ޚަބަރު

ޙަމާސްގެ ތިންވަނައަށް އެންމެ އިސް ކޮމާންޑަރު ޝަހީދުކޮށްލައިފި


ޔަހޫދީ ފައުޖުން ޣައްޒާއަށް ދިން ވަރުގަދަ ޙަމަލާތަކެއްގައި ޙަމާސް ޖަމާޢަތުގެ ތިންވަނައަށް އެންމެ އިސް ކޮމާންޑަރު, މަރްވާން ޢީސާ ޝަހީދު ކޮށްލާފައިވާ ކަމުގައި އެމެރިކާއިން ބުނެފިއެވެ. ޢީސާއަކީ ޙަމާސްގެ ހަތިޔާރުއެޅި ގޮފި, ޢިއްޒުއްދީން އަލް-ޤައްސާމް ބްރިގޭޑްސްގެ ކޮމާންޑަރުގެ ނައިބެވެ. އޭނާ ޝަހީދު ކޮށްލާފައިވާ ކަމުގައި އެމެރިކާއިން ބުނި ނަމަވެސް, ޔަހޫދީން ވެސް އަދި ޙަމާސުން ވެސް އެ ކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ޙަމާސުން ސިފަ ކުރާ ގޮތުގައި ޢީސާއަކީ ޔަހޫދީންނަށް ކުރިމަތިވެފައިވާ "ބިރުވެރި ހުވަފެނެ"ކެވެ. އޮކްޓޫބަރު 7ވަނަ ދުވަހު ޙަމާސުން އިސްރާއީލުގެ ރަށްތަކާއި ޔަހޫދީންނާ ދެކޮޅަށް ހިންގި ޚާއްޞަ އަސްކަރީ އޮޕަރޭޝަން ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި ތިން މޭސްތިރިންގެ ތެރޭގައި ޢީސާ ހިމެނޭ ކަމުގައި ޔަހޫދީން ތުހުމަތު ކުރެއެވެ.

މި ކަމުގައި ދެން ބައިވެރިވެފައި ވަނީ ޣައްޒާގައި ހުންނަަވާ ޙަމާސްގެ އިސް ކޮމާންޑަރު ޔަޙްޔާ ސިންވާރާއި, އެ ޖަމާޢަތުގެ ހަތިޔާރު އެޅި ގޮފީގެ އިސް ކޮމާންޑަރު މުޙައްމަދު ޟަޔީފެވެ. އެ ތިން މީހުން ޝަހީދު ކޮށްލާނެ ކަމުގައި ޔަހޫދީ ސަރުކާރުން ވަނީ ބުނެފައެވެ.

އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ޖޭކް ސަލިވަން ވިދާޅުވީ, ޔަހޫދީ ފައުޖުން ޢީސާ ޝަހީދު ކޮށްލާފައި ވަނީ ހުސްވި ހަފުތާގައި ހިންގި އޮޕަރޭޝަނެއްގައެވެ. ޢީސާ ޝަހީދުވުމަކީ, ޙަމާސް ޖަމާޢަތަށް ލިބުނު ފޫނުބެއްދޭ ވަރުގެ ގެއްލުމެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ސިފަ ކުރެއެވެ. މިއާ އެކު, ޙަމާސުން ރަހީނު ކޮށްފައިވާ ޔަހޫދީ އަސީރުން މިނިވަން ކުރުމަށް ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ވެސް މާހިރުން ލަފާ ކުރެއެވެ.

ޢީސާ އުފަންވީ 1965 ވަނަ އަހަރުއެވެ. ޔަހޫދީން ޝަހީދު ކޮށްލަން ބޭނުން ޙަމާސްގެ އިސް ކޮމާންޑަރުން ލިސްޓުގެ އެންމެ ކުރީގައި ޢީސާގެ ނަން އޮވެއެވެ. އޭނާ ޝަހީދު ކޮށްލަން ޔަހޫދީން އެތަކެއް ފަހަރެއް މަތިން މަސައްކަތް ކޮށްފައިވެއެވެ. މި ގޮތުން, 2006 ވަނަ އަހަރު ޔަހޫދީ ފައުޖުން ދިން ޙަމަލާއެއްގައި އޭނާއަށް އަނިޔާވިއެވެ. ޙަމާސްގެ އަސްކަރީ ގޮފި ބާރުވެރި ކުރުވަން ޢީސާ ގިނަ މަސައްކަތްތަކެއް ކުރައްވާފައިވެއެވެ. މީގެ ތެރޭގައި, ރޮކެޓް އުފެއްދުން ފަދަ މަސައްކަތްތައް ހިމެނެއެވެ.

2014 ވަނަ އަހަރާއި 2021 ވަނަ އަހަރު ވެސް ޔަހޫދީ ފައުޖުން ވަނީ ޢީސާ ދިރިއުޅޭ ގެޔަށް ބޮން އަޅާފައެވެ. 2021 ވަނަ އަހަރު ދިން ޙަމަލާގައި ޔަހޫދީ ފައުޖުން ވަނީ ޢީސާގެ ބޭބެ ޝަހީދު ކޮށްލާފައެވެ. އަދި, ޔަހޫދީން ވަނީ ޢީސާގެ ފިރިހެން ދަރިފުޅު ވެސް ޝަހީދު ކޮށްލާފައެވެ. އޭނާ ޝަހީދު ކޮށްލާފައި ވަނީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހު ދިން ރަޙުމު ކުޑަ ވައިގެ ޙަމަލާއެއްގައެވެ. ޢީސާއަކީ އެމެރިކާއިން ވެސް ޓެރެރިސްޓެއްގެ ގޮތުގައި ބަލާ މުޖާހިދެކެވެ.

1987 ވަނަ އަހަރު ޔަހޫދީ ފައުޖުން ޢީސާ ހައްޔަރުކޮށް, ޖަލަށް ލާފައިވެއެވެ. އޭނާ, ޔަހޫދީންގެ ޖަލުގައި, ޔަހޫދީންގެ އަނިޔާވެރި ކަމުގެ ދަށުގައި ފަސް އަހަރު ހޭދަ ކުރިއެވެ. އޭނާއާ އެކު ސިންވާރު ވެސް ޖަލަށް ލާފައިވެއެވެ. ޔަހޫދީ ފައުޖުގެ ދެ ސިފައިން މަރައިލި ކަމުގެ ކުށުގައި ސިންވާރު 22 އަހަރު ޔަހޫދީންގެ ޖަލުގައި ހޭދަ ކުރިއެވެ. އޭނާ މިނިވަން ކޮށްފައި ވަނީ ޢީސާ އިސްވެ ކުރި މަސައްކަތުން 2011 ވަނަ އަހަރުއެވެ.

ޔަހޫދީ ފައުޖުން މީގެ ކުރިން ވެސް ޙަމާސްގެ އިސް ވެރިންނާއި ކޮމާންޑަރުން ޝަހީދު ކޮށްލާފައިވެއެވެ. އޭގެ ތެރޭގައި ޙަމާސްގެ ބާނީ, ޝައިޚް އަޙްމަދު ޔަސީނާއި, އެ ޖަމާޢަތުގެ އިސްވެރިޔާ ޢަބްދުލްޢަޒީޒް އަލް-ރަންތީސީ ހިމެނެއެވެ. އެ ދެ މީހުން ޝަހީދު ކޮށްލާފައި ވަނީ 2004 ވަނަ އަހަރު ދިން ވައިގެ ޙަމަލާތަކެއްގައެވެ.