ކުޅިވަރު

ވެޓެރަންސް ލީގު: ޗެމްޕިއަން ހުޅުމާލެ ވެޓެރަންސްއަށް ދެވަނަ މޮޅު


އެފްއޭއެމް ވެޓެރަންސް ލީގު 2024 ގައި އެންމެ ފަހުގެ ޗެމްޕިއަން ހުޅުމާލެ ވެޓެރަންސް ކުލަބުން ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށްފިއެވެ.

ހެންވޭރު ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް އޭގެ މެޗު ހުޅުމާލެ ވެޓެރަންސްއިން ކާމިޔާބުކުރީ ޕޮލިސް ކުލަބު އަތުން ފަސޭހަކަމާއެކު 4-0 ނަތީޖާއަކުންނެވެ.

އެންމެ ފަހުގެ ދެ މުބާރާތްވެސް ކާމިޔާބުކޮށްފައިވާ ހުޅުމާލެ ވެޓެރަންސްއިން މިއަދު ކުޅުނު މެޗުގައިވެސް މޮޅު ކުޅުމެއް ދެއްކިއިރު, ފުރަތަމަ ހާފު ނިމުމުގެ ކުރިން އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މެޗުގެ 22 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މުޙައްމަދު ޒިޔާދެވެ.

މި މެޗުގެ ދެވަނަ ހާފުގައިވެސް ހުޅުމާލެ ވެޓެރަންސްއިން ގިނަ ހަމަލާތަކެއް އުފެއްދިއިރު، މެޗުގެ 41 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު މަމްދޫހެވެ. އަދި އޭގެ ދެ މިނެޓު ފަހުން އާފިއު މުޙައްމަދު ހާމިދު ވަނީ ހުޅުމާލެ ވެޓެރަންސްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. ދެން މި މެޗުގައި އެ ޓީމުން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު މެޗުގެ 51 ވަނަ މިނެޓުގައި ޖަހައިދިނީ އަލީ ޝަމީމް (ކޮޔަރު އައްޔަ) އެވެ.

މި މެޗުން ހުޅުމާލެ ވެޓެރަންސް މޮޅުވިއިރު، މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވަނީ ވިލިމާލެ ޔުނައިޓެޑް އަތުން 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ.

40 އަހަރުން މަތީގެ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ބާއްވާ ވެޓެރަންސް ލީގު މި ފަހަރު ކުރިއަށްދަނީ 10 ޓީމުގެ މެދުގައެވެ. ދެ ގްރޫޕަކަށް ބަހާލައިގެން މުބާރާތުގެ ކުޅުން ކުރިއަށްދާއިރު، ހުޅުމާލެ ވެޓެރަންސް އާއި، ޕޮލިސް ކުލަބާއި ވިިލިމާލެ ޔުނައިޓެޑުގެ އިތުރުން ގްރޫޕް އޭގައި ހިމެނެނީ ހުއްރިއްޔާ ސްޕޯޓްސް ކުލަބު އަދި ދިވެހި ސިފައިންގެ ކުލަބެވެ. ގްރޫޕް ބީގައި ހިމެނެނީ އެންމެ ފަހުގެ ރަނަރަޕް ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާއި، މޯލްޑިވްސް ސޮކަރ މޭޓްސް އާއި، މުއިވެޔޮ ފްރެންޑްސް އާއި، ލެގޫންސް ސްޕޯޓްސް ކުލަބު އަދި ކުލަބު ސްޓެލްކޯއެވެ.