ކުޅިވަރު

އޯޕަން ޓޭޕްބޯލް: އެމްއޭސީއެލް އާއި މީޓިއޯސް ފައިނަލަށް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ފުރަތަމަ މުބާރާތް ކަމަށްވާ އޯޕަން ޓޭޕްބޯލްގެ ފައިނަލަށް އެމްއޭސީއެލް އާއި މީޓިއޯސް ދަތުރުކޮށްފިއެވެ.

ދިވެހީންނަށް ހުޅުވާލައިގެން ކުރިއަށްދާ އޯޕަން މުބާރާތުގައި މި ފަހަރުވެސް 12 ޓީމެއް ވާދަކުރިއިރު، މުބާރާތުގެ ކުޅުން ކުރިއަށްދިޔައީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. މި މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ އެންމެ ފަހުގެ ރަނަރަޕް އެމްއޭސީއެލްއިން ހޯދީ މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗުގައި ފިނޮޅު ބީޗް އަތުން 57 ލަނޑުން މޮޅުވެގެންނެވެ.

ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި ކުޅުނު މި މެޗުގެ ގުރުދިމާވުމުން އެމްއޭސީއެލް އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަ ކުޅުންތެރިން ނުބައިވެގެން ވަނީ 161 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 25 ބޯޅައިން 98 ލަނޑު ހެދި އާދަމް ނާސިފް އުމަރެވެ. އަދި އެ ޓީމުގެ ލީމް ޝަފީގް ވަނީ ނުބައިނުވެ ނުވަ ބޯޅައިން 27 ލަނޑު އެއްކޮށްފައެވެ. ޖަވާބުގައި ފިނޮޅު ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ތިން ކުޅުންތެރިން ނުބައިވެގެން ހެދުނީ 104 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 18 ބޯޅައިން 26 ލަނޑު ހެދި އަލީ އިބްރާހީމާއި، ނުބައިނުވެ ނުވަ ބޯޅައިން 20 ލަނޑު އެއްކުރި އަދްލީ އަޙްމަދު ދީދީއެވެ.

މީގެ އިތުރުން މި މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ މީޓިއޯސްއިން ހޯދީ މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލް ދެވަނަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އޭއާރްސީ އަތުން 44 ލަނޑުން މޮޅުވެގެންނެވެ.

މި މެޗުގެ ގުރުދިމާވުމުން އޭއާރްސީ ގަސްދުކުރީ ހޮވުމަށެވެ. އެއާއެކު މީޓިއޯސް އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު އެންމެ ކުޅުންތެރިއަކު ނުބައިވެގެން ވަނީ 139 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 10 ބޯޅައިން 33 ލަނޑު ހެދި އިބްރާހީމް އަލީ އާއި، 12 ބޯޅައިން 33 ލަނޑު ހެދި ރަޔާން ތޮލާލުގެ އިތުރުން 14 ބޯޅައިން 29 ލަނޑު އެއްކުރި މުޙައްމަދު ރިޝްވާނެވެ. ޖަވާބުގައި އޭއާރްސީ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ދެ ކުޅުންތެރިން ނުބައިވެގެން ހެދުނީ 95 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ ނުބައިނުވެ 14 ބޯޅައިން 33 ލަނޑު ހެދި ހަސަން ރިޔާޒާއި، 19 ބޯޅައިން 21 ލަނޑު އެއްކުރި ހަސަން ރަޝީދެވެ.

މި މުބާރާތުގެ ފައިނަލުގައި އެމްއޭސީއެލް އާއި މީޓިއޯސް ބައްދަލުކުރާއިރު، ފައިނަލް މެޗު ކުޅޭނީ މާދަމާ ހަވީރެވެ.