ޚަބަރު

މަޖިލިސް އިންތިޚާބަށް އޭޕްރީލް 21 އަދި 22 ސަރުކާރު ބަންދު


  • އޭޕްރީލް 21 ވާ އާދީއްތަ ދުވަހަކީ ވޯޓުލާ ދުވަސް

  • އޭޕްރީލް 22 ވެސް ސަރުކާރު ބަންދުވާނެ

  • މި ދެދުވަސް ބަންދުކުރީ އިންތިޚާބުގައި ސަރުކާރުގެ ގިނަ މުވައްޒަފުން މަސައްކަތްކުރާތީ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުމުގެ މަސައްކަތާ ގުޅިގެން، އެޕްރީލް 21 ވާ އާދީއްތަ ދުވަހާއި، އެޕްރީލް 22 ވާ ހޯމަ ދުވަސް، ސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.

އޭޕްރީލް 21 ވަނަ ދުވަހަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލާ ދުވަހެވެ. އެދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ، އިންތިޚާބާގުޅޭ އެކިއެކި މަސައްކަތްތަކުގައި، ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި، އާންމު ރައްޔިތުން ހަރަކާތްތެރިވާނެތީ، ވޯޓުލުން ބާއްވާ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް، އިލެކްޝަންސް ކޮމިޝަނުން އެދިވަޑައިގެންފައި ވާތީއެވެ.

އަދި ޖެހިގެން އަންނަ 22 އެޕްރީލް ވާ ހޯމަ ދުވަހަކީވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ އިންތިޚާބުގެ ވޯޓުލުމަށް ފަހުގައި، ވޯޓު ގުނުމާ ނަތީޖާ އިޢުލާނުކުރުމާ، އަދި މި ނޫންވެސް އިންތިޚާބާ ގުޅުންހުރި މުހިންމު ގިނަ މަސައްކަތްތަކެއް އެ ދުވަހުވެސް ކުރިއަށްދާނެތީ، އިލެކްޝަންސް ކޮމިޝަނުން އެ ދުވަސްވެސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގެންފައިވާތީއެވެ.