ޚަބަރު

ސައޫދީ އިޤްތިސާދަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް !


ސައޫދީ އަރަބިޔާގެ އިގްތިސާދު ތެލަށް ބަރޯސާވުމުން ސަލާމަތްކޮށް ސައޫދީ އިގްތިސާދަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ތަކެއް ގެނައުމުގެ ސްޓްރެޓީޖިކް ޕްލޭނެއް އެގައުމުން ހާމަކޮށްފިއެވެ. ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ދަރިކަލުން އަދި ވަލީއުލްއަހްދުގެ ނައިބު އަދި ދިފާއީ ވަޒީރު މުހައްމަދު ބިން ސަލްމާން އިޢްލާން ކުރެއްވި މިޕްލޭން ބިނާކޮށްފައިވަނީ ތެލަށް ބަރޯސާވާ ގައުމަކުން ތެލަށް ބަރޯސާ ނުވާ ގައުމަކަށް ސައޫދީ އިގްތިސާދު ބަދަލުކޮށްލުމުގެ މައްޗަށެވެ.

"ވިޝަން ޓުވެންޓީ ތާޓީ"ގެ ނަމުން ނަންދީފައިވާ މި ބޮޑު ޕްލޭން އެކުލެވިގެންވަނީ މައިގަނޑު ނުވަކަމެއްގެ މައްޗަށެވެ. މީގެތެރޭގައި ދޭއް ޓްރިލިޔަން ޑޮލަރާއި ދޭއް ޕޮއިންޓް ފަހެއް ޓްރިލިޔަން ޑޮލަރުގެ ސޮވެރިން ފަންޑެއް އުފެއްދުމާއި ސައޫދީ އިގްތިސާދުގައި ތެލުގެ ސެކްޓަރުގެ ނިސްބަތް ކުޑަކުރުމާއި ސައޫދީ އެންމެ ބިޔަ ކުންފުނިކަމަށްވާ "އަރާމްކޯ" ގެ ރައުސްމާލުގެ ބައެއް، ހިއްސާގެ ގޮތުގައި ވިއްކާލައި އެކުންފުނީގެ ހިންގުން ޒަމާނާ އެއްގޮތަށް އިސްލާޙް ކުރުން ހިމެނެއެވެ. 

މީގެ އިތުރުން އެހެންގައުމުތަކުގެ ރައްޔިތުންނަށް ދިގުމުއްދަތަކަށް ސައޫދީގައި ދިރިއުޅުމުގެ ފުރުސަތު ދިނުމާއި ސައޫދީ މުޖްތަމައު ފަތުރުވެރިކަމަށް ހުޅުވާލުމާއި މައްކާއާއި މަދީނާގެ މުގައްދަސް ބިންތަކަށް ޒިޔާރަތްކުރާ ހައްޖުވެރިންގެ އަދަދު އަށް މިލިޔަނުން ތިރީސް މިލިޔަނަށް އިތުރުކުރުމާއި ސައޫދީ ޕްރައިވެޓް ސެކްޓަރ ފުޅާކޮށް ވަޒީފާގެ ފުރުސަތުތައް އިތުރުކުރުންވެސް "ވިޝަން ޓުވެންޓީ ތާޓީ" ގެ ޕްލޭންގައި ހިމެނެއެވެ. 

މިޕްލޭންގައި ހިމެނޭ އެހެން ކަންތައްތަކުގެ ތެރޭގައި ސައޫދީގައި ހަތިޔާރުގެ ވަރުގަދަ ސިނާއަތެއް ބިނާކުރުމާއި ތެލުގެ ސެކްޓަރު ނޫން އެހެން ސެކްޓަރުތައްވެސް ބޭރުގެ އިންވެސްޓްމަންޓްތަކަށް ހުޅުވާލުމާއި ސައޫދީ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އެއްކޮށް ހައްލުކުރުމަށްޓަކައި ހައުސިންގެ ބިޔަ މަޝްރޫއުތަކެއް ހިންގުމުގެ އިތުރުން ސައޫދީ ސަރުކާރުގެ މުއައްސަސާތަކާއި ސަރުކާރުގެ ކުންފުނިތަކުގައި އަށަގެންފައިވާ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށްޓަކައި ހަރުކަށި ފިޔަވަޅުތައް އެޅުންވެސް ހިމެނެއެވެ. ސައޫދީ އަރަބިޔާއަކީ އެގައުމުގެ އިގްތިސާދުގެ ގާތްގަނޑަކަށް އަށްޑިހަ ފަހެއް އިންސައްތަ ތެލުގެ އާމްދަނީ އަށް ބަރޯސާވާ ގައުމެކެވެ. ފާއިތުވި ހަތަރު ވަރަކަށް އަހަރު ތެލުގެ އަގު އާދަޔާ ޚިލާފަށް ދަށަށްދިޔުމުގެ ސަބަބުން ސައޫދީ އަށް ލިބޭ ތެލުގެ އާމްދަނީ ވަރަށްބޮޑަށް ދަށަށްގޮސް އަހަރަކު ސަތޭކައެއްހާ ބިލިޔަން ޑޮލަރުގެ ބޮޑު ގެއްލުމަކާ އެގައުމު ކުރިމަތިލާން ޖެހިފައިވެއެވެ. މިއާއެކު ސައޫދީ ސަރުކާރަށްވަނީ އަހަރެއްގެ މައްޗަށް ހަތްދިހަ ވަރަކަށް ބިލިޔަން ޑޮލަރުގެ ބަޖެޓް ޑެފިސިޓަކާ ކުރިމަތިލާންޖެހި ފަހަށް ރައްކާކޮށްފައިވާ ރިޒާވް ފައިސާގެ ބޮޑުބައެއް ނަގައި ބަޖެޓް ދެކޮޅު ޖެއްސުމަށްޓަކައި އެފައިސާގެ ބޭނުން ކުރަންޖެހިފައެވެ. 

އެހެންކަމުން ފަހަށް ރައްކާކޮށްފައިވާ ސައޫދީ ރިޒާވް ފައިސާގެ ބޮޑުބައެއް މިކަމުގެ ސަބަބުން މަދުވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. "ވިޝަން ޓުވެންޓީ ތާޓީ" ގެނަމުން ނަންދީފައިވާ ސައޫދީ އިގްތިސާދީ އިސްލާހުގެ ބޮޑު ޕްލޭން އިއްލާން ކުރައްވަމުން ސައޫދީ ވަލީއުލްއަހްދުގެ ނައިބު އަދި ދިފާއީ ވަޒީރު މުހައްމަދު ބިން ސަލްމާން ވިދާޅުވީ މިއީ ތެލުގެ އަގު ކިތަންމެ ވަރަކަށް ދަށަށް ދިޔަނަމަވެސް ސައޫދީ އިގްތިސާދު ހީނަރުވެގެންނުދާނެ ވަރުގެ ވަރުގަދަ އަދި އުންމީދީ ޕްލޭނެއްކަމަށެވެ. އަދި މިޕްލޭންގެ ސަބަބުން ސައޫދީ އަރަބިޔާގެ އިގްތިސާދާއި އެގައުމުގެ މަލަމަތި މުޅިން ބަދަލުކޮށްލާނެކަމަށްވެސް މުހައްމަދު ބިން ސަލްމާން ވިދާޅުވިއެވެ.