ޚަބަރު

ކުވައިތު ފަންޑުން އެހީ އަނބުރާ ގެންދިޔައީ ޕްރޮކިއުމަންޓު އުސޫލާ ޚިލާފުވުމުން: ވަޒީރު ޚަލީލު


  • ފަންޑިން އެޖެންސީތަކުން ވަކި އުސޫލުތަކެއް ގެންގުޅޭ

  • ފަންޑިން އަނބުރާ ގެންދިޔައީ ވަކި ގޮތަކަށް އެވޯޑުކުރުމުގެ މަރުހަލާ ކުރިއަށް ގެންދިޔުމުން

  • ފަންޑިން އަނބުރާ ހޯދުމަށް މަސައްކަތްކުރާނެ ކަމަށް ވަޒީރު ވިދާޅުވި

ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ކުވައިތު ފަންޑުން ދިން އެހީ އަނބުރާ ގެންގޮސްފައިވަނީ، ކުރީ ސަރުކާރުން ކުވައިތު ފަންޑުގެ ޕްރޮކިއުމަންޓު އުސޫލާއި ޚިލާފުވުމުންކަމަށް ޞިއްޙަތާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ވަޒީރު ޚަލީލު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ޞިއްޙަތާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ ބައިނަލްއަޤްވާމީ ފަންޑިން އެޖެންސީތަކަކީ ޕްރޮކިއުމަންޓު ވަކި އުސޫލުތަކެއް ގެންގުޅޭ އެޖެންސީތަކެއް ކަމަށެވެ. އަދި ކުވައިތު ފަންޑުން ދިން އެހީ އަނބުރާ ގެންގޮސްފައިވަނީ ރާއްޖެއިން ޕްރޮކިއުމަންޓުގެ އުސޫލުތަކާއި ޚިލާފުވުމުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ރާއްޖެއިން އެސެސް ކުރުމަށްފަހު މިފޮނުވަނީ، ރާއްޖެއިން އޭރުގައި، ވަކި ގޮތަކަށް އެވޯޑުކުރުމުގެ މަރުހަލާ ކުރިއަށް ގެންދިޔުމަށް މަސައްކަތްކުރުމުން، ކުވައިތު ފަންޑުން ފައިސާ އަނބުރާ ގެންގޮސްފައިމިވަނީ" ޚަލީލު ވިދާޅުވިއެވެ.

ކުވައިތު ފަންޑުން އޭރު ދިިން އެހީއަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ހޮސްޕިޓަލްތައް އެޅުމަށް ދިން އެހީއެކެވެ. ވަޒީރު ޚަލީލު ވިދާޅުވީ ކުވައިތު ފަންޑުން އޭރު ލިބުނު އެހީގައި ކުރިއަށް ގެންދިޔުމަށް ރޭވި މަޝްރޫޢުތަކަށް އެހެން ގޮތްގޮތުން ފައިސާ ހޯދުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށެވެ.

އެގޮތުން ފަންޑިން އަނބުރާ ހޯދުމަށްވެސް މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް ވަޒީރު ޚަލީލު ވިދާޅުވިއެވެ.