މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ މައިލޯ ތުރީ އޮން ތުރީ ރަމަޟާން ޗެލެންޖް 2024 ގެ ސީނިއަރ ބައިގެ ޗެމްޕިއަންކަން އިންކެޑް އާއި ދަ ބައުސްއިން ހޯދައިފިއެވެ.
ތުރީ އޮން ތުރީ ރަމަޟާން ޗެލެންޖުގައި މި އަހަރު ހަތަރު ކެޓަގަރީއެއްގައި ޖުމްލަ 81 ޓީމު ވަނީ ވާދަކޮށްފައެވެ. މުބާރާތުގައި ފުރަތަމަ ކުރިއަށް ގެންދިޔައީ 18 އަހަރުން ދަށާއި 13 އަހަރުން ދަށުގެ ބައެވެ. އަދި އޭގެ ފަހުން މިދިޔަ އަންގާރަ ދުވަހުގެރޭ ވަނީ މުބާރާތުގެ 15 އަހަރުން ދަށުގެ ބަޔާއި, ސީނިއަރ ބައިގެ މެޗުތައް ނިމި، ޗެމްޕިއަން ޓީމުތަކަށް އިނާމު ހަވާލުކޮށްޕައެވެ.
ސީނިއަރ ފިރިހެން ބައިގެ ޗެމްޕިއަންކަން ދަ ބައުސްއިން ހޯދީ ފައިނަލް މެޗުގައި ޝޫޓާސްއާ ވާދަކޮށް 21-18 ޕޮއިންޓުން މެޗު ކާމިޔާބުކޮށްގެންނެވެ. އަދި ސީނިއަރ އަންހެން ބައިގެ ޗެމްޕިއަންކަން އިންކެޑްއިން ހޯދާފައިވަނީ ފައިނަލް މެޗުގައި ރައިސް އަތުން 16-9 ޕޮއިންޓުން މޮޅުވެގެންނެވެ.
މުބާރާތުގައި އަންގާރަ ދުވަހުގެރޭ ކުޅުނު 15 އަހަރުން ދަށުގެ ފިރިހެން ބައިގެ ފައިނަލް މެޗު ކާމިޔާބުކޮށް، ޗެމްޕިއަންކަން ހޯދީ ވޮރިއާސްއެވެ. އެ ޓީމުން ޗެމްޕިއަންކަން ހޯދީ ޒާކިން އެފްސީއާ ވާދަކޮށް 12-9 ޕޮއިންޓުން މެޗު ކާމިޔާބުކޮށްގެންނެވެ. އަދި މި އުމުރުފުރާގެ އަންހެން ބައިގެ ޗެމްޕިއަންކަން ޖޭޑުން ހޯދިއިރު، ފައިނަލުގައި އެ ޓީމު ވަނީ 8-5 ޕޮއިންޓުން މަމްބާ ބަލިކޮށްފައެވެ.
މީގެ އިތުރުން މިދިޔަ ހުކުރު ދުވަހުގެރޭ ކުރިއަށްދިޔަ 18 އަހަރުން ދަށުގެ ފިިރިހެން ބައިގެ ފައިނަލް މެޗު ކާމިޔާބުކޮށް، ޗެމްޕިއަންކަން ހޯދީ ވޫ-ޓަންގް އިންނެވެ. އެ ޓީމުން ވަނީ ފައިނަލުގައި އެއާބޯލާސް އަތުން 12-7 އިން މޮޅުވެފައެވެ. އަދި މި އުމުރުފުރާގެ އަންހެން ބައިގެ ފައިނަލުގައި 17-12 ޕޮއިންޓުން ސްވިފްޓީސް ބަލިކޮށް ޗެމްޕިއަންކަން ހޯދާފައިވަނީ ޕަވާޕަފް ގާލްސްއެވެ.
މި މުބާރާތުގެ 13 އަހަރުން ދަށުގެ ފިރިހެން ބައިގެ ފައިނަލް މެޗުގައި 10-3 ޕޮއިންޓުން ޑްރެގަން ބާސްކެޓްބޯލް ކުލަބު ބަލިކޮށް ޗެމްޕިއަންކަން ހޯދާފައިވަނީ ބްލޫމްސްކޮޑެވެ. އަދި މި އުމުރުފުރާގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ އީގަލް ރޭސްއެވެ. އެ ޓީމުން ވަނީ ފައިނަލުގައި ސްޕާކް އަތުން 4-3 ޕޮއިންޓުން މޮޅުވެފައެވެ.