ކުޅިވަރު

އޯޕަން ޓޭޕްބޯލް: އެމްއޭސީއެލް، ފިނޮޅު، މީޓިއޯސް އަދި އޭއާރްސީ ސެމީއަށް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ފުރަތަމަ މުބާރާތް ކަމަށްވާ އޯޕަން ޓޭޕްބޯލްގެ ސެމީ ފައިނަލަށް ޓީމުތައް ދަތުރުކޮށްފިއެވެ.

ތިން ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މި މުބާރާތުގެ ސެމީއަށް ދަތުރުކުރީ ކޮންމެ ގްރޫޕަކުންވެސް އެންމެ މޮޅު ޓީމުގެ އިތުރުން، ހަތަރުވަނައަށް އެންމެ ގިނަ ޕޮއިންޓް ހޯދި ޓީމެކެވެ. އެގޮތުން ސެމީގެ ޖާގަތައް ކަށަވަރުކޮށްފައިވަނީ ގްރޫޕް އޭއިން އެމްއޭސީއެލް އާއި، ގްރޫޕް ބީން ފިނޮޅު ބީޗް އާއި، މީޓިއޯސްގެ އިތުރުން ގްރޫޕް ސީން އޭއާރްސީއެވެ.

ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު ހަވީރު ވަނީ ގްރޫޕް ސީގެ ފަހު މެޗުތައް ކުޅެފައެވެ. އެގޮތުން ފުރަތަމަ މެޗުން ކިންޒާ ކެފޭ މޮޅުވީ ސީބީއެމްއާ ވާދަކޮށް ހަތަރު ލަނޑުންނެވެ.

މި މެޗުގެ ގުރުދިމާވުމުން ސީބީއެމް ގަސްދުކުރީ ހޮވުމަށެވެ. އެއާއެކު ކިންޒާ ކެފޭ އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަތަރު ކުޅުންތެރިން ނުބައިވެގެން ވަނީ 115 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 17 ބޯޅައިން 32 ލަނޑު ހެދި މޫސާ މާޖިދާއި، ނުބައިނުވެ 11 ބޯޅައިން 27 ލަނޑު އެއްކުރި އިސްމާޢީލް ނިޖާދެވެ.

ޖަވާބުގައި ސީބީއެމް ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 111 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ ނުބައިނުވެ ނުވަ ބޯޅައިން 32 ލަނޑު ހެދި އިމާދު އިސްމާޢީލާއި، 10 ބޯޅައިން 23 ލަނޑު އެއްކުރި މުޙައްމަދު ނައިޝަމެވެ.

މީގެ އިތުރުން މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް ސީގެ ފަހު މެޗުން އޭއާރްސީ މޮޅުވީ ކަރުދާސް ކްރިކެޓް ކުލަބާ ބައްދަލުކޮށް 38 ލަނޑުންނެވެ.

މި މެޗުގެ ގުރުދިމާވުމުން ކަރުދާސް ކްރިކެޓް ކުލަބު ގަސްދުކުރީ ހޮވުމަށެވެ. އެއާއެކު އޭއާރްސީ އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ދެ ކުޅުންތެރިން ނުބައިވެގެން ވަނީ 129 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 16 ބޯޅައިން 44 ލަނޑު ހެދި އިބްރާހީމް ހުސެއިނާއި، 13 ބޯޅައިން 35 ލަނޑު އެއްކުރި ހަސަން ރަޝީދެވެ.

ޖަވާބުގައި ކަރުދާސް ކްރިކެޓް ކުލަބު ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 91 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 21 ބޯޅައިން 23 ލަނޑު ހެދި ހަސަން އަފްލާމް އާއި، ހަ ބޯޅައިން 18 ލަނޑު އެއްކުރި އިބްރާހީމް އިއުޖާޒް ހާފިޒެވެ.

މި މުބާރާތުގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި މާދަމާ ހަވީރު ބައްދަލުކުރާނީ އެމްއޭސީއެލް އާއި ފިނޮޅު ބީޗެވެ. އަދި ދެވަނަ މެޗުގައި އޭއާރްސީ ނުކުންނާނީ މީޓިއޯސްއާ ދެކޮޅަށެވެ.