ޚަބަރު

އައްސޭރި ޖަލުގައި ބަކަރި ފާމެއްގެ ބިންގާ އަޅައިފި


މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން އައްސޭރި ޖަލުގައި ބަކަރި ފާމެއްގެ ބިންގާ އަޅައިފިއެވެ.

މި ފާމްގެ ބިންގާ އަޅުއްވައިދެއްވީ އައްސޭރި ޖަލުގެ ޑައިރެކްޓަރ، އެސިސްޓެންޓް ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުޙައްމަދު ހުސައިން އެވެ. އައްސޭރި ޖަލުގައި ބަކަރި ގެންގުޅޭތާ ގިނަ ދުވަސްތަކެއްވެފައިވާއިރު، މިހާރު ބަކަރި ގެންގުޅެމުންދާ ކޮށީގައި ޖާގައިގެ ދަތިކަން ހުރުމުން, މި މަސައްކަތް އެންމެ އެކަށީގެންވާ ގޮތުގައި ކުރިއަށް ގެންދިއުމުގައި ދަތިތަކެއް ހުރިނަމަވެސް އަލަށް ބިންގާ އެޅުނު މި ފާމްގެ މަސައްކަތް ނިމުމުން މި މައްސަލަތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް އައްސޭރި ޖަލުން ވިދާޅުވެއެވެ.

އައްސޭރިޖަލުގައި ބަކަރި ކޮށި ހަދައިގެން ބަކަރި ގެންގުޅެމުންދާއިރު، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އަމާޒަކީ މި މަސައްކަތް އިތުރަށް ފުޅާކޮށް، މިމަސައްކަތުގައި ގިނަ ޤައިދީންގެ ބައިވެރިވުން އިތުރުކުރުން ކަމަށް އައްސޭރި ޖަލުން ހާމަކުރައްވައެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް އާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކޮމިޝަންޑް އޮފިސަރުންގެ އިތުރުން އައްސޭރި ޖަލުގެ އޮފިސަރުން ބައިވެރިވިއެވެ.