ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ކަމަށް އެ އެސޯސިއޭޝަނުގެ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލާއި ކުރީގެ ރައީސް އަޙްމަދު ޠާރިޤު (ޓޮމް) ކުރިމަތިލައްވައިފިއެވެ.
އެފްއޭއެމުން ވަނީ މި މަހުގެ އަށްވަނަ ދުވަހު ހިންގާ ކޮމީޓީގެ ބައްދަލުވުމެއް ބާއްވައި، އަސާސީ ގަވާއިދާ އެއްގޮތަށް 45 ދުވަހުގެ ތެރޭގައި އިންތިޚާބެއް ބާއްވަން ނިންމާފައެވެ. އެގޮތުން އަންނަ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު އިންތިޚާބު ބާއްވަން ނިންމާފައިވާއިރު، މިދިޔަ ހޮނިހިރު ދުވަހު ވަނީ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވެފައެވެ.
އެފްއޭއެމުން ހާމަކޮށްފައިވާ ގޮތުން ރައީސް ކަމަށް މި ފަހަރު ކުރިމެތިލެއްވީ ބައްސާމް އާއި ޠާރިޤެވެ. މީގެ ތެރެއިން ބާއްސާމް ރައީސް ކަމަށް ކުރިމަތިލެއްވީ ފުރަތަމަ ޑިވިޝަނުގެ ފަސް ކުލަބުގެ ތާއީދާއެކު ކަމަށް މައުލޫމާތު ލިބެއެވެ. އަދި ޠާރިޤަށް ފުރަތަމަ ޑިވިޝަނުގެ ތިން ކުލަބަކުން ތާއީދުކޮށްފައިވާއިރު، އޭގެ ތެރޭގައި ކުލަބު ވެލެންސިއާ ހިމެނޭ ކަމަށްވެސް މައުލޫމާތު ލިބެއެވެ.
އެފްއޭއެމުން މި ފަހަރުގެ އިންތިޚާބު އިއުލާންކޮށްފައިވަނީ ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ވެލެންސިއާ ސަސްޕެންޑް ކުރުމަށްފަހުއެވެ. އެފްއޭއެމުގެ އަސާސީ ގަވާއިދުގައިވާ ގޮތުން ކެންޑިޑޭޓަކަށް ރައީސްކަމަށް ކުރިމަތިލެއްވޭނީ ފުރަތަމަ ޑިވިޝަނުގެ ތިން ކުލަބެއްގެ ތާއީދާއެކުއެވެ. އެހެންކަމުން ޠާރިޤުގެ ކެންޑިޑެސީއާމެދު ގޮތެއް ނިންމާނީ އެފްއޭއެމުގެ އިލެކްޓޯރަލް ކޮމިޓީންނެވެ.
އެފްއޭއެމުގެ ރައީސްކަމުގެ ދެވަނަ ދައުރެއް މިހާރު ފުރުއްވަމުން އަންނަ ބައްސާމް އިތުރު ދައުރަކަށް ކުރިމަތިލެއްވިއިރު، އެ އިދާރާއިން މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ބާއްވަން ނިންމި އިންތިޚާބުގައި ބައްސާމް ވާދަކުރައްވާފައެއް ނުވެއެވެ. އެ ފަހަރު ޠާރިޤުގެ އިތުރުން އިންތިޚާބުގައި ވާދަކުރެއްވީ ކުލަބު އީގަލްސްގެ ވައިސް ޗެއާމަން މުފާވިޒް ހާޝިމް (މުފާ) އެވެ. އެކަމަކު އޭގެ ފަހުން މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު މުފާ ވަނީ އެފްއޭއެމުގެ ހިންގާ ކޮމިޓީގެ މެންބަރުގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
އެ ފަހަރު އެފްއޭއެމުން ބާއްވަން މަސައްކަތްކުރި އިންތިޚާބުގެ ކަންކަން ހުއްޓާލަން އެންގީ ފީފާ އާއި އޭއެފްސީންނެވެ. ފީފާ އާއި އޭއެފްސީން އެގޮތަށް އެންގީ ޠާރިޤުގެ ކެންޑިޑެސީ ބާތިލުކުރަން އެ ފަހަރު ނިންމާފައިވަނިކޮށް، އިލެކްޓޯރަލް ކޮމިޓީ އެކުލަވާލައިފައިވާ ގޮތް ސައްހަ ނޫން ކަމަށް ބަޔާންކޮށެވެ. އެއާއެކު މި މަހުގެ އަށްވަނަ ދުވަހު ބޭއްވި އެފްއޭއެމުގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއްގައި އެފްއޭއެމުން ވަނީ އިންތީޚާބީ ކޮމިޓީތައް އެކުލަވާލާފައެވެ.