިންޓަން އެސޯސިއޭޝަނަށް ވަދެފައެވެ. އަދި މިމަހުގެ 22 ވަނަ ދުވަހު ބާއްވަން މަސައްކަތްކުރި އެ އެސޯސިއޭޝަންގެ އިންތިޚާބުގެ ކަންކަންވެސް އެ ކޮމިޝަނުން މައްސަލަ ތަޙްޤީޤުކޮށް ވަކި އެއްޗެއް އަންގަންދެން މަޑުޖައްސާލުމަށް އަންގާފައިވެއެވެ.
މި މައްސަލައާގުޅިގެން އޭ.ސީ.ސީއިން ވިދާޅުވީ، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގައި ހިންގާފައިވާ ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅިގެން، އެ ކޮމިޝަނުން ކުރިއަށްގެންދާ ތަޙުޤީޤުގެ ބޭނުމަށް އެ އެސޯސިއޭޝަނުގެ ރައީސްއާ ގުޅުންހުރި ބައެއް ތަންތަން ބަލައި ފާސްކުރަމުންދާކަމަށެވެ. އަދި މިކަން ކުރަމުންދަނީ ކޯޓު ޢަމުރެއްގެ ދަށުންކަމަށްވެސް އެ ކޮމިޝަނުން ވިދާޅުވިއެވެ. ނަމަވެސް މިކަމާގުޅޭ އިތުރު ތަފްޞީލެއް އޭ.ސީ.ސީއިން އަދި ހިއްސާކުރައްވާފައެއްނުވެއެވެ.
ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ މިހާރު ފުރުއްވަމުން އަންނަނީ އޭނާގެ ތިންވަނަ ދައުރެވެ. މޫސައާ މެދު ކުރެވޭ ސީރިއަސް ތުހުމަތުތަކެއްގެ ވާހަކަ އެކިއެކި ޕްލެޓްފޯމްތަކުގައި ދެކެވޭތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. އޭގެ ތެރޭގައި ކުރީގެ ބައެއް ބެޑްމިންޓަން ކުޅުންތެރިންވެސް ހިމެނެއެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުން އިންތިޚާބު ބާއްވަން އިއުލާންކުރުމާއެކު، އެ އިންތިޚާބުގެ ކަންކަން މަޑުޖައްސާލަން ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލްވެސް މީގެ ކުރިން ވަނީ އަންގަވާފައެވެ. އަދި މި ފަހުން ބޭއްވި ބައްދަލުވުމަކަށްފަހު ބެޑްމިންޓަން އެސޯސިއޭޝަނުގެ އިންތިޚާބުގެ ކުރިން އެ އެސޯސިއޭޝަންގެ ހިންގާ ގަވާއިދުގައި ހުރި މައްސަލަތަކަށް ހައްލު ހޯދައި، ލަފާދީފައިވާ ބަދަލުތައް ގެންނަން ޖެހޭ ކަމަށްވެސް ސްޕޯޓްސް ކޮމިޝަނަރު ވަނީ އަންގަވާފައެވެ. އެ ބައްދަލުވުމުގައި ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ މެމްބަރުންނާއި ކުޅިވަރާ ބެހޭ އެކި މުއައްސާސާތަކުން ބައިވެރިވިއެވެ.