ޚަބަރު

ޕްރިމިއަމް ފެރީގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލައިފި


އެމްޓީސީސީގެ ޕްރިމިއަމް ލިންކް ޚިދުމަތްދިނުމަށް ތަޢާރަފްކުރި އެއަރކޮނޑިޝަން 2 ފެރީގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލީ ޚިދުމަތް ރަނގަޅުކޮށް، ކޮންމެހެން ކުރަންޖެހޭ މަރާމާތެއް ކުރުމަށްކަމަށް އެކުންފުނިން ބުނެފިއެވެ. 

މިދިޔަމަހު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީން ތަޢާރަފްކުރި ޕްރިމިއަމް ލިންކްގެ ޚިދުމަތް ދިނުމަށް ހޯދާފައިވާ އެއަރކޮނޑިޝަން ދެ ފެރީގެ ޚިދުމަތް މެދުކަނޑާލާފައި ވަނީ ދެހަފްތާއަށެވެ. އެ ކުންފުނިން ބުނީ އެގޮތަށް ނިންމީ، އެއް މަސްދުވަހުގެ ޚިދުމަތަށްފަހު ކަސްޓަމަރުންގެ ފަރާތުން ލިބުނު ޚިޔާލުތަކާ އެއްގޮތަށް ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި ކޮންމެހެން ފެރީގައި ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތަކެއް ކުރުމަށް ކަމަށެވެ. 

ހުޅުމާލެއާއި މާލެއާ ދެމެދު ދަތުރުކުރާ ދަތުރުވެރިންގެ ފަސޭހައަކަށް އެކުންފުނިން ތަޢާރަފްކުރި ދުވެލިއަވަސް، ކޮއިމަލާ 1 އަދި 2 ޚިދުމަތަށް ނެރެފައިވަނީ މިދިޔަ މާރޗް މަހުގެ 3 ވަނަދުވަހުއެވެ. 

ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ ސީއީއޯ ވިދާޅުވީ ހުޅުމާލޭގެ އިތުރުން އެކުންފުނިން ފެރީގެ ޚިދުމަތް ދެމުން ގެންދާ އެހެން ބައެއް ސަރަޙައްދުތަކަށްވެސް ޕްރިމިއަމް ލިންކުގެ ޚިދުމަތް ފުޅާކުރާނެކަމަށެވެ. އެގޮތުން ވިލިމާލެ ސެކްޓަރއަށް މިޚިދުމަތް މިއަހަރު ތަޢާރަފްކުރެވޭނެކަމަށް ސީއީއޯ ވިދާޅުވިއެވެ.