ޚަބަރު

އިމްޕޯޓް އެކްސްޕޯޓުން މިދިޔަމަހު ދައުލަތަށް 208 މިލިއަން ރުފިޔާ


  • މިދިޔަމަހު ރާއްޖެއަށްވަނީ 4.4 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައި

  • އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އޮމާންއިން

  • މިދިޔަމަހު ރާއްޖެއިންވަނީ 191 މިލިއަން ރުފިޔާގެ މުދާ ބޭރުކޮށްފައި

އިމްޕޯޓު އެކްސްޕޯޓުން މިދިޔަމަހު ދައުލަތަށް 208 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއަދަދަކީ މިދިޔަ އަހަރުގެ މިމުއްދަތުގައި ދައުލަތަށް އިމްޕޯޓު އެކްސްޕޯޓުން ލިބުނު 297 މިލިއަން ރުފިޔާގެ އާމްދަނީއާ އަޅާ ބަލާއިރު 30 އިންސައްތަ ދަށް އަދަދެކެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަމަހު ރާއްޖެއަށްވަނީ 4.4 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައެވެ. މިއަދަދަކީ މިދިޔަ އަހަރުގެ ފެބްރުއަރީމަހާ އަޅާ ބަލާއިރު 4 އިންސައްތަ އިތުރު އަދަދެކެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އޮމާން، އިންޑިއާ، ޔޫ.އޭ.އީ، ޗައިނާ އަދި ސިންގަޕޫންނެވެ.

ފެބްރުއަރީމަހު އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ޤައުމުތައް

އޮމާން - 657 މިލިއަން
އިންޑިއާ - 606 މިލިއަން ރުފިޔާ
ޔޫ.އޭ.އީ - 579 މިލިއަން ރުފިޔާ
ޗައިނާ - 578 މިލިއަން ރުފިޔާ
ސިންގަޕޫރު - 403 މިލިއަން ރުފިޔާ

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަމަހު ރާއްޖެއިން ބޭރުކޮށްފައިވާ މުދަލުގެ އަދަދުވަނީ ދަށްވެފައެވެ. މިދިޔަމަހު 191 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވެއެވެ. މިދިޔަ އަހަރުގެ ފެބުރުއަރީމަހު ރާއްޖެއިން ވަނީ 232 މިލިއަން ރުފިޔާގެ މުދާ ބޭރުކޮށްފައެވެ.

ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައިވަނީ ތައިލެންޑް، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް، ބަންގްލަދޭޝް އަދި ފަރަންސޭސިވިލާތަށް ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.