ޚަބަރު

ބްލިންކަން ސޯލަށް ވަޑައިގެންނެވުމުން އުތުރު ކޮރެޔާއިން މިސައިލެއް ޓެސްޓުކޮށްފި


އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ދެކުނު ކޮރެޔާގެ ވެރިރަށް ސޯލަށް ދަތުރުފުޅެއް ފެއްޓެވުމާ ދިމާކޮށް އުތުރު ކޮރެޔާއިން ބެލިސްޓިކް މިސައިލެއްގެ އަޖުމަ ބަލައިފިއެވެ. ބްލިންކަން ސޯލަށް ވަޑައިގަންނަވާފައި ވަނީ ރައީސް ޔުންސޮންގ-ޔޮއިއާ ބައްދަލުކުރައްްވައި, ޑިމޮކްރެސީ ކުރިއެރުވުމަށް ބާއްވާ 'ސަމިޓް ފޯ ޑިމޮކްރެސީ'ގައި ބައިވެރިވެ ވަޑައިގެންނެވުމަށެވެ.

ބްލިންކަންގެ ދަތުރުފުޅާ ދިމާކޮށް އުތުރު ކޮރެޔާއިން ޓެސްޓު ކޮށްފައި ވަނީ ކުރު ރާސްތާގެ ބެލިސްޓިކް މިސައިލެކެވެ. މިއީ, ފާއިތުވި ދެ މަހެއްހާ ދުވަހުގެ ތެރޭގައި އުތުރު ކޮރެޔާއިން މިސައިލް ޓެސްޓެއް ހަދާފައިވާ ފުރަތަމަ ފަހަރެވެ. މިސައިލް އުދުއްސައިލާފައި ވަނީ ވެރިރަށް ޗޮންގްޔަންގުންނެވެ.

ދެކުނު ކޮރެޔާއިން ވަނީ އުތުރުގެ މިސައިލް ޓެސްޓާ ގުޅޭ މަޢުލޫމާތު އެއްކޮށްފައެވެ. ދެކުނު ކޮރެޔާގެ އަސްކަރިއްޔާއިން ބުނީ, އުތުރު ކޮރެޔާގެ މިސައިލް 300 ކިލޯމީޓަރު ދުރަށް ދަތުރު ކުރުމަށް ފަހު, އުތުރު ކޮރެޔާގެ އިރުމަތީ ފަރާތުން ކަނޑަށް ވެއްޓިފައިވާ ކަމުގައެވެ. ދެކުނު ކޮރެޔާއިން ވަނީ އުތުރުގެ މިސައިލް ޓެސްޓު އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ވެސް ކޮށްފައެވެ. މިއީ, އެ ސަރަޙައްދުގެ ޤައުމުތަކަށް ބިރު ދައްކަން އުތުރުން ހިންގި އަމަލެއްގެ ގޮތުގައި ދެކުނުން ސިފަ ކުރެއެވެ.

ޖަޕާނުގެ ބޮޑުވަޒީރު ފުމިޔޯ ކިޝިދާ ވެސް ވަނީ އުތުރު ކޮރެޔާގެ މިސައިލް ޓެސްޓު ކުށްވެރި ކުރައްވާފައެވެ. ޖަޕާނުގެ ކޯސްޓްގާޑުން ބުނީ, އުތުރު ކޮރެޔާއިން ދެ ބެލިސްޓިކް މިސައިލް އުދުއްސައިލާފައިވާ ކަމުގައެވެ. އަދި, އޭގެ ތެރެއިން އެއް މިސައިލް 350 ކިލޯމީޓަރު ދުރަށް ދަތުރު ކޮށްފައިވާ ކަމަށާއި, ދެ މިސައިލް ވެސް ވެއްޓިފައި ވަނީ ޖަޕާނުގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދުން ބޭރުން ކަނޑުގެ ސަރަޙައްދަށް ކަމުގައި ޖަޕާނުގެ ކޯސްޓްގާޑުން ބުންޏެވެ.

"އުތުރު ކޮރެޔާގެ މި ފަދަ އަމަލުތަކާ ގުޅިގެން ސަރަޙައްދީ ހަމަޖެހުމާއި ސަލާމަތަށް, އަދި ބައިނަލްއަޤުވާމީ ސަލާމަތަށް ދަނީ ނުރައްކާވަމުން،" ކިޝިދާ ވިދާޅުވިއެވެ. އޭނާ ވަނީ, އުތުރު ކޮރެޔާއިން މިސައިލް ޓެސްޓު ހަދާފައި ވަނީ އދގެ ޤަރާރުތަކާ ދެކޮޅަށް ކަން ވެސް ފާހަގަ ކުރައްވާފައެވެ.

އުތުރު ކޮރެޔާއިން މިސައިލް ޓެސްޓެއް ހަދާފައި މި ވަނީ, އެ ޤައުމުގެ އަސްކަރިއްޔާއިން ތަމްރީނުތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ. އެ ޤައުމުގެ ޒައީމު ކިމްޖޮންގ އުން, އަސްކަރީ ތަމްރީނުތައް ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމުގައި އެ ޤައުމުގެ ދަޢުލަތުގެ މީޑިޔާ, ކޭސީއެންއޭން ބުނެއެވެ. އުތުރުން އަސްކަރީ ތަމްރީނުތައް ފަށާފައި ވަނީ, ދެކުނު ކޮރެޔާއާއި އެމެރިކާ ގުޅިގެން އަހަރަކު އެއްފަހަރު ބާއްވާ ބޮޑު އަސްކަރީ ތަމްރީނުތައް ފެށުމާ ގުޅިގެންނެވެ.

ދެކުނު ކޮރެޔާގެ އަސްކަރީ ތަމްރީނުތަކުގެ ތެރެއިން އެ ޤައުމުން ވަނީ, އުތުރާ ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ރަށްތަކަށް އިތުރު ސިފައިންނާއި, ހަތިޔާރު ފޮނުވާފައެވެ. އޭގެ ތެރޭގައި އަސްކަރީ ހެލިކޮޕްޓަރުތަކާއި ކަނޑުމަގުން ޙަމަލާ ދިނުމަށް ބޭނުން ކުރާ އުޅަނދުފަހަރު ހިމެނެއެވެ. 2010 ވަނަ އަހަރު އުތުރު ކޮރެޔާއިން އެ ރަށްތަކަށް ޙަމަލާތަކެއް ދީފައިވެއެވެ.