ޚަބަރު

މާލޭގެ މިސްކިތްތައް ބަލަހައްޓަން 133 ދިވެހިން ހޯދަނީ، މުސާރަ 15000އާއި ހަމައަށް


  • ފޮޅާ ސާފުކުރުމާއި މަރާމާތުގެ މަސައްކަތްތަކަށް މުވައްޒަފުން ނަގާނެ

  • 7000-15000ގެ މުސާރައެއް ލިބޭ މަޤާމުތައް ހިމެނޭ

  • މާލޭގެ 142 މިސްކިތް ސިޓީ ކައުންސިލުން ބަލަހައްޓާ

މާލެ އާއި ހުޅުމާލޭގެ މިސްކިތްތައް ފޮޅާ ސާފުކުރުމާއި މަރާމާތުކުރުމުގެ މަސައްކަތް ހިމެނޭހެން 130އަށްވުރެ ގިނަ ދިވެހި މުވައްޒަފުން ނެގުމަށް ސިޓީ ކައުންސިލުން އިޢުލާންކޮށްފިއެވެ. މާލޭ ސަރަޙައްދުގައި 42 މިސްކިތެއް ބަލަހައްޓަމުން އަންނަނީ ސިޓީ ކައުންސިލުންނެވެ.

ސިޓީ ކައުންސިލުން އިޢުލާނުކޮށްފައިވަނީ މާލެ އަދި ހުޅުމާލޭގެ މިސްކިތްތައް ފޮޅާ ސާފުކޮށް ބެލެހެއްޓުމާއި ސުޕަވައިޒްކޮށް ބެލެހެއްޓުން އަދި މިސްކިތް މަރާމާތުކުރުމަށާއި މިސްކިތްތަކަށް ދިމާވާ އެކިކަހަލަ މައްސަލަތައް ޙައްލުކުމަށް ބޭނުންވާ މުވައްޒަފުން ނެގުމަށެވެ.

މީގެތެރޭގައި ރާނާ ސިމެންތިޖެހުން، ވެލްޑިން މަސައްކަތް، ވަޑާމުގެ މަސައްކަތް، ފެން އަދި ކަރަންޓު ވަޔަރުކުރުން އަދި ސައުންޑް ސިސްޓަމް ބެލެހެއްޓުމާއި ގުޅޭ 10 ވަޒީފާ ހިމެނެއެވެ. މިމަޤާމުތަކުގެ މުސާރައަކީ 15000 ރުފިޔާއެވެ.

ފޮޅާ ސާފުކުރުމުގެ މަސައްކަތަށް 110 މުވައްޒަފުން ނެގުމަށް ވަނީ އިޢުލާނުކޮށްފައެވެ. މަސައްކަތު މީހެއްގެ މުސާރައަކީ 12000 ރުފިޔާއެވެ.

މީގެއިތުރުން މަރާމާތާ ގުޅޭ މަސައްކަތްތަކާއި އެޑްމިނިސްޓްރޭޝަން އޮފިސަރ އަދި ސުޕަވައިޒަރުގެ މަޤާމާއެކު 13 ވަޒީފާ ހިމެނެއެވެ. މިމަޤާމުތަކުގެ މުސާރަ އުޅެނީ 7000-12000އާއި ދެމެދުގައެވެ. ޖުމްލަ 133 ވަޒީފާއަށް ސިޓީ ކައުންސިލުން ވަނީ ހުޅުވާލާފައެވެ.

ވަޒީފާތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ ބުރާސްފަތި ދުވަހެވެ. ފޯމު މާލެ ސިޓީ ކައުންސިލްގެ ވެބްސައިޓާއި އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ.

މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވީ ވީހާވެސް ގިނަ ދިވެހި އަންހެނުންނާއި ފިރިހެނުން މި ވަޒީފާތަކަށް ކުރިމަތިލުމަށް އެދޭކަމަށެވެ. މީގެކުރިންވެސް މި ވަޒީފާތަކަށް ދެ ފަހަރެއްގެ މަތިން ހުޅުވާލިނަމަވެސް، މީހުން ކުރިމަތިލި މިންވަރު މަދުކަން ފާހަގަކުރައްވަމުން އާޒިމް ވިދާޅުވީ ދިވެހިރާއްޖޭގެ މިސްކިތްތައް ބެލެހެއްޓުމުގައި ދިވެހިން އިސްނަގަންޖެހޭކަމަށެވެ. ވަޒީފާތަކަށް ދިވެހިން ކުރިމަތިނުލާނަމަ، އެ މަޤާމުތަކަށް ބިދޭސީން ނަގަން ސިޓީ ކައުންސިލަށް މަޖުބޫރުވާނެކަމަށް، ކައުންސިލް ބައްދަލުވުމެއްގައި އާޒިމް ވިދާޅުވެފައިވެއެވެ.

މިގޮތަށް ކުރިމަތިލާ ފަރާތްތަކަށް ވަޒީފާދޭއިރު، އެމީހަކު ދިރިއުޅޭ ސަރަޙައްދުގެ މިސްކިތްތަކުން ވަޒީފާ ހަމަޖެއްސުމަށް އިސްކަންދެއްވާނެކަމަށް މާލެ ސިޓީގެ މޭޔަރ އާޒިމް ވަނީ ވިދާޅުވެފައެވެ.