ކުޅިވަރު

ސަޕޯޓަރުންގެ ހިތްހަމަ ނުޖެހުން ގަބޫލުކުރެވޭ - ވެންގާ


ސަޕޯޓަރުން ހިތްހަމަ ނުޖެހިފައިތިބިކަން އިނގޭކަމަށާއި، އެކަމާއި މަޢާފަށް އެދޭކަމަށް އާސެނަލްގެ ކޯޗް އާސެން ވެންގާ ބުނެފިއެވެ. 

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ 1-0 ން ނޯވިޗް އަތުން މޮޅުވި މެޗަށްފަހު ވެންގާ ބުނީ، ހުރިހާ ސަޕޯޓަރުންވެސް މިފަހަރުގެ ލީގު އާސެނަލް ހޯދާނެކަމަށް ގިނަ އުއްމީދުތަކެއް ކުރިކަމަށާއި، ލީގު ހޯދުމުގެ ފުރުސަތު ލިބި އެކަން ނުވުމުން މަޢާޢާފަށް އެދޭކަމަށް ވެންގާ ބުންޏެވެ. އަދި މިހާރު ސަޕޯޓާރުންގެ ފަރާތުން ފެނިގެންދާ ކަންތައްތަކަކީ ސަޕޯޓަރުން ކްލަބް ދެކެވާ ލޯތްބެއްގެ ބޮޑުކަމުން ފެނިގެންދާ ކަންތައްތަކެއްކަމަށް ވެންގާ ބުންޏެވެ. 

"ލީގު ހޯދުމުގެ ފުރުސަތު ލިބި އެކަން ނުވީމަ ސަޕޯޓަރުން ދެރަވެފައި އެތިބީ، މިކަހަލަ ވަގުތެއްގައި ސަޕޯޓަރުން ހިތްހަމަ ނުޖެހޭނެ، އެކަން ގަބޫލުވެސް ކުރެވޭ" ވެންގާ ބުންޏެވެ. 

ރޭ ނޯވިޗްއާއި ދެކޮޅަށް ކުޅުނު މެޗުގައި އާސެނަލްގެ ގިނަ ސަޕޯޓަރުންތަކެއް ކޯޗް އާސެން ވެންގާ މާގާމުން ވަކިވުމަށް އެދި ގޮވަމުންދިޔައެވެ. އަދި ހިތްހަމަ ނުޖެހުމުގެ ގިނަ ޕޯސްޓަރުތަކެއް ހިފައިގެން ދަނޑުގައި ތިބިކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން އާސެނަލްގެ އެލެކްސް އިވޯބީ ފުރަތަމަ ހާފަށްފަހު ބަދަލުކުރުމުން އެކަމާއިވެސް ސަޕޯޓަރުންވަނީ އެކަމާއި ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. 

އެހެންނަމަވެސް މެޗް ނިމެންދެން ވެންގާ މާގާމުގައި ބެހެއްޓުމަށް ސަޕޯޓްކޮށްވެސް ބައެއް ސަޕޯޓަރުން ހިޔާލުފާޅުކޮށްފައެވެ.