ޚަބަރު

ރާއްޖެއަށް އެތެރެކުރަން އުޅުނު 5 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި


  • މަސްތުވާތަކެތި އެތެރެކުރަން އުޅުނީ ޕާކިސްތާނުގެ ރައްޔިތެއް

  • އޭނާ އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ ބަރުދަނަކީ 5.30 ކިލޯ

  • މަސްތުވާތަކެއްޗާއި ފަސިންޖަރު ވަނީ ފުލުހުންނާ ހަވާލުކޮށްފައި

ވައިގެ މަގުން ރާއްޖެއައި ޕާކިސްތާނުގެ ރައްޔިތެއްގެ ލަގެޖުން މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމްސްއިން ހާމަކުރި ގޮތުގައި މިތަކެތި އަތުލައިގަނެފައިވަނީ މިމަހުގެ 12 ވަނަ ދުވަހު، ޤަތަރުގެ ދޯހާއިން ރާއްޖެއައި ޕާކިސްތާނުގެ 56 އަހަރުގެ ފިރިހެން ފަސިންޖަރެއްގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން، އެފަސިންޖަރުގެ ލަގެޖް ބަލައިފާސްކުރުމުގެ ތެރޭގައެވެ. މިގޮތުން ބަލާފާސްކުރުމުގެ ތެރޭގައި އެފަސިންޖަރުގެ ލަގެޖުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނުމުން، އެތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސްއިން ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ވަނީ ޕޮޒިޓިވް ވެފައެވެ. މިތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 5.30 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގަކީ 5,300,000.00 (ފަސް މިލިއަން ތިން ލައްކަ) ދިވެހި ރުފިޔާކަމަށް ލަފާކުރެވޭ ކަމަށް ކަސްޓަމްސްއިން ހާމަކުރެއެވެ.

މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި ފަސިންޖަރު މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ޙަވާލުކޮށްފައި ކަމަށްވެސް ކަސްޓަމްސްއިން ހާމަކުރެއެވެ.