ޚަބަރު

ފިޠުރު ޢީދު ނަމާދު ބޮޑު ޖަމާއަތް 6 ސަރަހައްދެއްގައި އޮންނާނެ


  • މާލެ، ވިލިމާލެ އަދި ހުޅުމާލޭގައިވެސް ބޮޑު ޖަމާއަތް އޮންނާނެ

  • ޢީދު ނަމާދު ކުރާ ވަގުތު އަވަސް ކުރުމަށް މަޝްވަރާ ކުރަނީ

މާލެ ސަރަހައްދުގައި މި އަހަރުގެ ފިޠުރު ޢީދު ނަމާދު ބޮޑު ޖަމާއަތުގައި 6 ސަރަޙައްދެއްގައި ކުރާ ގޮތަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހަމަޖައްސަވައިފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ވެސް ފިޠުރު އީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރާނެކަމަށެވެ. އެގޮތުން މާލެ ސަރަހައްދުގައި 6 ތަނެއްގައި ބޮޑު ޖަމާއަތުގައި ނަމާދުކުރާ ގޮތަށް ވަނީ ހަމަޖައްސަވާފައެވެ.

ބޮޑު ޖަމާއަތުގައި ފިޠުރު ޢީދު ނަމާދު ކުރާ ތަންތަން

* މާލޭ މާފަންނު ސްޓޭޑިއަމް
* އިސްލާމީ މަރުކަޒާއި އެ މިސްކިތުގެ ސަރަހައްދު
* ކިންގް ސަލްމާން މިސްކިތާއި އެމިސްކިތުގެ ސަރަހައްދު
* ވިލިމާލޭ ފުޓްބޯޅަ ދަނޑު
* ހުޅުމާލެ 1 ގެ ސިންތެޓިކް ޓްރެކް
* ހުޅުމާލެ 2 ގެ ކްރިކެޓް ސްޓޭޑިއަމް

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ބޮޑު ޖަމާއަތުގައި ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ތަންތަން ތައްޔާރު ކުރުމުގެ މަސައްކަތުގައި އުޅޭ މީހުންނަށް ކެއުމާއި ސައި ހަދައިދޭނެ މީހުން ހޯދުމަށާއި އެ ތަންތަނުގައި ސައުންޑް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ވެސް އިއުލާން ކޮށްފައެވެ.

ރާއްޖޭގައި ޢީދު ނަމާދު ކުރަނީ 7:30 ގައެވެ. އެހެންނަމަވެސް ޢީދު ނަމާދުކުރާ ގަޑި އަވަސްކުރުމަށް މަޝްވަރާ ކުރަމުންދާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. ރާއްޖޭގައި ޢާންމުކޮށް ޢީދު ނަމާދުކުރަނީ ބޮޑު ޖަމާޢަތުގައި މައިދާންތަކުގައި ކަމަށާއި ޢީދު ޚުޠުބާ ކިޔާ ނިމޭއިރު އޮންނަނީ ވަރަށް ބޮޑަށް ހޫނު ގަދަވެފައިކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖޭގައި ޢީދު ނަމާދުކުރާ ގަޑިއަކީ އެހެން ތަންތަނުގައި ޢީދު ނަމާދުކުރާ ގަޑިއަށް ބަލާއިރު ލަސް ގަޑިއެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މީލާދީ ކަލަންޑަރުގައިވާގޮތުން މިއަހަރުގެ ފިޠުރު ޢީދު ދުވަސް ދިމާވަނީ އޭޕްރީލް 10 ވާ ބުދަ ދުވަހާއެވެ.