ޚަބަރު

ސްވިސް ވިޔަފާރިވެރިއެއް ރަހީނުކުރިކަމުގެ ތުހުމަތު އަދީބަށް !


ސުވިޓްޒަލޭންޑްގެ މަޝްހޫރު ވިޔަފާރިވެރިޔާ ކްރިސްޓޮފަރ ޕީޓަރ ނިކޮލާ ގްރޯ ރަހީނުކުރި ކަމަށް ބުނާ މައްސަލައެއްގައި ތަހްގީގަށް ކުރީގެ ނާއިބް ރާއީސް އަޙުމަދު އަދީބާ ފުލުހުން ސުވާލުކުރައްވައިފިއެވެ. މި މައްސަލާގައި އަދީބާއި ސުވާކުރައްވާފައިވާކަން ހޯމް މިނިސްޓަރ އުމަރު ނަސީރުވެސް ވަނީ ޕީއެސްއެމްއަށް ކަށަވަރުކޮށްދެއްވާފައެވެ.

މިކަމާބެހޭގޮތުން އަޙުމަދު އަދީބްގެ މައްޗަށް ތުހުމަތުކޮށްފައިވާ މައްސަލާގައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތިންވަނަ ދުވަހު ސްވިސް ވިޔަފާރިވެރިޔާ ކްރިސްޓޮފަރ ދިރިއުޅޭ ގޭގައި އުޅެނިކޮށް ބަޔަކުލައްވާ އެނާ ރަހީނުކޮށް، 3 މިލިޔަން ޑޮލަރު ދިނުމަށާއި އެފައިސާ ނުދީފިނަމަ، މަރާލާނެކަމަށް ބުނެ އިންޒާރުދީފައިވާ ކަމަށެވެ. އަދި ކުރިސްޓޮފަރ އާއި އެނާގެ ޙިއްޞާ އޮންނަ ކުންފުންޏެއްކަމަށްވާ ނޫމަޑި ރިސޯރޓް އެންޑް ރެސިޑެންސަސްގެ މުވައްޒަފުންނަށް ބިރުދެއްކުމަށް އިރުޝާދުދެއްވައި، އެކަންކަމުގައި އިސްކޮށް ޙަރަކާތްތެރިވެވަޑައިގެން، އެކަންތައް ކުރުމަށް އަޙުމަދު އަދީބް ރޭއްވެވިކަމަށް ތުހުމަތުކުރާކަމަށް މައްސަލައިގައިވެއެވެ.

ކްރިސްޓޮފަރއަކީ ރާއްޖޭގައި ގިނަ މަޝަރޫޢުތަކެއް އިންވެސްޓްކުރަމުން ދިޔަ ނޫމަޑި ރިސޯރޓް އެންޑް ރެސިޑެންސަސް ވެރިޔާއެވެ.

ޑރ. މުޙައްމަދު ވަޙީދު ޙަސަންގެ ވެރިކަމުގައި ފުލުހުންނަށް ޚާއްޞަކުރައްވައިގެން ހުޅުމާލޭގައި އެޅުއްވުމަށް ހަމަޖެއްސެވި ޕްލެޓްތައް އެޅުމަށް ޙަވާލުކުރައްވާފައިވަނީ ނޫމަޑި ރިސޯރޓް އެންޑް ރެސިޑެންސަސްއާއެވެ. މީގެ އިތުރުންވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ފްލެޓް އެޅުމުގެ އެކި ޕޮރޮޖެކްޓްތައް އެކުންފުންޏާއި ހަވާލުކުރައްވާފައިވެއެވެ.

ފުލުހުންގެ ފްލެޓްތައް އެޅުމަށް ނޫމަޑި ރެސިޑެންސަސާ ޙަވާލުކުރުމުގައި ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވެ، އެ މައްސަލަ އެސީސީއަށް ހުށައަޅާފައިވެއެވެ.