ކުޅިވަރު

އެފްއޭއެމް ނޯމަލައިޒްކުރަން ޖެހޭ: ޠާރިޤު


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގައި އެ ހުރި މައްސަލަތައް ހައްލުކޮށް ކަންކަން ރަނގަޅުކުރެވޭނީ ނޯމަލައިޒްކޮށްގެން ކަމަށް އިންތިޚާބުގައި ވާދަކުރައްވަން ކެންޑިޑެސީ ފޯމު ހުށަހެޅުއްވި އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް އަޙްމަދު ޠާރިޤު (ޓޮމް) ވިދާޅުވެއްޖެއެވެ.

ޠާރިޤު މި ގޮތަށް ވިދާޅުވީ އެފްއޭއެމުން އަންނަ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު ބާއްވަން މަސައްކަތް ކުރަމުން އަންނަ އެ އެސޯސިއޭޝަންގެ އިންތިޚާބުގެ ކަންކަން މަޑުޖައްސާލަން ފީފާ އާއި އޭއެފްސީން އެންގުމާ ގުޅިގެންނެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ޠާރިޤު ވަނީ ފީފާ އާއި އޭއެފްސީން އެފްއޭއެމުގެ އިންތިޚާބު މަޑުޖައްސާލަން މި ފަހަރު އެންގި ފަސް ސަބަބެއް ހާމަކޮށްފައެވެ.

އެގޮތުން މެންބަރު ކުލަބުތަކަަށް ބައިވެރިވުމުގެ ފުރުސަތު ގެއްލުވާލުމަށްފަހު ކޮމިޓީތައް އެކުލަވާލުމާއި، އިންތިޚާބުގެ ކުރިން ކުލަބު ވެލެންސިއާ ސަސްޕެންޑްކުރުން ހިމެނެއެވެ. އަދި އެފްއޭއެމަށް ލިބުނު ފީފާ ފަންޑްސް އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގެ ތަހުގީގު ހިނގަމުން ދިޔުމާއި، ފީފާގެ ކޮމްޕްލެއިންސް ތަހުގީގު ހިނގަމުންދާތީވެ، އެ އިދާރާއިން މިހާރުވެސް ޑިވެލޮޕްމަންޑް ފަންޑް އެފްއޭއެމަށް ދިނުން ހުއްޓަލިކަން އަންގާފައިވާ ކަމަށް ޠާރިޤު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ފީފާގެ ހުރިހާ ތުހުމަތަކާއި ތަހުގީގުތަކެއްގައި ފާހަގަކޮށްފައިވާ އެފްއޭއެމުގެ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް އިންތިޚާބުގައި ވާދަކުރައްވާއިރު، އިންތިޚާބެއްގައި ވާދަކުރުމުގެ ޝަރުތާ މެދު ސުވާލު އުފެދޭ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. އެއާއެކު އެފްއޭއެމް ނޯމަލައިޒްކޮށްގެން ނޫންގޮތަކަށް ކަންކަން ހަމައަކަށް ނޭޅޭނެ ކަމަށްވެސް ޠާރިޤު ވަނީ ވިދާޅުވެފައެވެ.

ނޯމަލައިޒްކުރުމަކީ މިހާރު އޮތް އެފްއޭއެމުގެ ލީޑަޝިޕް އަތުން އެތަނުގެ ހިންގުމުގެ ކޮންޓްރޯލް ނަގައި، ވަކި ކޮމިޓީއެއްގެ ދަށުން ކަންކަން ކުރިއަށް ގެންގޮސް އިންތިޚާބަކާ ހަމައަށް ގެންދިއުމެވެ. މީގެ ކުރިން ފީފާގެ އެންގުމާއެކު ދެ ފަހަރެއްގެ މަތިން ވަނީ ނޯމަލައިޒޭޝަން ކޮމިޓީއަކުން ވަނީ އެފްއޭއެމުގެ ކަންކަން ބަލަހައްޓާފައެވެ.