ޚަބަރު

ޘައުރު ފަރުބަދަ: އެ ފަރުބަދައެއްގެ ހޮހޮޅައިގައި ރަސޫލާ މަޑުކުރެއްވި ފަރުބަދަ


  • މި ފަރުބަދައިގެ ހޮހޮޅައިގައި ރަސޫލާ 3 ދުވަސް މަޑުކުރެއްވި

  • މިއީ ގާތްގަނޑަކަށް 743 މީޓަރު އުސް ފަރުބަދައެއް

  • ފަރުބަދައަށް އެރުމަށް ކުރަންޖެހުނީ ދަތި އުނދަގޫ ދަތުރެއް

ޘައުރު ފަރުބަދައަކީ ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ މައްކާ ދޫކުރައްވައި މަދީނާއަށް ހިޖުރަކުރެއްވިއިރު އެ ފަރުބަދައެއްގެ ހޮހޮޅައެއްގައި އަބޫބަކުރުގެފާނާއި އެކީގައި މަޑުކުރެއްވި ހޮހޮޅައެވެ. ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އަދި އަބޫބަކުރުގެފާނު މި ހޮހޮޅައިގައި 3 ރޭ ވަންދެން މަޑުކުރެއްވިއެވެ.

އެދުވަސްކޮޅުގައި ފަރިއްކޮޅު ހިއްޕަވައިގެން އަބޫބަކުރުގެފާނުގެ އަންހެން ދަރިކަނބަލުން އަސްމާގެފާނު މި ފަރުބަދައިގެ މައްޗަށް ކޮންމެ ރެއަކު ވަޑައިގަތެވެ. އަދި މައްކާގެ މުޝްރިކުންގެ ޚަބަރުތަކައިގެން އަބޫބަކުރުގެފާނުގެ ދަރިކަލުން އަބްދުﷲގެފާނުވެސް މިފަރުބަދައަށް ވަޑައިގަންނަވާކަމުގައިވެއެވެ.

ޤިބްލަ ޙައްޖު އެންޑް ޢުމްރާ ގްރޫޕާއިއެކު ޢުމްރާއަށް ކުރި ދަތުރުގައި މިފަރުބަދައިގެ ހޮހޮޅައަށް އެރުމަށްޓަކައި ދަތުރުފެށީމެވެ. ގާތްގަނޑަކަށް 16 ވަރަކަށް މީހުން ފަރުބަދައިގެ އެންމެ މައްޗަށް އެރޭތޯ ބެލިއެވެ. މި ފަރުބަދައިގެ އުސްމިނަކީ ގާތްގަނޑަކަށް 743 މީޓަރެވެ. ހޮހޮޅަ އިންނަނީ ފަރުބަދައިގެ އެންމެ އުހުގައެވެ.

ފަރުބަދައަށް އެރުމަށްޓަކައި ކުރަންޖެހުނީ ދަތި އުނދަގޫ މަސައްކަތެކެވެ. ހޮހޮޅައާއި ހިސާބަށް އެރުމަށް ދޮޅު ގަޑިއިރު ހޭދަވެއެވެ. މައްޗަށް އަރަމުން ދިޔަވަރަކަށް ބައެއް މީހުން ނޭވާ ކުރުވެ، ހާސްވާގޮތް ވިއެވެ. ބައެއް މީހުން އަނބުރާ ތިރިއަށްވެސް ފޭބިއެވެ. މައްޗަށް އަރަމުން ދިޔަވަރަކަށް އިހްސާސްކުރެވުނީ އެޒަމާނުގައި މިފަރުބަދައިގެ މައްޗަށް އަރަން އުފުލަންޖެހޭނެ ތަކްލީފެވެ. އެބޭކަލުން ދީނަށްޓަކައި ވިގުރުބާނީއެވެ.

ޘައުރު ފަރުބަދައިގެ ހޮހޮޅައާއި ބެހޭގޮތުން މައުލޫމާތުދެއްވަމުން ޤިބްލަ ޙައްޖު އެންޑް ޢުމްރާ ގްރޫޕްގެ ފަރާތުން އައްޝައިޚް އަޙްމަދު ފަޒާދު ވިދާޅުވީ، ނަބިއްޔާ މައްކާ ދޫކުރައްވައި މަދީނާއަށް ހިޖުރަކުރެއްވިއިރު މައްކާގެ މުޝްރިކުން މި ހޮހޮޅައާއި ހަމައަށް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އަދި އަބޫބަކުރުގެފާނު ޝަހީދުކޮށްލުމަށްޓަކައި އައިކަމަށެވެ. އެހެންނަމަވެސް އެބައިމީހުން މިހިސާބަށް އައިއިރުވެސް އެބައިމީހުންނަކަށް ނަބިއްޔާ އަދި އަބޫބަކުރުގެފާނު ފެނިވަޑައެއް ނުގަންނަވާކަމަށް ޝައިހް ވިދާޅުވިއެވެ.

