ޚަބަރު

ޕީއެސްއެމްއިން ބިގަށް 78.5 މިލިއަން ރުފިޔާ ދައްކަން ކުރި ޙުކުމް ބާތިލްކޮށްފި


  • ދައްކަންޖެހެނީ 5 މިލިއަން ރުފިޔާ

  • 78.5 މިލިއަން ރުފިޔާއަށް އަރަނީ ޖޫރިމަނާ ފައިސާއާއެކު

އަމިއްލަ ވިޔަފާރި ކުންފުންޏެއްކަމަށްވާ ބިޒްނަސް އިމޭޖް ގްރޫޕް، ބިގަށް 78.5 މިލިއަން ރުފިޔާ ދައްކަން ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ މައްޗަށް ކޮށްފައިވާ ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުން ބާތިލުކޮށްފިއެވެ.

2016 ވަނަ އަހަރު ކޮށްފައިވާ މި ހުކުމަކީ މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން، އެމްއެންބީސީގެ ނަމުގައި ދައުލަތުގެ މީޑިއާ ހިންގަމުންދިޔައިރު 2010 ވަނަ އަހަރު ހިނގާފައިވާ މައްސަލައަކާއި ގުޅިގެން ކޮށްފައިވާ ހުކުމެކެވެ.

މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން އެމްއެންބީސީން ބިޒްނަސް އިމޭޖް ގްރޫޕަށް 78.5 މިލިއަން ރުފިޔާ ދައްކަންޖެހޭކަމަށް ކަނޑައަޅައި އެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކުރީ 2016 ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ. 78.5 މިލިއަން ރުފިޔާ ދައްކަން އެމްއެންބީސީގެ މައްޗަށް އޭރު ހުކުމްކުރީ ބިގް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެ ކުންފުންޏަށް ދައްކަންޖެހޭ 5 މިލިއަން ރުފިޔާ ނުދައްކައިގެންކަމަށް ބުނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެ މައްސަލައިގައި ސިވިލް ކޯޓުން 2016 ހުކުމްކުރިއިރު ދައުލަތުގެ މީޑިއާ ހިންގަމުންދިޔައީ ޕީއެސްއެމްގެ ދަށުންނަމަވެސް، މައްސަލަ ކުރިއަށްދިޔައިރު ޕީއެސްއެމް ބައިވެރިކޮށްފައެއް ނުވެއެެވެ.

5 މިލިއަން ރުފިޔާ ދައްކަންޖެހޭ މައްސަލައެއްގައި 78.5 މިލިއަން ރުފިޔާ ދައްކަން އެންގި ހުކުމް 2019 ވަނަ އަހަރު ޕީއެސްއެމްއިން ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅުމުން އެ ކޯޓުން ނިިންމެވީ މުއްދަތު ހަމަވިފަހުން އިސްތިއުނާފަށް ހުށަހެޅިކަމަށް ބުނެ މައްސަލަ ބަލައިނުގަތުމަށެވެ. ހައިކޯޓުގެ ނިންމުން ޕީއެސްއެމްއިން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރުމުން، 2021 ވަނަ އަހަރު ސުޕްރީމް ކޯޓުން ވަނީ ޕީއެސްއެމްއިން ބިގަށް ފައިސާ ދައްކަން އެންގި ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރެވޭނެކަމަށް ކަނޑައަޅައި، އެ މައްސަލަ ބަލައިގަތުމަށް ހައިކޯޓަށް އަމުރުކޮށްފައެވެ.

ސުޕްރީމް ކޯޓުގެ ނިންމެވުމާއި އެއްގޮތަށް ހައިކޯޓުން މި މައްސަލަ ބެއްލެވުމަށްފަހު މިއަދު އިއްވެވި ހުކުމްގައި ވަނީ ބިޒްނަސް އިމޭޖް ގްރޫޕަށް 78.5 މިލިއަން ރުފިޔާ ދައްކަން އެމްއެންބީސީގެ މައްޗަށް ކޮށްފައިވާ ޙުކުމް ބާތިލުކޮށްފައެވެ. އަދި މި މައްސަލަ އަލުން ސިވިލް ކޯޓުން ބެއްލެވުމަށްވެސް ވަނީ އަމުރުކޮށްފައެވެ.

ހައިކޯޓުގެ ހުކުމްގައި ފާހަގަކުރެއްވި އެންމެ މުހިއްމު ނުކުތާއަކީ މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން، އެމްއެންބީސީއަކީ އުވާލާފައިވާ ކުންފުންޏަކަށް ނުވާއިރު، އެ ކުންފުނިން ޒިންމާ އުފުލަންޖެހޭ ކަމެއްގައި ޕީއެސްއެމްއިން ޒިންމާވާން ނުޖެހޭނެކަމެވެ. އެހެންކަމުން އެމްއެންބީސީގެ މައްޗަށް ކޮށްފައިވާ ހުކުމެއް ޕީއެސްއެމްގެ މައްޗަށް ތަންފީޒު ނުކުރެވޭނެކަމަށް ހުކުމްގައިވެއެވެ.

މީގެއިތުރުން މި މައްސަަލައިގައި ޕީއެސްއެމްގެ މައްޗަށް ހުކުމެއް އިއްވިއިރު، ޝަރުޢީ މަރުހަލާގައި ޕީއެސްއެމް ބައިވެރިކޮށްފައިނުވާކަންވެސް ހުކުމްގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ސިވިލް ކޯޓުން އަލުން މައްސަލަ ބައްލަވާއިރު، ޕީއެސްއެމް ބައިވެރިކޮށްގެން މައްސަލަ ކުރިއަށްގެންދިއުމަށް ވަނީ ހައިކޯޓުން އިއްވެވި ހުކުމްގައި ބަޔާންކޮށްފައެވެ.

ނިމިދިޔަ ސަރުކާރުގެ ބައެއް ބޭފުޅުންތަކެއްގެ މަސްލަހަތު އޮންނަ ބިގް ކުންފުންޏަށް 78.5 މިލިއަން ރުފިޔާ ދައްކަން ޕީއެސްއެމްގެ މައްޗަށް ކުރި ހުކުމް ހައިކޯޓުން ބާތިލްކުރިނަމަވެސް އެ ހުކުމްގައި ބަޔާންކޮށްފައިވާ ފައިސާގެ ތެރެއިން ބައެއް ފައިސާ ވަނީ ނިމިދިޔަ ސަރުކާރުގައި ދޫކޮށްފައެވެ. އެގޮތުން 30 މިލިއަން ރުފިޔާ ނިމިދިޔަ ސަރުކާރުގައި ބިގް ކުންފުންޏަށް ދީފައިވެއެވެ. އެ 30 މިލިޔަން ރުފިޔާ ބިގަށް ދައްކާފައިވަނީ ޕީސީބީގެ އެންގުމާއި އެއްގޮތަށް ފިނޭންސް މިނިސްޓްރީން ލޯނެއް ނަގައިގެންނެވެ.