ޚަބަރު

ހަވީރު ނޫހަށް އުނިކަން އަންނަފަދަ ކަމެއް ނުކުރުމަށް އަމުރުކޮށްފި


ހަވީރު ނޫހުގެ މިލްކުވެރިކަމުގެ ދަށުގައިވާ އެއްވެސް އެއްޗަކަށް އުނިކަން އަންނާނެ ފަދަ އެއްވެސް ޢަމަލެއް ނުކުރުމަށް އެނޫހުގެ ޗެއަރމަން ޑރ. ޒާހިރު ޙުސައިންނާއި އެނޫހުގެ މުވައްޒަފުންގެ މައްޗަށް ސިވިލްކޯޓުން އަމުރުކުރައްވައިފިއެވެ. 

ޑރ. ޒާހިރު ޙުސައިންނާއި ހަވީރުގެ އެންމެހާ މުވައްޒަފުންގެ މައްޗަށް ސިވިލްކޯޓުން މިއަދު މިއަދު ނެރުއްވި އަމުރެއްގައި ވަނީ ހަވީރުގެ މިލްކުވެރިކަމާމެދު ހުށައެޅިފައިވާ މައްސަލަ ވަކިގޮތެއް ނިމެންދެން ހަވީރާއި މުވައްޒަފުންނާ ދެމެދުވެފައިވާ އެއްބަސްވުމަށް އިޙްތުރާމްކުރުމަށް އަންގާކަމަށެވެ. އަދި ހަވީރުގެ އާކައިވާއި މުދަލާއި ތަކެއްޗާއި ޚަބަރާއި މަޢުލޫމާތާއި ފޮޓޯއާއި ވީޑިއޯއާއި ފައިސާއާއި އެންމެހާއި ރިސޯރސްތަކާއި ހަވީރުގެ މިލުކުވެރިކަމުގައިވާ މިނޫންވެސް އެންމެހައި ތަކެއްޗަށް އުނިކަން އަންނާނެފަދަ އެއްވެސް އަމަލެއް، ދިނުމަކުންވިޔަސް، ވިއްކުމަކުންވިޔަސް، ޙިއްޞާކުރުމަކުންވިޔަސް، ބުނުމަކުންވިޔަސް، އަދި މަންފާއެއް ލިބިގަތުންފަދަ ކަމަކުންވިޔަސް ނުކުރުމަށް ޒާހިރު ޙުސައިންނާއި ހަވީރު މީޑިއާ ގްރޫޕާއި ހަވީރުގެ މުވައްޒަފުންގެ މައްޗަށް އަންގާ އަމުރުކުރާކަމަށް ސިވިލް ކޯޓްގެ އަމުރުގައިވެއެވެ.

ސިވިލްކޯޓުން މި އަމުރު ނެރުއްވާފައިވަނީ ޑރ. ޒާހިރު ޙުސައިންނާއި އެނޫހުގެ އެއްވެސް މުވައްޒަފަކަށްވެސް އާ ނޫހެއް ނުހޭދޭނެކަމަށް ވަގުތީ އަމުރެއް ނެރެދެއްވުމަށް އެދިވަޑައިގެން ހަވީރު ނޫސް އެޖެންސީގެ ތިން ޙިއްޞާދާރުކަމަށްވާ ފާރޫގް ޙަސަނާއި އަލްއުސްތާޛު އިބްރާހީމް ރަޝީދު މުސާ އާއި މުޙައްމަދު ނަޢީމް އެދިވަޑައިގެން ހުށައެއްވުޅުމުންނެވެ.

ސިވިލްކޯޓުން މީގެ ކުރިން ވަނީ ހަވީރު ނޫހާއި ހަވީރު އޮންލައިން މި ތިން ޙިއްޞާދާރުންގެ ބަހެއް ނެތި ހިންގައިގެން ނުވާކަމަށް އަންގަވައިގެންވެސް އަމުރެއް ނެރުއްވާފައެވެ. އެއާއެކު ހަވީރު ނުހާއި ހަވީރު އޮންލައިން މަސައްކަތް ވަނީ ހުއްޓާލާފައެވެ.