"އެބައިމީހުން މިހޮހޮޅައިގެ ދޮރުމައްޗާއި ހަމައަށް އައި ވަގުތުގައި އަބޫބަކުރުގެފާނު ވިދާޅުވަނީ އޭ ﷲގެ ރަސޫލާއޭ. އެބައިމީހުން އެބައިމީހުންގެ ފަޔާއިދިމާލަށް ތިރިއަށް ބަލާލިކަމުގައިވިއަސް ތިމަން ބޭކަލުން ފެނިވަޑައިގަންނަވާނެއޭ. އެހިނދު ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ހަދީޘް ކުރައްވަނީ ކަލޭގެފާނު ކޮންފަދައަކުންހޭ ދެކެވަޑައިގަންނަވަނީ އެބޭކަލުންނަކާއި އެކީގައި 3 ވަނަ ފަރާތެއްގެ ގޮތުގައި ﷲ ސުބަހާނަހޫ ވަތައާލާ ވޮޑިގެންވާ ބަޔަކާއި ބެހޭގޮތުން. ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ހަދީޘް ކުރެއްވި ކަލޭގެފާނު ހާސްވެވަޑައިނުގަންނަވާށޭ، ﷲ ސުބްހާނަހޫ ވަތައާލާ ވޮޑިގެންވަނީ އަޅުގަނޑުމެންނާއި އެކީގައޭ." ޝެއިހް ވިދާޅުވިއެވެ.

ފަރުބަދައިގެ އެންމެ މައްޗަށް އެރި ޒުވާނެއްކަމަށްވާ ހުސައިން ރަމީޒް ބުނީ، ފަރުބަދައަށް އެރުމާއި ފޭބުން ވެގެންދިޔައީ ހީކުރިވަރަށްވުރެވެސް އުނދަގޫކަމަކަށްކަމަށެވެ. ނަމަވެސް މި ފަރުބަދައިގެ އެންމެ މައްޗަށް އަރާލާ ހޮހޮޅަ ބަލާލުމުގެ ފުރުސަތު ލިބުނީތީ ވަރަށް އުފާވާކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުމެންވެސް ފަރުބަދައަށް އަރަމުންދިޔަ ހުރިހައި ބޭފުޅުންވެސް ދައްކަމުން ދިޔަ ވާހަކައެއް އެއީ އެއިރުގައި އަދި ހާދަހާ އުނދަގޫ ވާނެއޭ. ހާދަހާ އީމާންތެރިކަން ވަރުގަދަ ވީމައޭ އެފަދަ ޤުރުބާނީއެއް ވާނީ. ޘައުރު ފަރުބަދަ ގުޅިފައި ވަނީ އިސްލާމީ ހަޟާރަތް ފެށުމާއި އެހެންވީމަ އެ ވަރަށް ތަފާތު ތަޖުރިބާއަކަށް އަޅުގަނޑަށް ފާހަގަކުރެވުނީ. ޘައުރު ފަރުބަދަ ރަމްޒުކޮށްދެނީ އުންމީދެއް. އޭގެއިތުރަށް އިސްލާމީ ހަޟާރަތުގެ ފެށުން." ރަމީޒު ބުންޏެވެ.

ފަރުބަދައިގެ އެންމެ މައްޗަށް އެރިއިރު މިތަނުގައި ބައެއް މީހުން ނަމާދުކުރަން ތިބިތަން ފެނުނެވެ. ހޮހޮޅައިގެ އެތެރެއަށް ގާތްގަނޑަކަށް އެއްފަހަރާ 10 ނުވަތަ 7 މީހުންނަށް ވަދެވޭނެއެވެ.

ޘައުރު ފަރުބަދައަކީ އަދި މި ފަރުބަދައިގެ ހޮހޮޅައަކީ ބައެއް އުމްރާވެރިން ޒިޔާރަތްކުރާ ތަނެކެވެ. އެހެންނަމަވެސް މިތަނަށް އައުމަކީ ދީނީގޮތުން ކޮންމެހެން ކުރަންޖެހޭ ކަމެއްނޫނެވެ. އަދި މިތަނުގައި ކުރުމަކަށް ވަކި ޚާއްސަ ނަމާދެއް އަދި އަޅުކަމެއް ނުވެއެވެ. ފަރުބަދައިގެ ތަންތަނުގައި އަތްކޭއްތުމާއި، ފިރުމައި ފާޑުފާޑުގެ ބަނދިތަކާއި އަންބާތަކާއި ޒިކުރުތައް ކިޔުމަކީ ޝަރުއީގޮތުން ހުއްދަ ކަމެއް ނޫންކަމަށް ޝައިހް ވިދާޅުވިއެވެ.