ޚަބަރު

ލައިވް ބްރޯޑްކާސްޓްކޮށް ދ.އަތޮޅު ތަޢުލީމީ މަރުކަޒުގެ މީޑިއާ ކްލަބުން ދައްކާލީ މޮޅު ހުނަރެއް


  • މީޑިއާ ކްލަބް ދަރިވަރުން ވަނީ ކުޅިވަރު ހަރަކާތެއް ލައިވް ބްރޯޑްކާސްޓްކޮށްފައި

  • ކެމެރާކުރުމާއި ޕްރޮޑަކްޝަންގެ ހުނަރު ވަނީ ދައްކާލާފައި

  • މީއީ ދަރިވަރުން މަސައްކަތުގެ މާޙައުލަށް ޝައުގުވެރިކުރުމަށް ދޭ ފުރުޞަތެއް

ސްކޫލްތަކުގައި ހިންގާ ކްލަބްތަކުގެ ބޭނުމަކަށްވަނީ ކްލާސްރޫމުން ލިބޭ ތަޢުލީމުގެ އިތުރުން ދަރިވަރުން ސްކޫލް ނިންމާ ނިކުންނައިރު އެ ދަރިވަރުންނަށް އިތުރު ހުނަރުތައް ދަސްކޮށްދީ އެކި ދާއިރާތަކަށް އަހުލުވެރިކުރުމެވެ. މަސައްކަތުގެ މައިދާނަށް ބޭނުންވާ ހުނަރުތައް ދަރިވަރުންގެ ކިބައިގައި އަށަގަންނުވާ އެކަމަށް ޝަޢުގުވެރިކަން އުފެއްދުމެވެ.

ދ.ކުޑަހުވަދޫގައި ހުންނަ ދ.އަތޮޅު ތަޢުލީމީ މަރުކަޒަކީ ދަރިވަރުންނަށް ހުނަރު ދަސްކުރުމުގެ ފުރުޞަތު އެންމެ ފުޅާ ދާއިރާއެއްގައި ފަހިކޮށްދެމުން އަންނަ ސްކޫލެކެވެ. އެސްކޫލްގެ އަރޓް އެންޑް މީޑިއާ ކްލަބްގެ ދަރިވަރުން ކްލަބް ހިންގުމުގައި މިފަހަރު މިވަނީ އެހެން ސްކޫލްތަކަށް މިސާލު ދައްކާފައެވެ.

ސްކޫލްގެ މީޑިއާ ކްލަބްގެ ދަރިވަރުން މިވަނީ، ޓީވީ ބްރޯޑްކާސްޓިން ފުލް ސެޓަޕެއް ބޭނުންކޮށްގެން ސްކޫލްގެ ކުޅިވަރު ހަރަކާތެއް ލައިވް ސްޓްރީމްކޮށްފައެވެ.

މިމަހު ބޭއްވި އެ ސްކޫލްގެ ކީ ސްޓޭޖް 3ގެ ކުޅިވަރު ހަރަކާތްތަކުގެ ފައިނަލް މެޗުތަކާއި ނިންމުމުގެ ރަސްމިއްޔަތު މީޑިއާ ކްލަބުން ވަނީ ލައިވް ސްޓްރީމް ކޮށްފައެވެ. ލައިވް ސްޓްރީމް ކޮށްފައިވަނީ ގްރޭޑް 7 އަދި 8ގެ ދަރިވަރުން ކުރިއަށްގެންދިޔަ ފުޓުބޯޅަ އަދި ހޭންޑް ބޯޅަ މުބާރާތުގެ ފައިނަލް މެޗްތަކެވެ.

މި ކަވަރޭޖްގައި 2 ކެމެރާ ބޭނުންކޮށްގެން މެޗުތަކުގެ ޝޮޓްތައް ހެދުމާއި ލައިވް ތެރެއިން ޝޮޓުތައް ކަޓްކުރުމާއި ގްރެފިކްސް އެރުވުންފަދަ ކަންކަން ކޮށްފައިވަނީ މީޑިއާ ކްލަބްގެ ދަރިވަރުންނެވެ. މިއީ ވަރަށް ޓެކްނިކަލް މަސައްކަތްތަކަކަށްވުމާއެކު، މި މަސައްކަތްތައް ދަސްކުރެވޭނީ ވަރަށް ޝަޢުގުވެރިކަމާ މުޅި ހުނަރަކާއެކުއެވެ. ކުޅިވަރު ހަރަކާތެއްގައި ކެމެރާ ޝޮޓްތައް ހެދޭނީ ވަރަށް ހުށިޔާރުވެގެންނެވެ.

މި ކަވަރޭޖުގައި ދަރިވަރުން ވަނީ ކެމެރާ ބޭނުންކުރުމާއި ލައިވަށް އަޑު ވެއްދުމާއި ލައިވް ޕްރޮޑަކްޝަން އަދި ކަވަރޭޖްގެ ތެރެއިން މުއާމަލާތް ކުރުމުގެ ހުނަރު ފަރިތަކޮށްފައެވެ.

މި ކަވަރޭޖް މީޑިއާ ކްލަބްގެ ދަރިވަރުން ކުރިއަށްގެންދިޔައީ ޕްރޮފެޝަނަލް ޓީވީ ބްރޯޑްކާސްޓް މިންގަނޑުތަކާ އެއްގޮތަށެވެ.

ދ.އަތޮޅު ތަޢުލީމީ މަރުކަޒުން ބުނެފައިވަނީ މި ފުރުޞަތަކީ ދަރިވަރުންނަށް ޢަމަލީ މައިދާނުގައި ހުނަރު އުނގަންނައިދިނުމަށް ފަހިކޮށްދީފައިވާ ފުރުޞަތެއްކަމަށެވެ. އަދި ކުރިމަގުގައި ޕްރޮފެޝަނެއްގެ ގޮތުގައި މީޑިއާ ދާއިރާ ޚިޔާރުކުރުމަށް ދަރިވަރުންގެ ހިތްތަކުގައި މިކަމަށް ޝަޢުގުވެރިކަން އުފެއްދުމަށް ދިން ފުރުސަތެއް ކަމަށެވެ. ދ.އަތޮޅު ތަޢުލީމީ މަރުކަޒުން ބުނީ މި ދާއިރާއިން ދަރިވަރުންނަށް ބޭނުންވާ ހުނަރު އިތުރުކުރުމަށް ތަމްރީން ފުރުޞަތުތައްވެސް އެ ސްކޫލުން ފަހިކޮށްދެމުން އަންނަކަމަށެވެ.

ދ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ހުޅުވުނީ 1984ވަނަ އަހަރުއެވެ. އެސްކޫލްގައި ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގްރޭޑް 12އާއި ހަމައަށް އަންނަނީ ކިޔަވައިދެމުންނެވެ. ސްކޫލްގައި އަށްސަތޭކައެއްހާ ދަރިވަރުން ތަޢުލީމު ހާސިލްކުރެއެވެ.