ޚަބަރު

ސީޕްލޭން އެއަރ އެމްބިއުލާންސްގައި ފުރަތަމަ ބަލިމީހާ ކުޑަހުވަދޫއިން މާލެއަށް


  • އެއަރ އެމްބިއުލާންސްގެ ޚިދުމަތަށް ސީޕްލޭން ރަސްމީކޮށް ތައާރަފްކުރީ މި މަހުގެ 15 ވަނަ ދުވަހު

އެއަރ އެމްބިއުލާންސްގެ ޚިދުމަތުގައި ބޭނުންކުރަން ފަށާފައިވާ ސީޕްލޭންގައި ފުރަތަމަ ފަހަރަށް ބަލި މީހަކު މާލެ ގެނެސްފިއެވެ.

މޯލްޑިވިއަނުން ބުނީ އެކުންފުނިން އޮޕަރޭޓްކުރާ ސީޕްލޭން އެއަރ އެމްބިއުލާންސްގައި މިއަދު މާލެ ގެނެސްފައިވަނީ ކުޑަހުވަދޫން ގެނައި ބަލި މީހެއްކަމަށެވެ.

އެއަރ އެމްބިއުލާންސްގެ ޚިދުމަތުގައި ސީޕްލޭން ރަސްމީކޮށް ތައާރަފްކުރީ މި މަހުގެ 15 ވަނަ ދުވަހުގައެވެ.

އެއަރ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާ ސީޕްލޭންވަނީ މެޑިކަލް އިވެކުއޭޝަންތަކަށް ތައްޔާރުކޮށް ޤާއިމުކުރަންޖެހޭ ޒަމާނީ ހުރިހާ ވަޞީލަތްތައް ޤާއިމުކޮށްފައެވެ.

އެއަރ އެމްބިއުލާންސްގެ ޚިދުމަތުގައި ސީޕްލޭން ބޭނުންކުރުމުގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގެ ހުރިހާ ރަށަކުންވެސް ކުއްލި ފަރުވާއަށް ބޭނުންވާ ފަރާތްތަކަށް އެޚިދުމަތްދިނުމުގައި ލަސްނުވެ ފަރުވާ ފޯރުކޮށްދިނުމެވެ.

އެއަރ އެމްބިއުލާންސް ގޮތުގައި މިހާރު ބޭނުން ކުރަމުން އަންނަނީ ސަލާމަތީ ގޮތުން ރައްކާތެރި އަދި އިތުބާރު ކުރެވޭގޮތަށް ފަރުމާކޮށްފައިވާ ޑީއެޗްސީ-6 ޓްވިން އޮޓަރ ސީޕްލޭންގެ އިތުރުން ޑޭޝް-8 މަރުކާގެ ބޯޓެކެވެ.

މިހާރު ބޭނުންކުރާ ދެ އުޅަނދުގެ އިތުރުން މިއަހަރު ފެށުމަށް ހަމަޖެހިފައިވާ ހެލިކޮޕްޓަރުގެ ޚިދުމަތުގައި އެއަރ އެމްބިއުލާންސްގެ ޚިދުމަތަށް ޚާއްސަކޮށް އެއް ހެލިކޮޕްޓަރު އޮންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.