ޚަބަރު

ރައީސްގެ ހަރުދަނާ ފިޔަވަޅުތަކާއެކު ޑޮލަރު ރޭޓް ހަމައަކަށް އެޅެން ފަށައިފި: ސަޢީދު


  • 2023 ގެ ނޮވެމްބަރާއި އަޅާބަލާއިރު ޤައުމުގެ ޙާލަތު ރަނގަޅުކަން ވަޒީރު ފާހަގަކުރެއްވި

  • އިތުރު ފިޔަވަޅުތަކާއެކު ޤައުމުގެ އިޤްތިޞާދު ހަމަ މަގަށް އެޅުވޭނެކަމުގެ އުއްމީދު އެބައޮތް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަރުދަނާ ފިޔަވަޅުތަކާއެކު ޑޮލަރު ރޭޓު ހަމައަކަށް އެޅެން ފަށާފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، އައު ސަރުކާރު ވެރިކަމާ ހަވާލުވިއިރު ރާއްޖެއޮތް އިޤްތިޞާދީ ނުރައްކާތެރި ޙާލަތު މިހާރު ބަދަލުވަމުންދާކަމަށެވެ. އަދި މިކަމުގައި އެންމެ ބޮޑު ބާރަކަށްވީ ރައީސުލްޖުމްހޫރިއްޔާގެ ދުރުވިސްނުންފުޅާއެކު ސީދާ އެމަނިކުފާނު އެޅުއްވި ހަރުދަނާ ފިޔަވަޅުތައްކަމަށް ވަޒީރު ވިދާޅުވިއެވެ.

ރަމަޟާންމަހާއި، ޢުމްރާގެ އަޅުކަމާއި، އިމްޕޯޓަށް އައި އިތުރުވުމާއެކުވެސް ޑޮލަރު ރޭޓް ހަމައަކަށް އެޅެން ފަށާފައިވާކަން ފާހަގަކުރައްވާ، އިތުރު ފިޔަވަޅުތަކާއެކު ކުރިއަށްއޮތްތާނގައި މި ރޭޓު މިއަށްވުރެއްވެސް ދަށްވާނެކަމަށް އަންދާޒާކުރެވޭކަމަށް ވަޒީރު ވިދާޅުވިއެވެ.


ޑޮލަރުގެ ދަތިކަން ޙައްލުކޮށް "އެކްސްޗޭންޖް ރޭޓް" މިއަހަރުގެ ތެރޭގައި ހަމައަކަށް އަޅުވާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު މީގެ ކުރިންވެސް ވަނީ ވިދާޅުވެފައެވެ.

ޑޮލަރުގެ މައްސަލަ އެންމެ ބޮޑަށް ދިމާވާން މެދުވެރިވި އެއް ސަބަބުގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވީ ސޮވެރިން ޑިވެލޮޕްމަންޓު ފަންޑަށް ޖަމާކުރަމުންދިޔަ ފައިސާ ނިމިދިޔަ ސަރުކާރުން ބޭނުންކުރުމެވެ. އަަދި އެ ފަންޑަކީ ރާއްޖޭގެ ދަރަނި އަދާކުރުމަށް ފައިސާ ޖަމާކުރަމުންދިޔަ ފަންޑެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އިޤްތިޞާދު ވަރުގަދަކޮށް ފުޅާކުރައްވަމުން ގެންދަވާނީ، ފައިސާ ޗާޕްނުކޮށް، ދަރަނިވެސް ދައްކަމުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ދާދިފަހުން ވަނީ ވިދާޅުވެފައެވެ. ވޭތުވެދިޔަ 3 އަހަރު ތެރޭގައި ދައުލަތުން 8.2 ބިލިއަން ރުފިޔާ ޗާޕުކޮށްފައިވާކަން މަރުކަޒީ ބޭންކް، އެމްއެމްއޭގެ ތަފާސްހިސާބުތަކުން ވަނީ ހާމަވެފައެވެ.

ނަމަވެސް މި ސަރުކާރުން ވަނީ ފައިސާ ޗާޕުކުރުން ނިމުމަކަށް ގެނެސްފައެވެ. އެގޮތުން މިދިޔަ ސަރުކާރުގައި އެކަން ކުރުމަށް ޤާނޫނަށް ގެނައި އިޞްލާހު އައު ނުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ހާލަތު ރަނގަޅުކޮށް، ދަރަނީގެ ހިރާސްތައް ކުޑަކޮށް، ބޭރު ފައިސާ ލިބުން ފަސޭހަކުރެވޭނެ މަގުތައް ފަހިކުރުމަށް ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ. އަދި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ކުރިމަތިވެފައި ހުރި މާލީ ދަތިތަކުން އަރައިގަނެ ރާއްޖޭގެ އިޤްތިޞާދީ ހާލަތަށް އަދި ރައްޔިތުންގެ ފުދުންތެރިކަމަށް ހެޔޮ ބަދަލެއް ގެނެސްދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާވަނީ ދެއްވާފައެވެ.