ކުޅިވަރު

އޯޕަން ޓޭޕްބޯލް: މީޓިއޯސް ބަލިކޮށް ޗެމްޕިއަންކަން އެމްއޭސީއެލްއަށް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ފުރަތަމަ މުބާރާތް ކަމަށްވާ އޯޕަން ޓޭޕްބޯލްގެ ފައިނަލް މެޗުގައި މީޓިއޯސް ބަލިކޮށް، މުބާރާތުގެ ޗެމްޕިއަންކަން އެމްއޭސީއެލްއިން ހޯދައިފިއެވެ.

ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި މިއަދު ހަވީރު ކުޅުނު ފައިނަލް މެޗު އެމްއޭސީއެލްއިން ކާމިޔާބުކޮށްފައިވަނީ ނުވަ ވިކެޓުންނެވެ. އެ ޓީމުން މި އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދިއިރު، މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުގައި އެމްއޭސީއެލް ވަނީ އޭއާރްސީ އަތުން ބަލިވެފައެވެ.

މިއަދު ކުޅުނު މެޗުގެ ގުރުދިމާވުމުން މީޓިއޯސް އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 95 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 17 ބޯޅައިން 21 ލަނޑު ހެދި އިބްރާހީމް ސަދޫފާއި، ނުވަ ބޯޅައިން 13 ލަނޑު އެއްކުރި މުޙައްމަދު ރިޝްވާނެވެ.

ޖަވާބުގައި އެމްއޭސީއެލް ކުޅެން އަރައި ހަވަނަ އޯވަރުގެ ތެރޭގައި ވަނީ އެއްވެސް ކުޅުންތެރިއަކު ނުބައިނުވެ 99 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުއިބްރާހީމް ނަޝާތު ވަނީ 12 ބޯޅައިން 36 ލަނޑު ހަދާފައެވެ. އަދި އެ ޓީމުގެ އަމީލް އަޙްމަދު މައުރޫފް ވަނީ ނުބައިނުވެ 15 ބޯޅައިން 36 ލަނޑު ހަމަކޮށްފައެވެ.

މިއާއެކު ރަމަޟާން ކްރިކެޓް ކާނިވަލުގެ އޯޕަން ޓޭޕްބޯލް މުބާރާތުގެ ކުޅުން ނިމިގެންދިޔައިރު، ޖުމްލަ 32 ޓީމެއް ބައިވެރިވެފައިވާ ރަމަޟާން ކްރިކެޓް ކާނިވަލް މި އަހަރުވެސް ކުރިއަށްދަނީ ތިން މުބާރާތަކަށް ބަހާލައިގެންނެވެ. އެގޮތުން ކާނިވަލުގެ ދެވަނަ މުބާރާތް ކަމަށްވާ އޮފީސް ޓޭޕްބޯލް މުބާރާތުގެ ކުޅުން މާދަމާ ފަށާއިރު، އެ މުބާރާތުގައި ބައިވެރިވެފައިވަނީ އަށް ޓީމެކެވެ. އޮފީސް މުބާރާތް ކުރިއަށްދާނީ މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ކާނިވަލުގެ ފަހު މުބާރާތް ކަމަށްވާ ކޮމްޕެނީ މުބާރާތުގައި މި އަހަރު 12 ޓީމެއް ބައިވެރިވެފައިވާއިރު، އެ މުބާރާތުގެ ކުޅުން ކުރިއަށްދާނީ މި މަހުގެ 30 އިން އަންނަ އޭޕްރީލް މަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށެވެ.