ކުޅިވަރު

ރޮނާލްޑޯ އަދި ބެންޒެމާ މިރޭ މެޗަށް ފިޓު - ޒިދާން


ޗެމްޕިއަންސް ލީގުގައި މިރޭ މެންޗެސްޓަރ ސިޓީއާއި ދެކޮޅަށް ކުޅޭ މެޗަށް ދެ ފޯވާޑުންކަމަށްވާ ކަރިމް ބެންޒެމާ އަދި ކްރިސްޓިއާނޯ ރޮނާލްޑޯ ފިޓްވެފައިވާކަމަށް ރިއާލް މެޑްރިޑްގެ ކޯޗް ޒައިނުއްދީން ޒިދާން ބުނެފިއެވެ. 

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި މިރޭ ސިޓީއާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ޒިދާން ބުނީ ރިއާލް މެޑްރިޑް އޮތީ ވަރަށް ރަނގަޅު ފޯމެއްގައި ކަމަށާއި، ސިޓީ ބަލިކުރެވޭނެކަމަށެވެ. އަނިޔާއަށްފަހު މުހިންމު ދެ ފޯވާޑުން ފިޓްވުމަކީ ލިބުނު ބޮޑު ހިތްހަމަ ޖެހުމެއްކަމަށާއި، ސިޓީއާއި ދެކޮޅަށް ޓީމެއްގެ ގޮތުގައި ރަނގަޅު ކުޅުމެއް ދެއްކޭނެކަމަށް އުއްމީދުކުރާކަމަށް ޒިދާން ބުންޏެވެ. 

"އަނިޔާއަށްފަހު ރޮނާލްޑޯ އަދި ބެންޒެމާ ފިޓުވެއްޖެ، ޓީމެއްގެ ގޮތުގައި މޮޅު ކުޅުމެއްދެއްކުން އުއްމީދަކީ" ޒިދާން ބުނެޏެވެ.

މިރޭގެ މެޗަށް ސިޓީ ނިކުންނައިރު އެޓީމްގެ މިޑްފިލްޑަރ ޔާޔާ ޓޫރޭއަށް އަނިޔާގެ ސަބަބުން މެޗުގައި ނުކުޅެވޭނެއެވެ. މިރޭގެ މެޗުގެ ކުރިން މެންޗެސްޓާރ ސިޓީގެ ކޯޗް މެނުއެލް ޕެލެގްރިނީ ބުނީ ސިޓީއާއިއެކު މިހާ ހިސާބަށް އާދެވުމަކީވެސް ބޮޑު ކާމިޔާބެއްކަމަށާއި، އުއްމީދަކީ މިރޭ މޮޅު ކުޅުމެއް ދައްކައި ރިއާލް ބަލިކުރުންކަމަށެވެ. 

އޭނާ ބުނީ ސިޓީ މިރޭގެ މެޗުގައި ތަމްސީލްކުރަނީ މުޅި އިނގިރޭސި ލީގްކަމަށާއި، ހުރިހާ އެންމެން ސިޓީއާއި މެދު ބޮޑު އުއްމީދުތަކެއް ކުރާނެކަމަށެވެ. އަދި މި މުބާރާތުގެ އެންމެ ކާމިޔާބު ކްލަބް ރިއާލް މިރޭގެ މެޗުގައި ސިއްސުވާލާނެކަމަށް ޕެލްގެރިނީ ބުންޏެވެ. 

"ބޮޑު އުއްމީދަކާއިއެކު މެޗަށް މި ނިކުންނަނީ، އަހަންނަށްވެސް ޚާއްސަ މެޗެއް މިއީ" ޕެލްގެރިނީ ބުންޏެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި މެންޗެސްޓަރ ސިޓީ އަދި ރިއާލް މެޑްރިޑް ވާދަކުރާ މެޗް ފަށާނީ ރާއްޖެ ގަޑިން މިރޭ 23:45 ގައެވެ.