ކުޅިވަރު

މި އަހަރު ކްރިކެޓުގެ 12 މުބާރާތެއް


މި އަހަރުގެ ތެރޭގައި ކްރިކެޓުގެ 12 މުބާރާތެއް ބޭއްވުމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން ތާވަލުކޮށްފިއެވެ.

އޭގެ ތެރޭގައި ފިރިހެން ކުޅުންތެރިންނަށް އަމާޒުކޮށްގެން 10 މުބާރާތެއް ކުރިއަށްދާނެއެވެ. މި އަހަރު ކުރިއަށް ތާވަލުކޮށްފައިވާ މުބާރާތްތަކަށް ބަލާއިރު، ސުކޫލް ކުދިންނަށް އަމާޒުކޮށްގެން ކުރިއަށްދާ އިންޓަރ ސްކޫލް ކްރިކެޓް މުބާރާތާއި، އަންހެން ކުދިންނަށް އަމާޒުކޮށްގެން ބާއްވާ 10 އޯވަރު އަދި 20 އޯވަރުގެ ކްރިކެޓް މުބާރާތް ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން 50 އޯވަރުގެ މުބާރާތަކާއި، ޓީ20 ޕްރިމިއަރ ލީގުވެސް ވަނީ ތާވަލުކޮށްފައެވެ. އަދި ކުރީގެ މަޝްހޫރު ކުޅުންތެރިންނަށް އަމާޒުކޮށްގެން ވެޓެރަންސްގެ ޚާއްސަ މުބާރާތެއްވެސް މި އަހަރުގެ ތެރޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މާލޭގެ އިތުރުން ލ. އަތޮޅާއި ފުވައްމަލުއް ސިޓީގައިވެސް މުބާރާތްތައް ކުރިއަށްދާނެ ކަމަށާއި، އެކަމަކު އެ ދެ ސަރަހައްދުގައިވެސް ކުރިއަށްދާ މުބާރާތްތައް މަދުވާނެ ކަމަށް ސީބީއެމުން މައުލޫމާތުދެއެވެ. އަދި އަހަރުގެ އެންމެ ބޮޑު ފޯރިއެއް އޮންނަ އެއް މުބާރާތް ކަމަށްވާ ރިސޯޓް ކްރިކެޓް މުބާރާތްވެސް ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.

މީގެ އިތުރުން ޖުލައި މަހުގެ ދެވަނަ ހަފުތާގައި އޮންނަ އިންޓަރނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) ކްރިކެޓް މުބާރާތަށް ކޮލިފައިވުމަށްޓަކައި މެޗުތަކެއް ކުޅުމަށް ހަމަޖެހިފަވާއިރު، އެ ކޮލިފައިން މެޗުތަކުގެ ކުރިން 50 އޯވަރުގެ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން 50 އޯވަރުގެ ކްރިކެޓް މުބާރާތް ފެށުމަށް ތާވަލުކޮށްފައިވަނީ އަންނަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހެވެ.

ޕީއެސްއެމުން ގެނެސްދިން "ކުޅިވަރު ވިންދު" ޕްރޮގްރާމުގައި ވާހަދައްކަވަމުން ސީބީއެމްގެ ޑިވެލޮޕްމަންޓް މެނޭޖަރ އިމާދު އިސްމާޢީލް ވިދާޅުވީ އެ މުބާރާތުން އައިސީސީ ކޮލިފައިންއަށް ދާނެ ގައުމީ ޓީމު އެކުލަވާލަން ފަސޭހަ ވެގެންދާނެ ކަމަށެވެ. އަދި ރަމަޟާން މަހަށްފަހު ޓީ20 މުބާރާތާއި، ޗެމްޕިއަންޝިޕް ތާވަލުކޮށްފައިވާ ކަމަށްވެސް އިމާދު ވިދާޅުވިއެވެ.

"
މިހާރު މުބާރާތުގައި ބައިވެރިވުމަށް ޓީމުތަކަށް ފުރުސަތު ހުޅުވާލާފައިވާނީ ގެޒެޓް މެދުވެރިކޮށް. އެއީ ހަމަ ހުރިހާ ބޭފުޅުންނަށް ބައިވެރިވެވޭ ގޮތަށް އޮތް މުބާރާތެއް.
އިމާދު އިސްމާޢީލް - ކްރިކެޓް ޑިވެލޮޕްމަންޓް މެނޭޖަރ

މި އަހަރު ކުރިއަށްދާނެ އެންމެ ބޮޑު މުބާރާތް ކަމަށްވާ ޓީ20 މުބާރާތް ފެށުމަށް ހަމަޖެހިފަވަނީ ޖުލައި މަހުގައެވެ. އެ މުބާރާތާއެކު ޗެމްޕިއަންޝިޕް ކުރިއަށްދާއިރު، ކްރިކެޓް ކުޅެމުން އަންނަ 18 ޓީމުގެ ތެރެއިން ޕްރިމިއަރ ލީގުގައި ވާދަކުރާނީ ހަ ޓީމެވެ.